ބެންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން ގއ.އަތޮޅު މަދަރުސާގައި ސާފު ބޯފެން ލިބޭ ނިޒާމެއް ގާއިމުކޮށްފިއެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ގާއިމުކޮށްފައިވާ މި ނިޒާމަކީ ގއ. ކޮލަމާފުށީގެ އަތޮޅު މަދަރުސާގެ ދަރިވަރުންނާއި މުވައްޒަފުން ބުއިމަށް ބޭނުންކުރާ ފެނަކީ ރައްކާތެރި ފެން ކަމުގައި ހެދުމަށްޓަކައި ގާއިމުކޮށްފައިވާ ނިޒާމެކެވެ. މިމަސައްކަތުގެ ތެރެއިން ބީއެމްއެލްއިން ވަނީ އެރަށު ސްކޫލްގައި އާރު.އޯ މެޝިނެއް ބަހައްޓާފައެވެ.

މި ޕްރޮޖެކްޓްގެ އަމާޒަކީ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން ބުއިމަށް ރައްކާތެރި ފެން ފޯރުކޮށްދިނުމާއި އެއްފަހަރާ ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރުން ކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި މިމަސައްކަތުގެ ތެރެއިން 2 އާރު.އޯ މެޝިނެއް ބަހައްޓާފައިވާނެކަމަށާއި، މިދެމެޝިނުން އުފައްދާ ފެން ރައްކާކުރެވޭނެގޮތަށާއި، ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނަށް ފަސޭހައިން ބޯން ލިބޭނެހެން 3 ވޯޓަރ ޑިސްޕެންސަރެއްވެސް ބެހެއްޓިފައިވާނެކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ކޮމިއުނީ ފަންޑުގެ ދަށުން ބީއެމްއެލްގެ ޕްރޮޕޯސަލް ކާމިޔާބު ކުރި ކޮލަމާ ޖަމިއްޔާގެ ފަރާތުން ވާހަކަ ދައްކަމުން ޝާމާ ތައްޚާން ބުނީ، ބީއެމްއެލްގެ މި ޕްރޮޖެކްޓާއިއެކު އެ ރަށު ސްކޫލުގައި ކިޔަވަމުންދާ 114 ދަރިވަރުންނަށާއި،ސްކޫލް މުވައްޒަފުންގެ އިތުރުން ސްކޫލަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ރައްކާތެރި ބޯފެން ލިބުމަށް ފަސޭހަވާނެކަމަށެވެ.

މީގެ ކުރިން މިފަދަ ހިދުމަތެއް ގާއިމު ނުވެހުރުމުގެ ސަބަބުން ދިމާވި ދަތިތަކުގެ ވާހަކަ ދައްކަމުން ޝާމާ ބުނީ މީގެ ކުރިން މި އެރަށު ސްކޫލްގައި ބޭނުންކުރީ ޑީސަލިނޭޝަން ފެންކަމުން މިފެނުގެ ރައްކާތެރި ކަމާމެދު ރައްޔިތުންގެ ހިތުގައި ޔަގީން ކަމެއް ނޯންނަކަމަށެވެ. އަދި މިކަމުގެ ސަބަބުން ދިރާސީ އަހަރެއްގެ ތެރޭގައި 16،500 ވުރެއް ގިނަ ޕްލާސްޓިކް ފުޅި އުކާލެވޭކަމަށްވެސް ޝާމާ ވަނީ ބުނެފައެވެ.

މި ޕްރޮޖެކްޓް ގެ ސަބަބުން މި ރަށު ސްކޫލުގައި ކިޔަވަމުންދާ 114 ދަރިވަރުންނާއި މުވައްޒަފުންގެ އިތުރުން ސްކޫލަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ރައްކާތެރި ބޯފެން ފަސޭހަކާމާއެކީ ލިބޭނެ. ސްކޫލުގައި މިހާރު ބޭނުންކުރާ ފެނަކީ ޑީސަލިނޭޝަން ފެން ކަމުން މިފެނުގެ ރައްކާތެރި ކަމާމެދު ރައްޔިތުންގެ ހިތުގައި ޔަގީން ކަމެއް ނޯވޭ. އެހެން ކަމުން މި ބޭނުން ކުރަނީ އެއްފަހަރާ ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ފުޅި. އަދި މިކަމުގެ ސަބަބުން ދިރާސީ އަހަރެއްގެ ތެރޭގައި ގާތްގަޑަކަށް 16،500 ޕްލާސްޓިކް ފުޅި އުކާލެވޭ. އުންމީދަކީ މި ޕްރޮޖެކްޓްގެ ސަބަބުން ރަށުގެ ރައްޔިތުންގެ މިކަމާ ދޭތެރޭ ދެކޭ ގޮތް ބަދަލުވެ ތިމާވެށި ރައްކާތެރިކުރުމަށް އެހީތެރިވެގެން ދިޔުން
ޝާމާ ތައްޚާން

މި ޕްރޮޖެކްޓް، ދެމެހެއްޓެނެވި ކާމިޔާބު ޕްރޮޖެކްޓެއްގެ ގޮތުގައި ހިންގުމަށްޓަކައި އެ ޖަމިއްޔާގެ ފަރާތުން ބަހައްޓާފައިވާ ޕްލާންޓާއި ފިލްޓަރ އަދި ޑިސްޕެންސަރުތަކަށް ބޭނުންވާނެ މެއިންޓެނަންސްގެ މަސައްކަތް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާއިވެސް ހަވާލުވެފައިވާކަމަށް އެޖަމިއްޔާއިން ވަނީ ބުނެފައެވެ.

ބީއެމްއެލްއިން ކުރިއަށްގެންދާ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ މި ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމުގެ އިތުރުން ކުޅިވަރުގެ ހަރަކާތްތަކާއި ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.