"އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫއުގެ ދަށުން ހައި ސްޕީޑް ފެރީ ނިޒާމުގެ ޙިދުމަތަށް ބޭނުންވާ ސްޕީޑް ފެރީތައް ބަނުމަށް ގަލްފް ކްރާފްޓް މޯލްޑިވްސް އާއި ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. އަދި ގަލްފް ކްރާފްޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީއެ ކުންފުނީގެ ޗެއަރމަން މުހައްމަދު ހުސައިން އަލްޝާލީއެވެ.

މި އެއްބަސްވުމުގެ ދަށުން، 17 ސްޕީޑް ފެރީއެއް ބަނުމުގެ މަސައްކަތްގަލްފް ކްރާފްޓް މޯލްޑިވްސްއާއި އެމްޓީސީސީން ވަނީ ހަވާލުކޮށްފައެވެ.

ގަލްފް ކްރާފްޓް މޯލްޑިވްސް އަކީ މި ފަންނުގައި ރާއްޖޭގައި އެންމެ ތަޖުރިބާކާރު ކުންފުންޏެވެ. އެމްޓީސީސީން ބުނީ މި ފެރީތަކަކީ 50 މީހުންގެ ޖާގައިގެ އަދި 30 ނޮޓް ގެ ބާރުމިނެއްގައި ދުވާ ފެރީތަކެއް ކަމަށެވެ. އެމްޓީސީސީން މިހާރު ބޭނުންކުރާ ފެރީތަކަށްވުރެ މި ފެރީތަކުގެ ސްޕީޑް 3 ގުނަ އަވަސް ވާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

އެމްޓީސީސީން ބުނީ މިފެރީތައް ބަނުމުގައި ގަލްފް ކްރާފްޓުން އިސްކަންދޭނީ ދަތުރުވެރިންނަށް ހިތްފަސޭހަ ދަތުރެއްކުރެވޭނޭ ފަދަ ގޮތަކަށް ފެރީތައް ބަނުމަށް ކަމަށެވެ. މިގޮތުން ފެރީގެ ސީޓާއި، ފަސެންޖަރުންގެ ކެބިން ފަރުމާކުރެވޭނީ މިފަދަ ދަތުރުތައްކުރުމަށް އެންމެ އެކަށޭނަ ގޮތަށް ކަމަށާއި، ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ޙާއްސަ އިންތިޒާމްތަކެއް މިފެރީތަކުގައި ޤާއިމްކުރެވޭނެ ކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.

އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް މަޝްރޫއުގެ ދަށުން، ޓާރމިނަލް އާއި ފެރީ ސްޓޮޕްތައް އެޅުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

އެގޮތުން، ހޯރަފުށީގައި ފެރީ ޓާމިނަލް އެޅުމުގެ މަސައްކަތް ފަށާފައިވާކަމަށާއި، އެހެން ޓާމިނަލްތަކާއި ފެރީ ސްޓޮޕް ތަކުގެ މަސައްކަތްތައް ފެށުމަށް މިހާރު ތައްޔާރުވަމުން ދާކަމަށް އެމްޓީސީސީން ބުނެއެވެ. މި ފެރީތަކުގެ ޚިދުމަތް މިއަހަރުގެ ނޮވެމްބަރުމަހު ފެށުމަށްޓަކައި، ބޭނުންވާ ފަންނީ މުވައްޒަފުން ހޯދުމަށް މިމަހުގެތެރޭ އިއުލާނު ކުރެވިގެންދާނެ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

މުޅި ރާއްޖެ ގުޅުވައިދޭ ހައި ސްޕީޑް ފެރީގެ ނިޒާމެއް ގާއިމްކުރުމާއި، ފަސޭހައިގައި ރައްޔިތުންނަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ އިންތިޒާމު ގާއިމްކުރުމަކީ މި ސަރުކާރުގެ މުހިންމު އެއް އަމާޒަށް ވާއިރު، މި އަމާޒަށް ވާސިލްވުމަށް މި މަޝްރޫއުގެ ފުރަތަމަ ޒޯންގައި ހިމެނޭ ހއ. ހދ އަދި ށ އަތޮޅުގެ ޖުމްލަ 41 ރަށަކަށް މި ހިދުމަތް ދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާ ވަނީ ހަވާލުކޮށްފައެވެ.

މުޅި ރާއްޖެ ހައި ސްޕީޑް ފެރީގެ ނިޒާމުން ގުޅާލުމުގެ މަސައްކަތުގެ ފުރަތަމަ ޒޯނުގެ މަސައްކަތް ފަށާފައިވާއިރު، މިއަަހަރުގެ ސެޕްޓެމްބަރ، އޮކްޓޯބަރު ހިސާބުގައި ހައި ސްޕީޑް ފެރީގެ ނިޒާމުގެ ފުރަތަމަ ޒޯނުގެ މަސައްކަތް ނިމި ޚިދުމަތްދޭން ފެށުމަކީ އެމްޓީސީސީގެ އަމާޒެކެވެ.

މުޅި ރާއްޖެ ހައި ސްޕީޑް ފެރީގެ ނިޒާމުން ގުޅާލުމުގެ މަސައްކަތަކީ 6 ޒޯނަކަށް ބަހާލައިގެން ކުރަމުންގެންދާ މަސައްކަތެކެވެ. މި މަސައްކަތުގެ ފުރަތަމަ ޒޯނުގެ މަސައްކަޔް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، މި 6 ޒޯނުގެ މަސައްކަތް 2023 ވަނަ އަހަރުގެ ކުރިން ނިންމާލުމަކީ ސަރުކާރުގެ އަމާޒެކެވެ.