މިއަހަރުތެރޭގައި މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި 5000 ހައުސިންގ ޔުނިޓެއް އަޅަން ފަށާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި، މާލޭސިޓީއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކުގެ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއީ މާލޭގައި ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމަށެވެ. އަދި އެކަމަށް ހައްލު ހޯދުމަށްޓަކައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ސިޔާސަތުތައް ވާނީ ހާމަކޮށްފައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މިއަހަރުގެ ތެރޭގައި މާލޭގެ އެކި ސަރަޙައްދުތަކުގައި ފަސްހާސް ހައުސިންގ ޔުނިޓް އަޅަން ފަށާނެ ކަމާއި، މީގެތެރެއިން ތޭރަހާސް ހައުސިންގ ފްލެޓް އެޅުމަށްވެސް ވިސްނަވަމުން ގެންދަވާކަމަށްވެސް ވިދާޅުވެފައެވެ.

މީގެތެރޭގައި، ގުޅީފަޅުން ބާރަސަތޭކަ ގޯތި ދޫކުރުން ހަމަޖެހިފައިވާ ކަމަށާއި، ހުޅުމާލޭގައި އިތުރު ފްލެޓުތަކެއް އެޅުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް ރައީސް ވިދާޅުވިވެއެވެ.

މީގެއިތުރުން ހިޔާ ފްލެޓުތައް އެޅިގެންދިޔަގޮތާއި، މީގެކުރިން އެ ފްލެޓްތައް ބެހިފައި އޮތްގޮތުގެ ވާހަކަތައް އެދެވޭވަރަށް ދެއްކިފައި ނުވާކަމަށް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. އޭގެ ބަދަލުގައި ދެކެވެމުން ގޮސްފައިވަނީ ފްލެޓުތަކަށް، ކަން ކުރެވެމުން ގެންދެވުނު ގޮތުގެ ވާހަކަކަން ފާހަގަކުރައްވާ ރައީސް ވަނީ މީގެކުރިން ހިޔާ ފްލެޓުތައް ބެހިފައިވަނީ އެންމެ ރަނގަޅަކަށް ނޫންކަމަށް ވިދާޅުވެފައެވެ.

އަދި މިކަން އިތުރަށް ބަަލަމުން ގެންދަވާ ކަމަށާއި، ހިޔާ ފްލެޓުތައް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވަނީ ވިދާޅުވެފައެވެ.