މިދިޔަ އަހަރުގެ ރޯދަމަހު ބާޒާރުގައި 1،000 އިން މައްޗަށް ވިއްކި ކަނޑޫދޫ މިރުހުގެ އަގު 300 އަށް ވެއްޓިއްޖެއެވެ.

ދިވެހިންގެ ކެއުމުގައި އާންމުކޮށް ބޭނުންކުރާ ބާވަތްތަކުގެ ތެރޭގައި މިރުސް ހިމެނޭއިރު، ރޯދަމަހު ބާޒާރުގައި އެންމެ އަގު އަރާ ބާވަތުގެ ތެރޭގައި ތ.ކަނޑޫދޫ މިރުސް ހިމެނެއެވެ.

ވޭތުވެދިޔަ އަހަރުގެ ރޯދަމަހު ކަނޑޫދޫ މިރުހުގެ އަގު 1،500 އަށްވުރެެއް މައްޗަށް އެރިނަމަވެސް، މިއަހަރުގެ ރޯދަމަސް ކައިރިވެގެން އައިއިރު ކަނޑޫދޫ މިރުސް ކިލޯއެއް އެރަށުގައި ވިކެމުން ގެންދާ އަގަކީ 170 ރުފިޔާއާއި 180 އާ ދެމެދުގެ އަގެއްގައެވެ. މިއަގުތައް މިއަށްވުރެއް މައްޗަށް ނާރާނެކަމަށް އެރަށުގައި މިރުސް ހެއްދުމުގެ މަސައްކަތްކުރާ ބައެއް ދަނޑުވެރިން ވަނީ ބުނެފައެވެ.

މީގެ އެތައް ދުވަހެއް ކުރީއްސުރެ މިރުސް ހެއްދުމުގެ މަސައްކަތް ކުރާ އަދި މިހާރުގެ ކައުންސިލަރެއް ކަމަށްވާ މުހައްމަދު އާދަމް، ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ވޭތުވެދިޔަ އަހަރުގެ ރޯދަމަހާއި ހިލާފަށް މިއަހަރުގެ ރޯދަމަހު މިރުހުގެ އަގު ދަށްވާނެ ކަމަށާއި، އޭގެ ސަބަބަކީ ރޯދަމަހަށް އަމާޒުކޮށްގެން ގިނަ އަދަދަކަށް މިރުސް ހެއްދިފައިވުން ކަމަށެވެ.

ހޫނުގަދަ ވުމުގެ ސަބަބުން މިރުސް ގަސްތަކަށް ބޮޑެތި ގެއްލުންތަކެއް ވުމާގުޅިގެން ނިމިދިޔަ އަހަރުގެ ރޯދަމަހު މާލޭގެ ބާޒާރަށް ބޭނުންވާ ވަރަށް މިރުސް ނުލިބި، ބާޒާރުގައި ވިއްކަމުންދިޔަ ކަނޑޫދޫ މިރުހުގެ އަދަދު މަދުވެ، އަގު އިންތިހާއަށް މައްޗަށްގޮސް، ބާޒާރުގައި މިރުސް ކިލޯއެއް ވިއްކާފައިވަނީ 1500 އަށްވުރެން މަތިންނެވެ.

ނަމަވެސް، އެރަށުގެ ރައްޔިތުން މިއަހަރުގެ ރޯދަމަހަށް އަމާޒުކޮށް ގިނަ އަދަދަކަށް މިރުސް ހައްދާފައިވާތީ، މިރުހުގެ އަގު 300 އަށްވުރެއް މައްޗަށް އަރާނެކަމައް ލަފާނުކުރެވޭ ކަމަށް މުހަންމަދު އާދަމް ވިދާޅުވެފައިވެއެވެ.

ކަނޑޫދޫގައި ގޯތި ދޫކުރާ ސަރަހައްދު ފިޔަވައި ރަށުގެ އިތުރު ސަރަހައްދުތަކުން 5000 އަކަފޫޓުގެ ސަރަހައްދެއް، ރަށުގެ 18 އަހަރުން މަތީގު ރައްޔިތުންނަށް މިބޭނުމަށް ދޫކުރެވިގެންދާއިރު، މިއިން ބޮޑު ސަރަހައްދެއްގައި މިމަސައްކަތް ކުރިއަށްދާ ކަމަށާއި، ރަށުގެ 80 އިންސައްތަ މީހުން މިމަސައްކަތް ކުރާ ކަމަށްވެސް މުހައްމަދު އާދަމް ވިދާޅުވިއެވެ.

ރާއްޖޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މިރުހުގެ ވިޔަފާރިއަށް ދިމާވާ ގޮންކެހުންތަކާއި ގުޅޭގޮތުންވެސް އޭނާ ވަނީ ވާހަކަ ދައްކަވާފައެވެ.

އެގޮތުން، ކޮވިޑާއި ގުޅިގެން ތަންތަނަށް މިރުސް މާކެޓް ކުރުމާއި، މިރުސް ގަންނަން މީހުން މާރުކޭޓަށް ނުދާތީ، މިރުހުގެ ވިޔަފާރިއަށް ބޮޑެތިގެއްލުންތައް ލިބޭކަންވެސް ކައުންސިލަރ ވިދާޅުވިއެވެ. މުހަންމަދު އާދަމް ވިދާޅުވީ މިއީވެސް ކަނޑޫދޫ މިރުހުގެ އަގު ދަށްވުމުގެ އެއް ސަބަބު ކަމަށެވެ.