ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތާއެކުވެސް ދިވެހިންގެ ހިތްތަކުގެ ގުޅުން އިތުރަށް ވަރުގަދަވެ، އެކަކު އަނެކަކަށް އެހީތެރިވުމާއި އެއްބާރުލުމުގެ ރޫޙު އިތުރަށް އާލާވެގެން ގޮސްފައިވާކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ 1442 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވެވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސުލްޖުމްހުރިއްޔާގެ ޚިތާބުގައި ދުނިޔޭގެ މިހާރުގެ ހާލަތަށް އަލިއަޅުއްވާލައްވައި، މުޅި ދުނިޔެ، އެއް ޤައުމު އަނެއް ޤައުމަށް، އެހީތެރިވެ އެއްބާރުލުމުގެ ރިވެތި ނަމޫނާއެއް ދައްކަމުން އަންނަކަން ފާހަގަކުރެއްވިއެވެ.

މިފަދަ ދުވަސްވަރަކާ މިއަހަރުގެ ރަމަޟާން މަސް އިއްތިފާޤުވެގެން އައުމަކީ، ރާއްޖެ ފަދަ އިސްލާމީ މުޖްތަމައަކަށް ނުހަނު ގިނަ ކަންކަން ހަނދާންކޮށްދީ، އެތައް ޢިބްރަތްތަކެއް ލިބިދޭނެ ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އާންމު ދިރިއުޅުމުގެ ހުރިހާ ކަމަކަށް ބުރޫ އަރައި، އިޤްތިސާދަށް ލޮޅުން އަރައި، ފަރުދުންގެ ފުދުންތެރިކަން ދަށްވެފައިވީ ނަމަވެސް، ދިވެހިންގެ އީމާންތެރިކަމާއި އިސްލާމީ އެއްބަނޑު އެއްބަފާކަމުގެ ވަރުގަދަ ގުޅުމުގެ ސަބަބުން، މިބަލިމަޑުކަމުގެ ތެރޭގައިވެސް، ދިވެހިންގެ ހިތްތަކުގެ ގުޅުން އިތުރަށް ވަރުގަދަވެ، އެކަކު އަނެކަކަށް އެހީތެރިވުމާއި އެއްބާރުލުމުގެ ރޫޙު އިތުރަށް އާލާވެފައިވާކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

މި ބަރަކާތްތެރި ރަމަޟާން މަސް އުނގަންނައިދޭ އެންމެ މަތިވެރި ފިލާވަޅަކީ ދަތިކަމާއި ނިކަމެތިކަމުގައި ދިރިއުޅޭ އެހެން އިންސާނުންގެ ހާލަތު އިހުސާސްކޮށް، އަނެކުންނަށް އެހީތެރިވެ އޯގާތެރިވުމުގެ ރޫހު އަށަގެންނެވުން ކަމުގައެވެ.

މި ބަރަކާތްތެރި ރަމަޟާންމަހުގެ މަންފާ އެންމެ ހެޔޮ ގޮތުގައި ހާސިލުކުރުމަށްޓަކައި، ރޯދައިގެ އަޅުކަން ފުރިހަމަކޮށް، ގިނަގިނައިން ޤުރްއާން ކިޔަވައި، ރޭއަޅުކަންކޮށް، ޞަދަގާތްދީ، މީސްތަކުންނަށް ހެޔޮ ފޯރުވައި އުޅުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރައީސްގެ ތަހުނިޔާގެ ޚިތާބުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، ރަމަޟާންމަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައި ވެއެވެ.

އަދި އެމަނިކުފާނު ވަނީ އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، އިސްލާމީ އުންމަތުގެ އެންމެހައި އަޚުންނާއި އުޚުތުންނަށްވެސް، މި ބަރަކާތްތެރި މައްސަރުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.