ކޮންމެ އަހަރެއްގެ ރަމަޟާން މަހު ބާއްވާ އިޙްޔާ ފޯރަމް މި ރަމަޟާން މަހުވެސް އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލު އިސްމާއިލް އަފްރާހް ވިދާޅުވީ، އެހެން އަހަރުތަކާ އެއްގޮތަށް މިއަހަރުވެސް އިޙްޔާ ފޯރަމް އޮންނާނެ ކަމަށެވެ.

މިއަހަރު އިޙްޔާ ފޯރަމް އޮންނާނީ ކޮންމެ ހޯމަ އަދި ބުރާސްފަތި ވިލޭރެއެއްގައި ކަމަށް އަފްރާހު ވިދާޅުވިއެވެ.

މެދުކެނޑުމެއްނެތި މިފޯރަމް ކުރިޔަށްގެންދާތާ 41 އަހަރުވެފައިވާއިރު، މި ފޯރަމަކީ ދުރާ ގާތުން ގިނަ އަދަދެއްގެ ބަޔަކު ބަލާ ޕްރޮގްރާމެކެވެ.

އެހެންނަމަވެސް މިދިޔަ 2020 ވަނަ އަހަރު ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން މި ޕްރޮގްރާމް ކުރިޔަށްގެންގޮސްފައިވަނީ އޮންލައިންކޮށެވެ.

އަފްރާހް ވިދާޅުވީ މިއަހަރުގެ ރަމަޟާން މަހު މި ޕްރޮގްރާމް ކުރިޔަށްގެންދިޔުމަށް ނިންމާފައިވަނީ އާންމުންނަށް ބައިވެރިވެވޭގޮތަށް އިސްލާމިކް މިނިސްޓްރީގައި ކަމަށެވެ.

ރާއްޖޭގައި ތިބި ޤާބިލު އިލްމުވެރިން ބައިވެރިވެވަޑައިގެން ތަޤްރީރުކުރައްވާ މިފޯރަމްގައި މިއަހަރުވެސް މިފަދަ އިލްމުވެރިން ތަޤްރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިޙްޔާ ފޯރަމް އަޑުއެހުމަށްދާ ފަރާތްތަކުގެ ތެރޭގައި ސުކޫލް ކުދިންނާއި، އުމުރުން ދުވަސްވީ މީހުންވެސް ހިމެނެއެވެ.

ގުރުއާން ކިޔެވުމާއި ދީނީ ނަސޭހަތް ދިނުމުުގެ މައްޗަށް ބިނާކޮށް، ކުރިއަށްގެންދާ އިޙްޔާ ފޯރަމްއަކީ ދީނަށް ހޭލުންތެރި ކުރުމުގެ ގޮތުން ރޯދަމަހަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ފޯރަމެކެވެ.