ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ އަދި ސަޕޯޓްކުރާ ކުޅިވަރަކީ ފުޓުބޯޅައެވެ. އަދި ފުޓުބޯޅައިގެ އެންމެ އަގުބޮޑު، ޔޫރަޕް ފުޓުބޯޅައިގެ އެންމެ ވާދަވެރި މެޗަކީ ސްޕެއިންގެ ގަދަ ދެބާރު ކަމުގައިވާ ރެއާލް މެޑްރިޑާއި ބާސެލޯނާ، ލަ ލީގާގައި ކުޅޭ "އެލް ކްލެސިކޯ" މެޗު ކަމަށް ފުޓުބޯޅައިގެ ސަޕޯޓަރުން ދެކޮޅެއް ނަހަދާނެއެވެ.

ގިނަ ބަޔަކު އަބަދުވެސް އެންމެ އިންތިޒާރުކުރާ ފޯރިގަދަ މިމެޗުގެ ވާދަވެރިކަން އިތުރުވި އެއް ދުވަސްވަރަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ދެ ފުޓުބޯޅަ ކުޅުންތެރިން ކަމަށް ގިނަބަޔަކު އިއްތިފާގުވާ، ޕޯޗުގަލް އަށް ނިސްބަތްވާ ޔުވެންޓަސްގެ އަދި ރެއާލްގެ ކުރީގެ ފޯވާޑް، ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސާ އާއި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ކުރިމަތިލުން މިމެޗުތަކުގައި ފެނިގެންދިޔަ ދުވަސްވަރެވެ.

މި މެޗުތަކުގައި މި ދެކުޅުންތެރިންގެ ލަޏޑެއް ނުވަތަ މޮޅު އުކުޅެއް ފެނިގެންނުދާ، އަދި ގިނަ ބައެއްގެ ސަމާލުކަން މި ދެކުޅުންތެރިން ނުހޯދާ މެޗެއް ނުދެއެވެ. އެހެންނަމަވެސް 2018 ވަނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފަރ ގައި ރޮނާލްޑޯ ވަނީ ރެއާލް ދޫކޮށް އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް ބަދަލުވެފައެވެ. މިއާއެކު ގިނަބަޔަކު މި މެޗުތަކުގައި މެސީ އަށް އެންމެ ރަނގަޅު ޕާފޯމަންސް އެއް ނުދެއްކިދާނެ ކަމަށްވެސް ބުނަމުންދިޔައެވެ. ސަބަބަކީ މެސީ އަމިއްލައަށްވެސް، އޭނާގެ ޕާފޯމަންސް މޮޅުވުމުގައި ރޮނާލްޑޯގެ ހިއްސާ ބޮޑުކަމަށް އެތައް ފަހަރެއްގެ މަތިން ބުނެފައިވުމެވެ.

ކަންވީވެސް އެހެންކަމަށް ބުނެވިދާނެއެވެ. އެއީ 2018 ވަނަ އަހަރު ރޮނާލްޑޯ ރެއާލް ދޫކޮށްލިފަހުން އަދި ރެއާލް އާއި ބާސެލޯނާ ބައްދަލުކުރި އެލް ކްލަސިކޯ އެއްގައި މެސީއަށް ލަނޑެއް ކާމިޔާބުކުރެވިފައި ނުވުމެވެ. ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލުވިފަހުން މި ދެޓީމު 6 ފަހަރަށް ކުރިމަތިލާފައިވާއިރު މީގެތެރެއިން ރެއާލް ވަނީ ތިން މެޗު ކާމިޔާބުކޮށްފައެވެ. އަދި ބާސާ ދެ މެޗު ކާމިޔާބުކޮށްފައިވާއިރު އެއްމެޗު ވަނީ 0-0 ގެ ނަތީޖާ އަކުން އެއްވަރުވެސް ވެފައެވެ، މި ހަ މެޗުގައި ދެޓީމު ފަރާތުން ޖުމްލަ 16 ލަނޑެއް ފެނިގެންގޮސްފައި ވާއިރު ކޮންމެ ޓީމެއްވެސް ވަނީ އޭގެއިން 8 ލަނޑު ކާމިޔާބުކޮށްފައެވެ. އެހެންނަމަވެސް މި ހަމެޗުގައި، ބެލަންޑޯ އެވޯޑް ހަފަހަރަށް ހޯދާފައިވާ މެސީގެ ލަނޑެއް ފެނިގެންގޮސްފައެއް ނުވެއެވެ.

އެންމެ ފަހުން މި ދެޓީމުގެ ކުރިމަތިލުމެއް ފެނިގެން ގޮސްފައިވަނީ ހޮނިހިރު ދުވަހުގެ ރެއެވެ. ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗު، 1-2 އިން ކާމިޔާބުކުރީ ރެއާލް މެޑްރިޑެވެ. މި މޮޅާއެކު ރެއާލް އަށްވަނީ ވަގުތީގޮތުން ލަލީގާގެ ޕޮއިންޓް ތާވަލުގެ އެއްވަނަ ވެސް ލިބިފައެވެ. މި މެޗުގައި ރެއާލްގެ ލަނޑުތައް ޖަހާފައިވަނީ އިތުބާރު ފޯވާޑް، ކަރިމް ބެންޒެމާ އާއި ތަޖުރިބާކާރު މިޑްފީލްޑަރު ޓޯނީ ކްރޫޒް އެވެ. މެޗުގައި ބާސާއިން ޖެހި ހަމައެކަނި ލަނޑު ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ އޮސްކާ މިންގެޒާ އެވެ.

އެލް ކްލަސީކޯގައި މި ދެޓީމު 182 ފަހަރަށް ވާދަކޮށްފައިވާއިެު އޭގެތެރެއިން 75 މެޗު ކާމިޔާބުކުރީ ރެއާލް އެވެ. އަދި ބާސާއިން 72 މެޗު ކާމިޔާބުކުރިއިރު 35 މެޗު ވަނީ އެއްވަރުވެސް ވެފައެވެ. 182 މެޗުން ރެއާކް 293 ލަނޑު ކާމިޔާބުކޮށްފައިވާއިރު ބާސާއަށް ކާމިޔާބު ކުރެވިފައިވަނީ 290 ލަނޑެވެ. އަދި މީގެތެރެއިން 45 މެޗު މެސީ ކުޅެފައިވާއިރު، އެލް ކްލަސިކޯގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑްވެސް އޮތީ މެސީ އަތުގައެވެ. އޭނާ ވަނީ 45 މެޗުން 26 ލަނޑު ކާމިޔާބުކޮށްފައެވެ.