އިލެކްޝަންސް ކޮމިޝަންގެ ހުރިހާ މެމްބަރުން އިސްތިއުފާ ދޭންޖެހޭކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުހައްމަދު ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހު މިފަދައިން ވިދާޅުވީ އިންތިޚާބާބެހޭ މަރުކަޒު ދޮށަށް ގިނަ އާންމުންތަކެއް އެއްވެ އުޅެމުންދާ ކަމަށްބުނެ ދިޔަރެސް ނޫޙުގައި ޝާޢިއުކޮށްފައިވާ ޚަބަރެއް ރީޓްވީޓް ކުރައްވައެވެ.

މި ޓްވީޓުގައި މަލީހު ވަނީ އިލެކްޝަންސް ކޮމިޝަންގެ މަސައްކަތްތައް ލަސްކަމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.

މަލީހުގެ ޓްވީޓުގައި އިލެކްޝަންސް ކޮމިޝަންސް ފެއިލްވެއްޖެ ކަމަށް ވިދާޅުވެފައިވެއެވެ.

މަލީހު ވިދާޅުވީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ އިންތިޒާމުތަކުގެ ދޯހަޅި ވާހަކަވެސް ދައްކަންޖެހެނީ އެހެންވެ ކަމަށާއި، ވޯޓުލައި ނިމުނު ފަހުން 48 ގަޑައިރު ފާއިތުވެފައިވާއިރުވެސް ވޯޓާ ގުޅޭ އެއްވެސް އިތުރު މައުލޫމާތެއް ނުލިބޭކަން މަލީހު ވިދާޅުވެފައި ވެއެވެ.

ބާ ޖަމާލުއްދީން ސްކޫލްގައި ހުންނަ އިންތިޚާބުތަކާބެހޭ މައި މަރުކަޒުގެ ގޯތިތެރޭގައި މިއަދުވަނީ ހަމަނުޖެހުންތަކެއް ވެސް ހިނގާފައެވެ.

ހަމަނުޖެހުންތައް ފެށުނީ، އިލެކްޝަން ކޮމިޝަނުން ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުގެ ނަތީޖާ އޮޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށް އެތަނުގެ ގޯތިތެރޭގައި ބަޔަކު އަޑުއުފުލަމުން ގެންދަނިކޮށް ރައީސް ނަޝީދުވެސް އެތަނަށް ވަޑައިގަތުމުންނެވެ.

ރައީސް ނަޝީދު އެ މަރުކަޒަށް ވަޑައިގަތީ ކޮން ބޭނުމަކު ކަމެއް އަދި ސާފުވެފައެއް ނުވެއެވެ. އެހެންނަމަވެސް މިކަން މިގޮތަށް ހިނގާފައިމިވަނީ އިންތިޚާބުގެ ނަތީޖާއަށް ސަރުކާރުން ނުފޫޒު ފޯރުވަން މަސައްކަތްކުރާކަމުގެ ތުހުމަތު އިދިކޮޅުން ކޮށްފައިވާ ވަގުތެއްގައެވެ.

ހަބަރު ލިބޭގޮތުގައި، އިންތިޚާބާބެހޭ މަރުކަޒުގެ ގޯތިތެރޭގައާއި އެ ސަރަހައްދުގައި ހިނގި ކަންތައްތަކާ ގުޅިގެން، ނަތީޖާ ޔަގީންކުރުމަށް އަލުން ވޯޓުގުނުންވެސް މިހާރުވަނީ މެދުކަނޑާލާފައެވެ.