މިރަމަޟާން މަހު މާލެ ސަރަހައްދުގެ ގޭބީސީތަކުން ކުނި ނެރެންޖެހޭ ވަގުތަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބަދަލުގެނެސްފިއެވެ.

މި ރަމަޟާންމަހާ ދިމާކޮށް ވެމްކޯއިން ވަނީ މިއަދުން ފެށިގެން އެ ކުންފުނިން ކުނި ނަގާ ވަގުތުތަކަށް ބަދަލުގެނެސްފައެވެ.

މި ބަދަލުތަކާއެކު މާލެ، ހުޅުމާލެ އަދި ވިލިމާލެގެ ގޭބީސީތަކުން ކުނި ނެރެންޖެހޭ ވަގުތު ރޭގަނޑު 10:00 އިން ރޭގަނޑު 11:00 އަށް ވަނީ ބަދަލުކޮށްފައެވެ.

އެގޮތުން މާލޭގެ ގޭބީސީތަކުން މިއަދުން ފެށިގެން ކުނި ނަގާނީ ކޮންމެ ހަފްތާއެއްގެ ކޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް، ހެނދުނު 10:00 އިން ހަވީރު 5:00 އަށް، އަދި ރޭގަނޑު 20:00 އިން މެންދަމު 3:00 އަށް ކަމަށް ވެމްކޯއިން ބުނެފައިވެއެވެ.

މާލެއިން ހުކުރު ދުވަހު ކުނި ނަގާނީ މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށް، އަދި ރޭގަނޑު 8:00 އިން މެންދަމު 3:00 އަށް ކަމަށް ވެމްކޯއިން ބުނެފައިވެއެވެ.

ވިލިމާލެއިން ކުނި ނެގުމުގެ މަސައްކަތް ކޮންމެ ހަފްތާއެއްގެ ކޮނިހިރު ދުވަހުން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާނީ ހެނދުނު 10:00 އިން 17:00 އަށް އަދި ރޭގަނޑު 20:00 އިން މެންދަމު 2:00 ގެ ނިޔަލަށެވެ.

އަދި ކޮންމެ ހުކުރު ދުވަހެއްގެ މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށް އަދި ރޭގަނޑު 8:00 އިން މެންދަމު 2:00 ގެ ނިޔަލަށް ވިލިމާލެއިން ކުނި ނަގާނެއެވެ.

މީގެ އިތުރުން ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް ހުޅުމާލެއިން ކުނި ނަގާނީ ހެނދުނު 10:00 އިން ހަވީރު 5:00 އަށް އަދި ރޭގަނޑު 8:00 އިން 01:00 އަށެވެ.

ހުކުރު ދުވަހު ހުޅުމާލެއިން ކުނި ނަގާނީ 2:00 އިން ހަވީރު 5:00 އަށް އަދި ރޭގަނޑު 8:00 އިން މެންދަމު 1:00 ގެ ނިޔަލަށް ކަމަށް ވެމްކޯއިން ބުނެފައިވެއެވެ.

އަދި ތިލަފުށިން ކުނި ނެގުމުގެ މަސައްކަތް ކުރިއަށްދާނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް ހެނދުނު 9:30 އިން މެންދުރު 3:45 އަށެވެ. ހުކުރު ދުވަހު މެންދުރުފަހު 2:00 އިން ހަވީރު 5:00 އާ ހަމައަށް ތިލަފުށިން ކުނި ނަގާނެ ކަމަށް ވެމްކޯއިން ބުނެފައިވެއެވެ.