އިންތިޚާބުގެ ނަތީޖާތައް އޮޅުވާލުމުގެ މަސައްކަތް ސަރުކާރުން ކުރާ ކަމަށް އިދިކޮޅުން ތުހުމަތު ކޮށްފިއެވެ.

ކައުންސިލް އިންތިޚާބުގައި ޕީޕީއެމަށް ލިބުނު ކާމީޔާބީތައް މީޑިއާ އާއި ހިއްސާކުރުމަށް ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިންތިޚާބުގެ ނަތީޖާތައް އޮޅުވާލުމުގެ މަސައްކަތް ނުވަތަ ޕީޕީއެމަށް ލިބުނު ގޮނޑިތަކެއްގެ ނަތީޖާތައް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދިޔުމަށް ރާވާފައިވާ ކަމަށެވެ.

އެގޮތުން އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެފަދަ އިޝާރާތްތަކެއް ކުރައްވާފައިވާކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުން ގޮތް ނިންމެވީމަ ވޯޓުގެ ނަތީޖާ އޮޅުވާލުމުގެ މަސައްކަތް ކުރައްވަންނުވާނެ ކަމަށެވެ.

ވެރިކަމުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން. އެ ބާރުތައް ދެމިއޮންނާނީވެސް ރައްޔިތުންނާއި ހަމައިގަ. އެހެންވީމަ ރައްޔިތުން ވަރަށް ސާފު ވާހަކައެއް މިއޮތީ ބުނެފަ. މުޅި ރާއްޖެއަށް ބަލާއިރު އިއްޔެގެ އިންތިޚާބުން އަޅުގަނޑުމެން މިވަނީ ބޮޑުތަނުން ކާމިޔާބުކޮށްފަ. ވެރިކަން ކުރާ ކޯލިޝަން ޕާޓީއެވަނީ ބަލިވެފަ."
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

އިތުރަށް އިންތިޚާބުގެ ކަންކަމާ ދޭތެރޭ ނުބެހުމަށް އެދި އަބްދުއްރަހީމް ވަނީ އިންތިޚާބު ގަޑުބަޑުނުކުރުމަށް އެދިފައެވެ. އަދި އިދިކޮޅުން ތިބީ ވަރަށް ރަނގަޅަށް ކަންކަން ބަލަންކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ މާލޭ ސިޓީއަށް ޕީޕީއެމް ޓިކެޓުގަ ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން 14 ކެންޑިޑޭޓަކު އިންތިޚާބު ކާމިޔާބުކުރައްވާފައި ކަމަށެވެ.

މާލޭގެ ރައްޔިތުން ބޭނުންވަނީ އެ ބޭފުޅުންގެ ޚިދުމަތުގަ ޕީޕީއެމް އޮތުމަށް ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.