ސިޔާސީ އޮއެވަރު އެނގިގެން އެމްޑީޕީ މެމްބަރުން އެކަތިގަނޑަކަށް ވާންޖެހޭކަމުގެ ފިލާވަޅުތައް މިހާރު ލިބެމުންދާކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

މޫސާ މަނިކު މިފަދައިން ވިދާޅުވެފައިވަނީ އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވަގުތީ ނަތީޖާއަށް ރިއާޔަތްކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

މޫސަ ވިދާޅުވީ ދުނިޔަވީ ކަންކަމުން އިބުރަތް ހާސިލްކޮށް، ސިޔާސީ އޮއެވަރު ދަނެތިބެ އެމްޑީޕީ މެމްބަރުން އެކަތިކަނޑަކަށް ވާންޖެހޭކަމުގެ ފިލާވަޅުތަށް ލިބެމުންދާ ކަމަށެވެ. ޕާޓީގެ ވެރިޔަކީ އެވަގުތަކު ސިޔާސީގޮތުން ހުންނަ އެންމެ އިސްމީހާކަން ޤަބޫލުކޮށް ޕާޓީގެ ވެރިކަމަކީ ވިރާސީ ރަސްކަމެއް ނޫންކަން ގަބޫލުކުރަން ޖެހިފައިވާކަމަށް މޫސަ ވިދާޅުވިއެވެ.

މީގެ އިތުރުން އިއްޔެގެ އިންތިޚާބުގައި އެމްޑީޕީއަށް މާލޭ ސިޓީގެ މޭޔަރުކަން ކާމިޔާބު ނުކުރެވުމާއި ގުޅިގެން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވެސް ވަނީ އެމްޑީޕީން ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށްފައިވީ ނަމަވެސް އެންމެ ބޮޑު ސިޓީ، މާލޭ ސިޓީގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބު ނުކުރެވުނީ ޕާޓީގެ އެތެރޭގެ ބައިބައިވުމުގެ ސަބަބުންކަން ފާހަގަކުރައްވާފައެވެ.

ކޮވިޑް-19އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކީވެސް މި ނާކާމިޔާބީ މެދުވެރިވާން ދިމާވި ސަބަބެއް ކަމަށާއި، މި އިންތިޚާބުން ދަސްވި ގިނަ ކަންކަމުން ފިލާވަޅު ނަގައިގެން ކުރިއަށްއޮތް ތަނުގައި މިއަށްވުރެ ރަނގަޅަށް ކަން ކުރަން މަސައްކަތްކުރައްވާނެ ކަމުގައި ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގެ ފަރާތުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ވާދަކުރެއްވި ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރު ވެސް އެމްޑީޕީގެ ސްޓްރެޓެޖީތައް ބަދަލުކުރަން ޖެހިފައިވާކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.