މިއަދުން ފެށިގެން ފިތުރު ޒަކާތް ބަލައިގަންނަން ފަށާނެކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެފިއެވެ.

އިސްލާމިކް މިިނިސްޓްރީން ބުނީ، ގޮވާމުގެ ބާވަތްތަކުންނާއި ގޮވާމުގެ އަގަށްވާ ފައިސާއިން ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން ރަމަޟާންމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

ޒަކާތް ދައްކަން ޖެހެނީ އެ ބަޔަކު އަހަރެއްގެ ތެރޭގައި ކައި އުޅުނު ގޮވާމުގެ ބާވަތަކުން މީހަކަށް 2.4 ކިލޯ ކަމަށާއި ނުވަތަ 2.4 ކިލޯގެ ގޮވާމުގެ އަގަށްވާ ފައިސާއިން ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިއަހަރުގެ ޒަކާތް ބަލައިގަންނަ ތަންތަނުގެ ތެރެއިން ދިރާގުގެ 'ޕޭއި" ނުވަތަ އެކުންފުނީގެ ނައު އެމްވީ އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ އެސްއެމްއެސްއިންނެވެ.

އޫރީދޫގެ އެމްފައިސާ އެޕްލިކޭޝަނުގެ އިތުރުން އެސްއެމްއެސް ކޮށްގެންވެސް ޒަކާތް ދެއްކޭގޮތަށް ހަމަޖެހިފައި ވާއިރު މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޮށް ޒަކާތް ދެއްކުމަށް ފައިސާނެޓް ނުވަތަ މެއިން ބްރާންޗް އަދި ހުޅުމާލޭގައިވާ ބްރާންޗުގެ ކައުންޓަރުތަކުން ދެއްކޭނެކަމަށް އިސްލާމިކް އެފެއާޒުން މައުލޫމާތު ދެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ވެބްސައިޓުންނާއި، ފަހިޕޭގެ އެޕްލިކޭޝަން އަދި ޕޯޓަލް މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

އިސްލާމިކް އެފެއާޒުން ބުނީ މާލެ ސިޓީ ފިޔަވައި ރަށްރަށުގައި ފިތުރު ޒަކާތް ދިނުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ރަށުގެ ނުވަތަ ސިޓީއެއް ނަމަ ސިޓީ ކައުންސިލުން ކަމަށެވެ.

މީގެއިތުރުން މާލެ ސިޓީ ސަރަހައްދުތަކުންނާއި، ހުޅުމާލެ އަދި ވިލިމާލެއިން ފިތުރު ޒަކާތް ދައްކަންޖެހޭ އަދަދުގެ ތެރޭގައި، އާދައިގެ ހަނޑޫނަމަ ދައްކަން ޖެހޭނީ 12 ރުފިޔާއެވެ. އާދައިގެ ބާސްމަތީ ހަނޑޫނަމަ 125 ރުފިޔާއެވެ.

އަދި ތައިލެންޑް ހުދު ހަނޑޫ ނަމަ 52 ރުފިޔާއާއި ރަތް ހަނޑޫ ނަމަ 78 ރުފިޔާއެވެ.

މޮޅު ބާސްމަތީ ހަނޑުލުންނަމަ 65 ރުފިޔާއެވެ. އެންމެ މޮޅު ބާސްމަތީ ހަނޑޫނަމަ 125 ރުފިޔާ އަދި އާދައިގެ ފުށުން ނަމަ 10 ރުފިޔަލާއި، އާޓާ ފުށްނަމަ 59 ރުފިޔާއެވެ.