ކައުންސިލްތަކުގެ ހަތަރު ގޮނޑިއެއް އަލުން ގުނުމަށް އެމްޑީޕީން އެދޭ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޙާބުގެ ނަތީޖާތަކާ ގުޅޭގޮތުން އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ރައީސް ވިދާޅުވީ ކައުންސިލްތަކުގެ ހަތަރު ގޮނޑިއެއް އަލުން ގުނުމަށް ޕާޓީން އެދޭ ކަމަށާއި އެގޮތުން ނަތީޖާ ޝީޓްތަކާއި ވޯޓު ކަރުދާސްކޮޅުތައް އަލުން ގުނަން ބޭނުންވާ ކަމަށެވެ.

އެގޮތުން ޓީ.4، ޓީ.3 އަދި ޓީ.10ގެ އިތުރަށް ޓީ.15 އަލުން އަނބުރާ ގުނަން ބޭނުންވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މާލޭގެ އިންތިޚާބު މިފަހަރު މިވަނީ ގެއްލިފައި ކަމަށާއި ޚާއްސަކޮށް މާލޭގެ މޭޔަރުކަން އެމްޑީޕީއަށް ވަނީ ގެއްލިފައި ކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މާލެއިން ލިބުނީ ފަސް ގޮނޑިކަމަށާއި ބާކީ ހުރި ގޮނޑިތައް އެ ޕާޓީއަށް ވަނީ ގެއްލިފައިވާކަން އެ ޕާޓީން ގަބޫލުކުރާ ކަމަށެވެ.

މާލޭ މޭޔަރު ކަމަށް ހޮވިވަޑައިގަތް ކެންޑިޑޭޓަށް މަރުހަބާ ވިދާޅުވެ ރައީސް ނަޝީދު ވަނީ ރާއްޖޭގެ އަޣުލަބިއްޔަތު ކައުންސިލް އިންތިޚާބުން އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައި ކަމަށާއި އެގޮތުން ތިން ސިޓީއެއްގެ މޭޔަރު ކަން ފާހަގަކުރައްވާފައެވެ.

އަދި އެ ސިޓީތަކުގެ އަޣުލަބިއްޔަތުވެސް އެ ޕާޓީން ވަނީ ކާމިޔާބުކޮށްފައި ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަޅުގަނޑުމެން މި އިންތިޚާބުގަ ވަކިވަކި ގޮނޑިތަކަށް ބެލުމުގެ އިތުރުން އަބަދުވެސް ބަލަމުން އަންނަ އެއް މަސައްކަތަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ހިންގުމުގެ މަސައްކަތް. މިހާރު މިވަނީ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެވިފަ. އަދި އެ ބަދަލުތަކާތަކާ އެކުގައި އައު ކައުންސިލް މިވަނީ އިންތިޚާބުކުރެވިފަ."
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު

މާލޭ ސިޓީ ކައުންސިލު މިވަގު އޮތްގޮތުން ވަކި ސިޔާސީ ޕާޓީއަކަށް އަޣުލަބިއްޔަތެއް ލިބިފައި ނުވާ ކަމަށާއި މާލޭ ސިޓީ ކައުންސިލުގ އަޣުލަބިއްޔަތު އޮތް ޕާޓީއެއް ސާފުވާން އަދި ތިން ދުވަސް ނަގާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޮންމެ ގޮތަކަށް މާލޭ ސިޓީ ކައުންސިލުގެ އަޣުލަބިއްޔަތު އޮތް ނަމަވެސް އެމްޑީޕީގެ އަމާޒަކަށްވާނީ މާލޭ ކައުންސިލް ލާމަރުކަޒީ ނިޒާމުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަދި ގާނޫނުގައިވާ ގޮތުގެ މަތިން ރަނގަޅަށް ހިންގަމުން ގެންދިޔުން ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.