ނޭފަތުގެ އިތުރުން އިންސާނާގެ ދުލުންވެސް ވަސް ބެލޭނެކަމަށް ރިސާރޗުން ބުނެފިއެވެ.

ޕެންސިލްވޭނިޔާގެ ސިޓީއެއް ކަމުގައިވާ ފިލަޑެލްފިޔާގެ އިންސްޓިޓިއުޓެއް ކަމަށްވާ މޮނެލް ކެމިކަލް ސެންސް ސެންޓަރުން ހެދި ރިސާރޗަކުން މިކަން ސާބިތުވެފައިވާއިރު، އެ އިންސްޓިޓިއުޓުން ބުނީ ކޮންމެ އިންސާނެއްގެވެސް ދުލުގައިވަސް ބެލުމުގެ ނިޒާމު ހުންނަ ކަމަށެވެ.

ނޭވާލާ ނިޒާމާއި ރަހަ ބެލުމަކީ ގުޅުންހުރި ދެ ނިޒާމެއްކަމަށް ބުނެ އެ އިންސްޓިޓިއުޓުން ބުނީ މި ދެހިއްސު ގުޅިފައިވަނީ އިންސާނާގެ ސިކުނޑިއާ ކަމަށެވެ.

އެކި އެއްޗިހީގެ ވަހާއި ގުޅިގެން މުހިންމު މައުލޫމާތު، ނޭވާލާ ނިޒާމު މެދުވެރިކޮށް ސިކުނޑިއަށް ފޯރުކޮށްދޭއިރު، އެ އިންސްޓިޓިއުޓުގެ ރިސާރޗަރުން ބުނީ ދުލުގެ މަތީ ފަށަލައިގައިވެސް ވަސް ބެލުމުގެ ނިޒާމެއް އެކުލެވޭ ކަމަށެވެ.

މިކަން ހާމަކުރުމަށް އެ އިންސްޓިޓިއުޓުން ވަނީ އިންސާނާގެ ރަހަ ބެލުމުގައި ހަރަކާތްތެރިވާ ސެލްތައް އެމީހުންގެ ލެބޯރަޓަރީގައި ބަހައްޓައިގެން މޮނީޓަރ ކޮށްފައެވެ.

ދުލުގެ މަތީ ފަށަލައިގައި ހިމެނޭ ސެލްތަކުގައި އެތަކެއް ގިނަ އަދި މުހިންމު މޮލިކިއުލްސް އެކުލެވިގެންވާއިރު މީގެތެރެއިން ވަސްބެލުމުގެ ނިޒާމުގައި ވަސްބެލުމަށް ހާއްސަވެގެންވާ ސެލްކަމަށްވާ "އޮލްފެކްޓޮރީ ސެލްސް" ހިނޭކަމަށްވެސް އެއިންސްޓިޓިއުޓުން މައުލޫމާތު ދެއެވެ.

އޮލްފެކްޓޮރީ ސެލްތަކަކީ އެކި ވައްތަރުގެ ވަހަށް ހަރަކާތްތެރިވާ ސެލްތަކެކެވެ. މި ސެލްތަކަށް އެކި އެއްޗިހީގެ ވަސް ހާމަވުމާއިއެކު ސިކުނޑިއަށް އެވަހުގެ މުހިންމު މައުލޫމާތު ފޯރުކޮށްދިނުމަށް މަސައްކަތް ކޮށްދެއެވެ.

މިފަދައިން ދުލުގެ މި ފަށަލައިގައިވެސް މި ސެލްތައް ހިމެނޭކަމަށް އެއިންސްޓިޓިއުޓުން ބުނެފައިވާއިރު، ދުލުގައިވާ މި ސެލްސްތައް އެކި ބާވަތްތަކުގެ ވަސްދުވާ ތަކެއްޗާއި ކާރިކުރުމުން، އެވަހަށް އިޖާބަދީ، ހަރަކާތްތެރިވާކަމަށް އެއިންސްޓިޓިއުޓުން ވަނީ ބުނެފައެވެ.

މި ރިސާރޗްގެ ސީނިއަރ އޯތަރ މެހްމެތް ހާކާން އޮޒްދެނިރް ބުނީ، ދުލުން މިބާވަތުގެ ސެލްތަކެއް ފެނި ރަހަބެލުމާއި ގާތްވާ ހުރިހާ ސިފަތަކެއް ފެނުމަކީ ކުރިއަށް އޮތް މުސްތަގުބަލުގައި، އަންނަށް އޮތް އީޖާދުތަކަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށެވެ.

މިރިސާރޗާއިއެކު އިންސާނާގެ ދުލުގައިވާ ސެލްތަކުގެ އަސްލަކީ އޭގެ ނިސްބަތުގައި ގިނަގުނަ ރޯލްތަކެއް އަދާކުރާ އެއްޗެއް ކަމުގައި ސައިންޓިސްޓުން ވަނީ ސުވާލު އުފައްދާފައެވެ.

މައިގަނޑު 5 ބާވަތެއްގެ ރަހައެއް ދުލުގެ ޒަރިއްޔާއިން އެނގޭއިރު، މިބާވަތްތަކުގެ ތެރޭގައި ފޮނި، ލޮނު، ކުޅި އަދި ހުތް އެއްޗިހި ދެނެގަތުމަށް ދުލުގެ ސެލްތައް އެހީވެދެެވެ.

މިކަމާއި ގުޅިގެން އަދުގެ ސައިންޓިސްޓުން ދަނީ ދުލުގެ ޒަރިއްޔާއިިން ވަސްބެލުމަށް ހަރަކާތްތެރިވާ ސެލްތަކުގެ އިތުރަށް ހިމެނޭ ސެލްތަކާއި ބެހޭގޮތުން ދިރާސާ ކުރަމުންނެވެ.