މި ރަމަޟާން މަހުގައި ޓިކްޓޮކް ވީޑިއޯ ކުޅެގެން 20،000 ރުފިޔާގެ އަގުހުރި ވެޑިންގ ޑެކަރޭޝަން ޕެކޭޖެއް ހޯދުމުގެ ފުރުސަތު ވީމީޑިއާއިން ހުޅުވާލައިފިއެވެ.

އެގޮތުން މި ފުރުސަތު ލިބިގެންދަނީ ރަމަޟާން މަހަށް ހާއްސަކޮށްގެން ވީޓީވީން ގެނެސްދޭ، "ދަ ލޭޓް ނައިޓް ޝޯ ވިތް އައްފު އެންޑް ޖައްބު" ކިޔާ ޕްރޮގްރާމެއް މެދުވެރިކޮށެވެ.

މި ޕްރޮގްރާމްގެ ޕްރޮޑިއުސަރ، މުހައްމަދު ޖަޒްލާން މައުލޫމާތު ދޭގޮތުގައި މި އަގުހުރި ވެޑިންގ ޑެކަރޭޝަން ޕެކޭޖަކީ ރާއްޖޭގައި ކައިވެނި ހަފްލާތަކާއި އެހެނިހެން ހަފްލާތައްވެސް ޑެކަރޭޓް ކުރުމުގައި ފުންނާބު އުސް ފަރާތެއް ކަމުގައިވާ، އޯވޭޝަން މޯލްޑިވްސްގެ ފަރާތުން ހަދިޔާކުރާ އިނާމެކެވެ.

އޯވޭޝަން މޯލްޑިވްސް އިން ހަދިޔާކޮށްފައިވާ ޕެކޭޖް- ފޮޓޯ:- އޯވޭޝަން މޯލްޑިވްސް

މި ޕެކޭޖް ހޯދުމަށްޓަކައި ހަދަންޖެހޭ ގޮތަކީ، ހަފްތާއަކު ދެރޭ، 23:30 އިން 01:00 އާއި ހަމައަށް ޕްރޮގްރާމް ކުރިއަށްދާ ވަގުތުގައި، ޕްރެޒެންޓަރުން ދެއްވާ މަޢުލޫއަކަށް، ޓިކްޓޮކް މެދުވެރިކޮށް ވީޑިއޯއެއް ހެދުމަށްފަހުގައި، ޓިކްޓޮކްގައިވާ ޕްރޮގްރާމުގެ އައިޑީ، LateNightShow_VTV ޓެގް ކުރުމަށްފަހު ވީޑިއޯގެ ކޮމެންޓް ސެކްޝަނުގައި ޕްރޮގްރާމުގެ އައިޑީ ޓެގް ކުރުމެވެ.

އެއަށްފަހުގައި ޕްރޮގްރާމުގެ ޕްރޮޑަކްޝަން ޓީމުގެފަރާތުން އެ ވީޑިއޯއެއް ފޭސްބުކްގައިވާ ޕްރޮގްރާމުގެ ޕޭޖަށް ޕޯސްޓުކުރުމުން، އެންމެ ގިނަ ރިއެކްޝަން އެވީޑިއޯއަކަށް ހޯދުމުން މޮޅުވުމުގެ 50 އިންސައްތަ މާކްސް ލިބޭނެއެވެ. 50 އިންސައްތަ މާކްސް ލިބޭނީ މަދުވެގެން 5000 ރިއެކްޝަން ހަމަވާ ވީޑިއޯތަކަށް ކަމަށް ޖަޒްލާން މައުލޫމާތު ދެއްވައެވެ.

ޖަޒްލާން ވިދާޅުވީ، ބާކީ 50 އިންސައްތައަކީ ޕްރޮގްރާމްގެ ޕްރޮޑަކްޝަން ޓީމުގެ ފަރާތުން، ވީޑިއޯ ޖަޖް ކުރުމަށްފަހުގައި ދެވޭ މާކްސްއިން ކަނޑައެޅޭ އަދަދެއް ކަމަށާއި، މި އިނާމު ލިބޭނީ ރިއެކްޝަން އާއި ޕްރޮޑަކްޝަން ޓީމުގެ ހާއްސަ ޕެނަލުންދޭ މާކްސްއިން އެންމެމަތިން ހޯދާ ވީޑިއޯއެއް ހައްދަވާ ފަރާތަކަށް ކަމަށެވެ. އަދި ދަ ލޭޓް ނައިޓް ޝޯ ވިތް އައްފު އެންޑް ޖައްބުގެ 8 ޕްރޮގްރާމެއް ރޯދަމަސް ނިމޭއިރުގައި ދައްކާއިރު، އިނާމު ލިބުމުގެ ފުރުސަތު ލިބޭނީ 8 ޕްރޮގްރާމުގައިދޭ 8 މައުޟޫއަށް ވީޑިއޯ ހަދާ ފަރާތްތަކަށް ކަމަށްވެސް ޕްރޮޑިއުސަރ، މުހައްމަދު ޖަޒްލާން މައުލޫމާތު ދެއްވައެވެ.

ދަ ލޭޓް ނައިޓް ޝޯ ވިތް އައްފު އެންޑް ޖައްބުގެ ޓިކްޓޮކް ކޮމްޕެޓިޝަންގައި ބައިވެރިވާ ފަރާތްތަކަކީ މި ޕްރޮގްރާމަށްޓަކައި ހެދިފައިވާ ފޭސްބުކް ޕޭޖް އަދި ޓިކްޓޮކް ޕޭޖަށްވެސް ލައިކުދީ ފޮލޯކުރާ ފަރާތްތަކަކަށް ވާންޖެހޭ ކަމަށް، ޕްރޮގްރާމުގެ ޕްރޮޑަކްޝަން ޓީމުގެ ފަރާތުން ބުނެއެވެ.