އިންތިޚާބާ ބެހޭ މަރުކަޒުގެ އެތެރެއަށް ވަދެވަޑައިގެންފައި ނުވާނެ ކަމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، އިންތިޚާބާ ބެހޭ މަރުކަޒުގައި ވޯޓު ގުނަމުންދަނިކޮށް ރައީސް ނަޝީދު އިންތިޚާބާ ބެހޭ މަރުކަޒަށް ވަދެވަޑައިގެންފައިވާ ކަމަށްބުނެ މީޑިއާގައި އެކި ވާހަކަތައް ދެކެވެމުންދަނިކޮށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އިންތިޚާބާ ބެހޭ މަރުކަޒުގެ އިދާރާ ދޮަށަށް ވަޑައިގަންނަވަންންޖެހުނީ ޓީ4 ގެ ވޯޓް ފޮށި އަލުން ގުނުމަށް ތައްޔާރުވެފައިވަނިކޮށް ޕީޕީއެމްގެ ލީޑަރާއި އިސްވެރިން އެ އިދާރާއަށް ވަދެ، 30 މިނެޓު ވީއިރުވެސް ނުނިކުތުމުން ކަމަށެވެ.

އަދި އޮފިޝަލުން ނޫން އެއްވެސް ބަޔަކަށް އެ އިންތިޚާބާބެހޭ އިދާރާއަށް ވަދެވިގެން ނުވާނެ ކަމަށާއި، އެމަނިކުފާނު ހުންނެނީ އެ އިދާރާގެ ބޭރުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިންތިޚާބާ ބެހޭ މަރުކަޒަށް ވަޑައިގެންނެވި އިރުވެސް އެ ސަރަހައްދުގައި އާންމުންގެ ގިނަ ބަޔަކު ގެންދިޔައީ މުޒާހަރާކޮށް އަޑުއުފުލަމުންނެވެ. އަދި ރައީސް ނަޝީދު އެ ސަރަހައްދަށް ވަޑައިގެންނެވުމުން އެ ސަރަހައްދު އިތުރަށް ހަލަބޮލިވެގެން ދިޔައެވެ.

ހަބަރު ލިބޭގޮތުގައި، އިންތިޚާބާބެހޭ މަރުކަޒުގެ ގޯތިތެރޭގައާއި އެ ސަރަހައްދުގައި ހިނގި ކަންތައްތަކާ ގުޅިގެން، ނަތީޖާ ޔަގީންކުރުމަށް އަލުން ވޯޓުގުނުންވެސް މިހާރުވަނީ މެދުކަނޑާލާފައެވެ.