* ތިރީގައި މިވަނީ ޢަބްދުލް ޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ) ލިއުއްވާފައިވާ މަޒްމޫނެކެވެ.

****

(21 މާޗް 2021 އާ ގުޅޭ)

ނިއު ކްލެސިކަލް އަދަބު އުވި، ރޮމެންޓިކް އަދަބު ވުޖޫދަށް އައުން:

ނިއު ކްލެސިކަލް އަދަބު އުވި ދިޔައީ މި ހަރަކާތުގެ އިސް އަދީބުން ދުނިޔެ ދޫކުރިއިރު، ބަދަލުވަމުން ދިޔަ ޒަމާނަށް ތަންދެވޭ ވަރަށް މި ހަރަކާތުގެ އަދަބީ އުސޫލުތަކުގައި ހިތްވަރު ނެތުމުންނެވެ. ނަމަވެސް އަށާރަ ވަނަ ޤަރުނާ ހަމައަށް ވެސް މި ހަރަކާތް ދެމިގެން އައެވެ. ފަރަންސޭސި ވިލާތުގެ މަތީފެންވަރުގެ އިސް އަދީބެއް ކަމަށްވާ ވޯލްޓެއަރ މި ހަރަކާތް ތަމްސީލު ކުރަމުން ދިޔައެވެ. ނަމަވެސް ވޯލްޓެއަރގެ ޚިޔާލާއި ފިކުރާ ދެކޮޅު އަދީބެއް އަދި މުފައްކިރެއް، އަށާރަ ވަނަ ޤަރުނުގައި ފާޅުވިއެވެ. އެއީ ފަރަންސޭސިއެއްކަމުގައިވާ ރޯސޯއެވެ. ރޯސޯއަކީ ވޯލްޓެއަރގެ އަދަބީ ފިކުރާ ވަރަށް އިދިކޮޅު އަދީބެކެވެ. އެހެންކަމުން ވޯލްޓެއަރގެ ފިކުރާ ޚިލާފު ފަލްސަފާއެއްގައި ރޯސޯ އޭނާގެ އަދަބުގެ ބިންގާއެޅިއެވެ.

ރޯސޯގެ އަދަބީ ފަލްސަފާގައި ޚާއްޞަ އިސްކަމެއް ދެވުނީ އަދީބުންގެ ޒާތާއި އިޙުސާސާއި، ޖަޒުބާތާއި ޚިޔާލު އުތުރި އެރުމަށެވެ. ރޯސޯގެ މި ފަލްސަފާގައި ޖަޒުބާތު ވީއްލުމަށާއި، ދުނިޔެއާއި އިންސާނުންގެ ޠަބީޢަތަށް އައުމަށް ރޯސޯ ދައުވަތު ދިނެވެ. މިކަމަށް އިޖާބަދިން ޖެޑްރޯ އާއި ރޯސޯ ގުޅިގެން، ނިއު ކްލެސިކަލް އަދަބާ ދެކޮޅަށް ބަޣާވާތްކޮށް މެދުފަންތީގެ މީހުންގެ ޙަޔާތަށް މި އަދަބު ގެނެސްދިނެވެ.

ރޯސޯގެ މި އުސޫލުތަކަށް ޔޫރަޕްގެ ބައެއް އެހެން ގައުމުތަކުން ތަރުޙީބުދިނެވެ. ވަކީން ޚާއްޞަކޮށް ޖަރުމަނު ވިލާތުން މި އުސޫލުތަކަށް ވަރަށް ބޮޑަށް މަރުހަބާކިޔެވެ. ރޯސޯ، އިސްނަގައިގެން މި ފެށި އަދަބީ ހަރަކާތުގެ ނަތީޖާއެއްގެ ގޮތުން ރޮމޭންޓިކް ލިޓްރޭޗަރ (ނުވަތަ ޢިޝްޤީ އަދަބު) ދުނިޔެއަށް އުފަންވިއެވެ.

ދެން ކުރުކުރުކޮށް މި ބަލައިލަނީ ދިވެހިބަހުގެ އަދަބާއި، ދިވެހީންނާ ވަރަށް ބޮޑަށް އެކި ގޮތްގޮތުން ގުޅިފައިވާ ބަސްބަހުގެ އަދަބާއި ޅެންވެރިކަމުގެ އިސްކަމުގެ މައްޗަށެވެ. އެންމެ ފުރަތަމަ މި ބަލައިލަނީ ޤުރުއާނުގެ ބަސް ކަމުގައިވާ ޢަރަބިބަހުގެ އަދަބަށެވެ.

ޢަރަބިބަހުގެ އަދަބު:

ޢަރަބިބަހުގެ އަދަބު:ޢަރަބި އަދަބުގައި އަދަބީ ލިޔުންތެރިކަމާއި އަސަރު އުފެދުނީ ތުންތުންމަތިން ކިޔައިދެމުން ދިޔަ ވާހަކަތަކުގެ ބޭނުން ޖެހުނު ޒަމާނުގައި ކަމުގައި ލިޔުންތެރިން ލިޔެފައިވެއެވެ. 2000 ވަނަ އަހަރު ލަންޑަންގެ ރޯގަން އެލަން ކިޔާ މީހަކު، ޢަރަބި ބަހުގެ އަދަބިއްޔާތު ދިރާސާކުރައްވައި ލިޔުއްވައިފައިވާ ގޮތުގައި ޢަރަބީންގެ ތެރޭގައި އެންމެ އެވޭލާ އިރު ވެސް ތުންތުންމަތީން ވާހަކަ ކިޔުމާއި ޅެން ކިޔުން އޮވެއެވެ. ނަމަވެސް މީލާދީން ހަތަރުވަނަ ގަރުނުގެ ތެރޭގައި އަދަބީ ސިފަ ހެޔޮވެ، ލޯބީގެ ނުވަތަ ޢިޝްޤީ އަދަބު ކުރިއަރައި އަދި ދީނީ އަދަބީ އުފެއްދުންތައް ލިޔެވި ކިޔައި ރައްކާކުރެވެންފެށިއެވެ.

ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި ޢަރަބި އަދަބު ކުރިއަރައިފައިވަނީ އެބައިމީހުންގެ ހަނގުރާމަތަކާއި ދީނީ ހޭލުންތެރިކަމުގެ މަސައްކަތުގެ ތެރެއިންނެވެ. ނަމަވެސް ޢަރަބި އަދަބުގެ ތެރެއިން ފެންނަން އޮތް އެންމެ ދުވަސްވީ ޅެމަކީ މީލާދީން ހަވަނަ ޤަރުނުގެ ޅެމެއް ކަމުގައިވާ "އައްޝިރުޢަލް އަރަބިއްޔު" ނަމަކަށް ކިޔުނު ޅެމެއްކަމުގައި ވެސް ބުނެވެއެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން މިއީ ޢަރަބީންގެ މެދުގައި ޅެންވެރިކަން ވަރަށް ބޮޑަށް ކުރިއަރައި، ޅެންވެރިކަމުގެ ވާދަވެރިކަން އުފެދިފައި އޮތް ދުވަސްވަރެކެވެ. މިއީ ސަލާމާއި ޞަލަވާތްލެއްވި ކައު ސާހިބާ މުޙައްމަދު (ﷺ) ދުނިޔެއަށް ވަޑައިގަތް ދުވަސްވަރެވެ. އެހެނީ އެކަލޭގެފާނުގެ އުފަން ތާރީޚަކީ 22 އޭޕްރީލް 571މ. އެވެ. އެކަލޭގެފާނު ސުވަރުގެވަޑައިގަތީ މީލާދީން ހަތް ވަނަ ޤަރުނުގައެވެ. 8 ޖޫން 632 ގައެވެ. ޢަރަބީންގެ ޅެންވެރީންގެ އަނގައިން ބަސް ހުއްޓުނު މުޢުޖިޒާތެއްގެ ގޮތުގައި ކީރިތި ޤުރުއާން ބާވައިލެއްވީ މި ދެންނެވި ދުވަސްވަރުއެވެ.

ސީރަތުގެ ޢިލްމުވެރީން ލިޔުއްވައިފައިވާ ގޮތުގައި ޤުރުއާނުގެ އަޑު މީސްތަކުންނަށް އިވުނަ ނުދިނުމަށްޓަކައި ނުބައި ނުލަފާ މުޝްރިކެއް ކަމުގައިވާ ނަޟްރު ބުނި ހާރިސް ފުލޯކު ވާހަކަތައް އެއްކޮށް ކަޢުބަތުﷲ އަރިހުގައި ޅެންބަހުރުވައިން ހުށަހަށައި އުޅުނީ މި ދުވަސްވަރުއެވެ. ކީރިތި ޤުރުއާނުގެ ލުޤްމާނު ސޫރަތުގެ ހަ ވަނަ އާޔަތް ބާވައިލެއްވީ ނަޟްރު ބްނި ޙާރިސްގެ އެ ނުބައި ޢަމަލުތަކާ ގުޅިގެން ކަމަށް މުފައްސިރުން ވިދާޅުވެއެވެ.

ކީރިތި ޤުރުއާނުގެ އަހުލުވެރީންކަމުގައިވާ އަޅުގަނޑުމެން ކޮންމެ މުސްލިމަކަށް ވެސް ސާފުކޮށް އެނގޭނޭ ފަދައިން ކީރިތި ޤުރުއާނަކީ އަދަބުގައި ވެސް އެފަދަ މިސާލެއް ނެތް، ލާމަސީލު އަދަބީ މުޢުޖިޒާއެއް ވެސްމެއެވެ. ޤުރުއާން ބާވައިލެއްވި ދުވަސްވަރު ޤުރުއާން ދޮގުކުޅަ މުޝްރިކުންނަށް ގޮންޖައްސަވައި، ތިޔަބައި މީހުންނަކީ ތެދުވެރީންކަމުގައި ވަނީނަމަ، ނިކަން ޤުރުއާނާ އެއްފަދަ ނުވަތަ އަދަބާއި ޢިލްމުގައި އެފަދަ 10 އާޔަތް ނުވަތަ އެންމެ ސޫރަތެއް ނުވަތަ އެންމެ އާޔަތެއްވެސް ގެނެސްބަލާށޭ ﷲ ވަނީ ވަޙީކުރައްވައިފައެވެ. މުޝްރިކުންގެ ކުޅަދާނަ އަދީބުންނާއި ޅެންވެރީން، އެތައް މަސައްކަތެއް ކޮށްކޮށް ވަރުބަލިވި އިރުވެސް އެކަމެއް ނުކުރެވުނެވެ. ނުވެސް ކުރެވޭނެއެވެ. މި މަސައްކަތް ކޮށްކޮށް ނާކާމިޔާބުވެގެން އަލްކައުޘަރު ސޫރަތާއި އަލްފީލް ސޫރަތުގެ ކޮންމެ އާޔަތެއްގެ ފަހު ކަލިމަ ބަދަލުކޮށްލައިގެން މި އޮތީ ތިމަންނަމެން ސޫރަތެއް ހަދައިފަޔޭ ކިޔައި އުޅުނު ބަޔަކުވެސް އުޅުނެވެ. ނަމަވެސް އެ ގޮތަށް ކުޅަ މަސައްކަތް ވެސް ވީ، ރަނުގެ ކައިރީގައި އޮންނަ ދަބަރު ހިލިފައިވާ ދަގަނޑުގަނޑަކަށްވުރެ ވެސް މާ ފެންވަރު ދަށް މަސައްކަތަކަށްކަން އެ މުޝްރިކުން ވެސް ގަބޫލުކުޅައެވެ.

މި ކަމުންވެސް އެނގެނީ އޭރުގައިވެސް، ލިޔަންކިޔަން ނުދަންނަ މީހުން ގިނަ ޢަރަބި މުޖުތަމަޢުގައި ވެސް އަނގަބަހުގެ އަދަބާއި ޅެންވެރިކަން މަޝްހޫރުވެ ފުޅާވެފައި އޮތް މިންވަރެވެ. އަދަބީ ގޮތުންވެސް ކީރިތި ޤުރުއާނަކީ މުޢުޖިޒާތެއްކަމުގައި ލެއްވުމުން މި ކަން ވަރަށް ރަނގަޅަށް ހާމަވެއެވެ. އޭރު އެ މުޖުތަމަޢެއްގައި އެންމެ ކުރިއަރައިފައި އޮތް ފަންނެއްގެ އެންމެ މޮޅު މީހުންގެ ބުއްދިތައް ޙައިރާންވާފަދަ މުޢުޖިޒާތްތައް ﷲ ރަސޫލުބޭކަލުންނަށް ދެއްވިއެވެ. އިބްރާހީމްގެފާނު އަލިފާންގަނޑަށް އެއްލައިލެވުމުން ގެއްލުމެއް ލިބިވަޑައިނުގަތުމާއި ފިރުޢައުނުގެ ސިޙުރުވެރީންގެ ސިޙުރުތައް މޫސާގެފާނު ނާކާމިޔާބު ކޮށްލެއްވުމާއި، ޢީސާގެފާނަށް ދެއްވި ބޭސްވެރިކަމުގެ މުޢުޖިޒާއާއި ޢަރަބި ޅެންވެރީންގެ ބުއްދިތައް ޙައިރާންކޮށްލި ކީރިތި ޤުރުއާނަކީ މިފަދަ ވަރަށް މަދު މިސާލުތަކެކެވެ.

ކޮންމެއަކަސް ޅެންވެރިކަމުގެ ރޮނގުން މިހައި ކުރިއަރައިފައި އޮތް ޢަރަބި އަދަބުގެ އެންމެ ކުރީގެ ޝާއިރުންގެ ތެރޭގައި އިމްރުއުލްޤައިސް (امرؤ القيس) ހިމެނޭކަމަށް ދިރާސާކުރާ ބަސްވާރުން ބަޔާންކުރެއެވެ. މީނާގެ ވަރަށް މަޝްހޫރު ޅެންތައް ވެސް ފެންނަން އެބަހުއްޓެވެ. މީގެ ތެރެއިން އެއް ޅެން ފަށައިފައިވަނީ "فيالك من ليل كأن نجومه .. بكل مغار الفتل شدت بيذبلِ" ("އޭ ރޭގަނޑާއެވެ! ތިބާގެ ތަރިތައް (ޙަރަކާތެއް ނުކޮށް ހުންނާތީ) ހީވަނީ ވަރަށް ވަރުގަދަ ވާގަނޑަކުން ވަރަށް ގަދަޔަށް ބާރަށް ޔަޛުބުލް ފަރުބަދައިގައި ބަނދެފައިވާހެންނެވެ.") މިފަދައިންނެވެ. އެ ޝާޢިރުންގެ ޝާޢިރީ ޚިޔާލު ހުންނަ ގޮތް ކިހާ އުފެއްދުންތެރިތޯއެވެ! މި ޅެމަކީ ޢަރަބި ބަހުން އޮތް ޅެމެއް ނަމަވެސް އެހައި ކުރީގެ ޅެމަކަށްވާތީ ބަސްމަގުގައި ހުންނަ ތަފާތުގެ ސަބަބުން ފުރިހަމަ މާނައެއް ލިޔަން ވެސް މި ޒަމާނުގައި ފަސޭހަ ނުވާނެކަން ތިޔަ ބޭފުޅުން ވެސް ގަބޫލުފުޅުކުރައްވާނޫއެވެ. އެހެންކަމުން ތަރުޖަމާގެ ކޮރުކަމަށްޓަކައި މަޢާފުކުރެއްވުން އެދެމެވެ.

އުރުދޫ ބަހުގެ އަދަބު:

އުރުދޫ އަދަބާއި ހިންދީ އަދަބުގެ ފެށުން ވެސް ވަނީ ދީނީ ވާހަކަތަކުގެ ތެރެއިންނެވެ. އަދި އެބައިމީހުންގެ ޖަމާޢަތްތަކުގެ މެދުގައި ހިނގައިފައިވާ ހަނގުރާމަތަކާއި ނާޑުކަތާތަކުގެ ސިފަކުރުމުގެ ތެރެއިން އީޖާދުވި ބަހުގެ ފަންނުވެރި ޅެމާއި ވާހަކަތަކުންނެވެ. ދީނީ އެތައްއެތައް ހާމަކުރުންތަކެއް ވެސް ރީތިރީތި ޣަޒަލްތަކުގެ ގޮތުގައްޔާއި ޅެމުގެ ގޮތުގައްޔާއި ކިޔުންތަކުގެ ގޮތުގައި އަސަރާއެކު ހާމަކުރާން ފެށި ފެށުމަކީ އުރުދޫ އަދަބުގެ ފެށުންކަމުގައި ވެފައިވެއެވެ.

މުސްލިމުންގެ ވެރިކަން އިންޑިއާގައި އޮތް ދުވަސްވަރު މީލާދީން 12 ވަނަ ޤަރުނުގެ ތެރޭގައި އިންޑިއާގެ ވެރިރަށް ދިއްލީއާއި އެ ރަށުގެ ވަށައިގެންވާ ސަރަޙައްދުތަކަށް އެތައް ބައިވަރު ބަސްތަކެއް މުސްލިމުން "އެތެރެކުރި" އެވެ. ސައުރާސެނީ އާއި ބުރިޖް ބަހާސާ، ފާރިސީބަހާ މަސްހުނިކޮށްގެން ވާހަކަދައްކާން މުސްލިމު ވެރީން ބޭނުންކުރާ ބަހަކަށް ("ލިންގުއާ ފްރާންކާ" އަކަށް) އެބަސް ވިއެވެ. ތުރުކީބަހާއި ޢަރަބިބަސް ވެސް، އަދި ފަހުންފަހުން އައިސް އިނގިރޭސިބަސް ވެސް ވަރަށް ފުޅާ ދާއިރާއެއްގައި އިންޑިއާގައި ބޭނުންކުރާން ފެށުނެވެ. އެހެންކަމުން މައި ބަސްތަކުގެ (މިސާލަކަށް: ސައުރާސެނީ) ބަސްކޮށާރަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައެވެ. ނަމަވެސް ބަހުގެ އޮނިގަނޑަށް (ސިންޓެކްސް އަށް) ބަދަލު ނައިސް ދެމި އޮތެވެ. ނަތީޖާއެއްގެ ގޮތުން އިންޑިއާގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރާ ބަހަކަށް 13 ވަނަ ޤަރުނުގެ ތެރޭގައި ހިންދުވީ އާއި ހިންދީ ތަޢާރުފުވިއެވެ. މި ބަސްތައް ލިޔެއުޅުނީ ބުރިޖް ބަހާސާގެ އަޞްލު އަކުރުކަމުގައިވާ "ދޭވާނަގްރީ" (ސާންސްކިރިތު) އަކުރުންނެވެ.

ވެރީން ބޭނުންކުރާ "ލިންގުއާ ފްރާންކާ" (ބަސް) އިންޑިއާގެ ދެކުނުގެ ސަރަހައްދެއް ކަމުގައިވާ ޙައިދަރުއާބާދު ޑެކާނަށް ސާދަވަނަ ޤަރުނުގައި ތަޢާރަފުވިއެވެ. މި ސަރަހައްދުގައި އޮތީ މުޣަލް ވެރިކަމުގެ ދެ ރަސްކަމެއް ކަމުގައިވާ ރަސްގެފާނު ތުޣުލަޤާއި ޚިލްޖީގެ ރަސްކަމެވެ. ނަތީޖާއެއްގެ ގޮތުން މި ދެ ރަސްކަލުންނާއި އެ ރަސްކަމަށް ތަބާވާމީހުންނާއި ސިފައިން މި ބަސް ބޭނުންކުރާން ފެށިއެވެ. މި ބަހަށް އޭރު ކިޔައި އުޅުނީ "ޙައިދަރުއާބާދު ޑެކާން" އަށް ނިސްބަތްކޮށް "ޑެކާނީ" އެވެ. އަދި ކުރީން މި ބަސް ލިޔަމުން އައި ދޭވްނާގަރީ އަކުރު ދޫކޮށް ފާރިސީއަކުރުން ލިޔާން މި ދުވަސްވަރު ފެށިއެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން ދިއްލީ ސަރަހައްދުގައި ދޭވާނަގްރީ އަކުރު ބޭނުންކުރަމުން ގެންދިޔައެވެ. މި ދެންނެވި "ޑެކާނީ" އަށް، އެހެން ގޮތަކަށް ދަންނަވާނަމަ، ވެރީން ބޭނުންކުރަމުން އައި "ލިންގުއާ ފްރާންކާ" އަށް "އުރުދޫ"ގެ ނަން ދެވުނީ އިންޑިއާގެ މުޣަލް ޝަހެންޝާހު، ޝާހުޖަހާންގެ ވެރިކަމުގެ ދުވަސްވަރު (1627ން 1658ށް) އެވެ.

ކަން އޮތީ މިހެންކަމުގައި ވިޔަސް ތޭރަ ވަނަ ޤަރުނުގެ ތެރޭގައި އުރުދޫބަހުގެ އަދަބިއްޔާތާއި ޅެންވެރިކަން ކުރިއަރައި، ތަރައްޤީވާން ފެށިއެވެ. މިއަދު އުރުދޫ އަދަބިއްޔާތު ކިތަންމެ ކުރިއަރައިފައި ވިޔަސް، ޢާއްމުވެ މަޝްހޫރުވެފައިވާ ގޮތުގައި އުރުދޫގެ ފުރަތަމަ ޅެންވެރިޔަކީ ޢާމިރު ޚުސްރޫ (1253ން 1325ށް) އެވެ. ނަމަވެސް ހަގީގަތަކީ ޢާމިރު ޚުސްރޫއަށް ވުރެ މާކުރީން އުތުރު ސަރަހައްދުތަކުގައި ކަބީރު ދާސްއާއި މީރާބާއީއާއި ގުރޫ ނަނަކާއި މާލިކް މުޙައްމަދު ޖައިސީއާއި ޢަބްދުއްރަޙީމް ޚާން ޚަނާން ފަދަ ޅެންވެރީން ޅެންހަދައި އުޅުނުކަމެވެ.

ކޮންމެއަކަސް އުރުދޫ އަދަބުގެ އެންމެ ދުވަސްވީ ޅެމަކަށް ފެންނަން އޮތީ އާމިރް ޚުސްރޫގެ އުފެއްދުމެކެވެ. ޢާމިރު ޚުސްރޫ ގެ އަޞްލު ނަމަކީ އަބުލްޙަސަން ޔާމީނުއްދީނެވެ. އެކަމަކު މަޝްހޫރުވެފައިވަނީ "ޢާމީރު ޚުސްރައު ދެހްލަވީ" (ނުވަތަ ޢާމިރު ޚުސްރޫ)ގެ ނަމުންނެވެ. އޭނާއަކީ ޞޫފީ މިޔުޒިކްގެ ފާންނާނެކެވެ. އެޔަށްވުރެ މަޝްހޫރު ޅެންވެރިއެކެވެ. އަދި އިންޑިއާ ބައްރުގެ ޢިލްމުވެރިއެކެވެ. ޢަރަބި، ފާރިސީ، ހިންދަވީ ތަފާތު ކުންނިއްޔާތަކުން އޭނާއަށް މުޚާޠަބުކުރެވެއެވެ. "އިންޑިއާގެ އަޑު"، "ޓޫތީއޭ ހިންދު" (ހިންދުސްތާންގެ ގުރާ)، "އުރުދޫބަހުގެ ބައްޕަ" ފަދަ ނަންތައް ޢާމިރު ޚުސްރޫއަށް ނިސްބަތްކުރެވިފައިވުމަކީ އޭނާގެ މަޝްހޫރުކަމާއި މަޤްބޫލުކަން އޮޅުމެއް ނެތި ހާމަވާ ކަމެކެވެ. އުރުދޫ އަދަބުގެ ޅެންވެރިކަމުގެ މައި ތަނބު ކަމުގައި ބެލެވޭ އާމިރް ޚުސްރޫ ލިޔެ އެންމެ ފުރަތަމަ މަޝްހޫރުވީ ޅެންކަމުގައި ބަލަނީ "ޒެހާލް އޭ މިސްކީން މަކުން ތަޣާފުލް، ދުރާޔޭ ނައިނާ ބަނާޔޭ ބާތިޔާން" (އަހަރެންގެ ވޭނީ ހިތާމަތަކަށް ތިބާ ފުންކޮށް ނުބަލަނީހެއްޔެވެ؟ އެވެ. އިނބަގެ އޯގާވެރި ބަސްތަކުން އަހަންނަށް ހިތްވަރު ނުދެނީ ކީއްވެހެއްޔެވެ؟) މި ޅެމެވެ. މިއީ ހިންދްވީ ބަހުން އޮތް ޅެމެކެވެ. މި ޅެން ޣުލާމް ޢަލީގެ އަޑުން 1983 ގައި ލަވައެއްގެ ގޮތުގައި ރެކޯޑްކޮށް ނެރެފައިވެއެވެ. މި ޅެން މުޅި އޭސިޔާގައި މަޝްހޫރުވެ ހިނގައިގެންފައިވެއެވެ. މީގެ އިތުރަށް ޣަޒަލާއި ޚަޔާލާއި ޤައްވާލީއާއި ތަރާނާގެ އެތައް ހާސް އުފެއްދުމެއް، އާމިރް ޚުސްރޫ އުފައްދައި، އުރުދޫ ޅެންވެރިކަމުގެ ދުނިޔޭގައި ފިޔަޖެއްސެވެ. މިއީ ޤައުމާއި ފަރުދުންގެ ގުޅުންތައް އިސްލާޙުކޮށް ތަރައްޤީކުރުމަށްޓަކައި އުފެދިފައިވާ ފަލްސަފާއާއި ޚިޔާލުގެ މައްޗަށް ހެދިފައިވާ ގިނަ ޅެންތަކެކެވެ.

ޚުސްރައު (ނުވަތަ ޚުސްރޫ) ގެ މަޝްހޫރު އެހެން ޅެންބައިތެއް (މާނައާއެކު) މިތާގައި ނަކަލު ކޮށްލާނަމެވެ. މިފަދަ ބަލާޣާތްތެރި ޅެންތައް މާނަކުރުމަކީ ކުރަން ފަސޭހަ ކަމެއް ނޫނެވެ. އުނދަގޫކަމެކެވެ. (އަޅުގަނޑުގެ ކުރަކި މާނައަށްޓަކައި މައާފުކުރައްވާށެވެ!)

"ޚުސްރައު ދަރްޔާ ޕްރޭމް ކާ، އުލްޓީ ވާކީ ދާހރް

ޖޯ އުތުރާ ދޫބް ގަޔާ، ޖޫ ދޯބާ ސޯ ޕާރް"

("އޭ ލޯބީގެ ކޯރު، ޚުސްރައުއެވެ! ތިބާ ދެމިގެންވަނީ ކަޑަ (ބީރައްޓެހި) މިޞްރާބަކަށެވެ. ތިޔަ ކޯރަށް އެރިއްޖެ މީހަކު (ގެނބިގެން) ޣަރަޤްވެދެއެވެ. ޣަރަޤް ވެއްޖެ މީހަކަށް ކޯރު ހުރަސްކުރެވިދެއެވެ.")

އުރުދޫ ބަހުގެ ތާރީޚު ލިޔެފައިވާ ލިޔުމެއްކަމުގައިވާ، ޢަބްދުލްއަޙަދު ސާހިބު މީލާދީން 1920 ގައި އުރުދޫބަހުން ނެރެފައިވާ "އުރުދޫ ޒަބާންކީ ތާރީޚު" ގައި ބަޔާންކޮށްފައިވާ ގޮތުގައި އުރުދޫ އަދަބުގެ ތާރީޚަކީ ފުންކަމުން ހޯދޭން ނެތް ތަރިކައެކެވެ. އެންމެ އެވޭލާ އިރުއްސުރެ މުޖުތަމަޢުގެ އުފަލާއި ހިތްހަމަޖެހުމަށްޓަކައި ތުންތުން މަތީން ކިޔެމުން އައިސްފައިވާ އެތައް ވާހަކަތަކެއް ފަހުގެ ޒަމާންތަކުގައި ލިޔެވިފައިވެއެވެ. އެހެންކަމުން އުރުދޫ އަދަބުގެ ފެށުމުގެ އަސްލަކީ މި ޚިޔާލުގައިވާ އުސޫލުކަމުގައި ބެލެވެއެވެ.

މުޅި ދުނިޔޭގައި ވެސް ފާރިސީ އަދަބާއި ފާރިސީބަހުގެ އަސަރު މަޝްހޫރުވެ ފެތުރިފައިވެއެވެ. ބަސް ފެތުރި ކަފިކަފިވެ، އުފެދިފައިވާ ވަކި ބަސްބަހުގެ އަސްލުން ފާރިސީބަހުގެ އަސަރު ފިލައެއް ނުދެއެވެ. އުރުދޫބަހަކީ މިފަދަ އަސަރު ހުރި އެންމެ ފާހަގަކޮށްލެވޭ އެއް ބަހެވެ. ހިންދީބަހުގައި ވެސް މި އަސަރު ނެތެކޭ ނުދަންނަވަމެވެ.

އުރުދޫބަހުގެ ކުރިއެރުމާއި ތަރައްޤީއާ ބެހޭގޮތުން ދިރާސާކުރައްވައިފައިވާ ބަސްވާރުން ލިޔުއްވައިފައިވާ ގޮތުގައި އުރުދޫ އަދަބަކީ އަސަރުގަދަ، އަދި ވަރަށް ތަފާތު، އެހައިމެ ބަލާޣާތްތެރި ސިފަކުރުންތަކާއި ޢިޝްޤީ އީޖާދުތައް ހިމެނޭ އެއްޗެކެވެ. އިސްވެ ދެންނެވުނު ގޮތުގެ މަތީން އުރުދޫބަސް އުފެދި، ކުރިއަރައިގެން އައި އައުމުގައި އެހެން ބަސްބަހުގެ އަދަބާއެކު އެއް ސަފެއްގައި ބައެއް އީޖާދު ހުރި ކަމުގައި ވިޔަސް ޑްރާމާގެ އަދަބާއި ޅެންވެރިކަމުގެ އަދަބު މާ ބޮޑަށް ކުރިއަރައިގެން އައިސްފައިވެއެވެ.

ފަހުގެ ދުވަސްވަރަށް ބަލާއިރު، އުރުދޫ އަދަބުގައި އެންމެ ބޮޑަށް ފިޔަޖަހައިލި ޝާޢިރަކީ މަޝްހޫރު ފިލޯސަފަރ ޑރ. ޢައްލާމާ އިޤްބާލް (ނުވަތަ ސަރ. މުޙައްމަދު އިޤްބާލް) އެވެ. އޭނާގެ ކުޅަދާނަ އަދަބީ އަދި ޝާޢިރީ ހުނަރު ބޭނުންކޮށްގެން މުޅި ދުނިޔޭގައި އިސްލާމީ ޙަޟާރަތުގެ ރޫޙާއި ސިޔާސަތު ކުރިއަރުވައި ވަރުގަދަކުރާން ހުރިހައި ދާއިރާއެއްގައިހެން މަސައްކަތްކުރިއެވެ. ޤާނޫނީ، ސިޔާސީ، ފަލްސަފީ، ދީނީ، އިޤްތިޞާދީ، ތާރީޚީ ދާއިރާގައި ޢިލްމާއި ޙިކުމަތް ބޭނުންކޮށްގެން މަސައްކަތް ކުރިއެވެ. މީސްތަކުންގެ ތެރޭގައި އޭނާގެ ޅެންވެރި މަސައްކަތްތަކުން އެންމެ މަޝްހޫރުކަން ހޯދައިފައިވަނީ އަސްރާރު އޭ ޚޫދީ، ރުމޫޒެ އޭ ބޭހޫދީ، ބާންގް އޭ ދަރާ، ތަރަނާއޭ ހިންދު ފަދަ ޅެންތަކެވެ. ޑރ. އިޤްބާލްގެ ވާހަކައަކީ މާ ބޮޑު ތަޢުރީފަކަށް ބޭނުންވާނެ އެއްޗަކަށް ނުވާތީ، ދިގު ނުކުރުމަށްޓަކައި މިހާވަރުން ފުއްދައިލާނަމެވެ.

ކޮންމެއަކަސް އުރުދޫ އަދަބުގައި އެންމެ ފާހަގަކޮށްލެވެނީ ވެސް ޅެންވެރިކަމެވެ. މިގޮތުން އުރުދޫ ޣަޒަލަކީ އަޖައިބެއްފަދަ އަދަބެކެވެ. މި އަދަބު އިންޑިއާއާއި ޕާކިސްތާނާއި އަފްޣާނިސްތާނުގައި ވަރަށް ވަރުގަދަ ނުފޫޒެއް ހިންގިއެވެ. މުޅި ދުނިޔޭގައި ވެސް އިންސާނީ ކުރިއެރުމާއި ފިކުރުގެ ތަރައްޤީއަށް މި އަދަބުގެ ނުފޫޒު ވަރަށް ވަރުގަދައަށް ފޯރައިފައިވާކަމަށް ކަމުގެ މާހިރުން ގަބޫލުކުރައްވައެވެ. (ނުނިމޭ)