ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިން އެމެރިކާގައި ޖެހުން މަޑުޖައްސާލަން އެމެރިކާގެ ފޫޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން އަންގައިފިއެވެ.

އެމެރިކާގެ އެފްޑީއޭއިން މިގޮތަށް އެންގީ، ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން ޖެހި، އުމުރުން 50 އަހަރުންދަށުގެ 6 އަންހެނަކަށް ނާދިރު ހާލަތުގެ ބްލަޑް ކްލޮޓް ނުވަތަ ލޭގައި ގަނޑުލޭކޮޅު އުފެދުމުގެ މައްސަލަ ދިމާވެގެން އެކަން ރިޕޯޓްކުރުމާ ގުޅިގެންނެވެ.

މިރިޕޯޓާއެކު، ޖޭއެންޖޭއިންވަނީ، އެ ކުންފުނީގެ ކޮވިޑް ވެކްސިން ޔޫރަޕަށް ފޮނުވުންވެސް ފަސްކޮށްފައެވެ.

މިހާތަނަށް ބްލަޑް ކްލޮޓްވުމުގެ މައްސަލަތައް ދިމަވެފައިވަނީ އެސްޓްރަޒެނެކާގެ ވެކްސިންޖެހި މީހުންނަށެވެ.

ޔޫރަޕިއަން މެޑިސިންސް އޭޖެންސީން މިމަހުގެ ކުރީކޮޅު ބުނެފައިވަނީ، ބްލަޑް ކްލޮޓްވުމުގެ މައްސަލަތަކާއި، އެސްޓްރަޒެނެކާގެ ވެކްސިނާ ގުޅުންވާ ކަމަށް ހޯދިފައިވާ ކަމަށެވެ.

ޔޫރަޕިއަން މެޑިސިންސް އޭޖެންސީން މިކަން ހާމަކުރުމުގެ ކުރިންވެސް، ގަނޑުލޭކޮޅު އުފެދޭކަމުގެ ރިޕޯޓްތަކާއި، ބައެއް މީހުން މަރުވުމުގެ ސަބަބުން ޔޫރަޕްގެ ބައެއް ގައުމުތަކުން އޮތީ އެސްޓްރަޒެނެކާގެ ވެކްސިންޖެހުން މެދުކަނޑާލާފައެވެ.

ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިންއަކީ، ކޮވިޑާ ދެކޮޅަށް ދުނިޔޭގައި މިވަގުތު ބޭނުން ކުރަމުންދާ ވެކްސިންތަކުގެ ތެރެއިން އެންމެ ޑޯޒެއް ދޭގޮތަށް އުފައްދައި ބޭނުންކުރަމުންދާ ހަމައެކަނި ވެކްސިނެވެ.

އެސްޓްރަޒެނެކާގެ ވެކްސިންގެ އަގު ހެޔޮވެފައި އަދި ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިންގެ އެންމެ ޑޯޒަކުން ފުދޭތީ، ކޮވިޑް ބައްޔާ ދެކޮޅަށް ދުނިޔޭގެ ގައުމުތަކުން ކުރަމުންދާ ހަނގުރާމައިގައި މި ދެވެކްސިން ވެފައިވަނީ ވަރަށް މުހިންމު ދެ ވެކްސިނަށެވެ.

އެމެރިކާގެ ފޫޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ބުނެފައިވަނީ، ޖޯންސަން އެންޑް ޖޯންސަން ވެކްސިން ޖެހި އެކަކަށް ބްލަޑް ކްލޮޓުވުމުގެ މައްސަލަ ދިމާވެ މަރުވެފައިވާ ކަމަށެވެ. އަދި އިތުރު އެކަކު މިހާރު އޮތީ ވަރަށް ސީރިއަސް ހާލަތުގައި ކަމަށެވެ.

އެފްޑީއޭގެ އެކްޓިންގ ކޮމިޝަނަރ ޖެނެޓް ވޫޑްކޮކް ވިދާޅުވީ، ޖޭއެންޑްޖޭ ވެކްސިން ޖެހުން މެދުކަނޑާލަން އެންގީ، ވެކްސިން ޖެހުމުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތައް ދެނެގަނެ، ފަރުވާދީ އެކަން ރިޕޯޓްކުރުމާ ގުޅޭގޮތުން ސިއްހީ ޚިދުމަތްތެރިންނަށް ފުރިހަމަ މައުލޫމާތު ދިނުމަށް ކަމަށެވެ.

ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން ޖެހުން މަޑުޖައްސާލަން އެފްޑީއޭއިން އެންގުމާ ގުޅިގެން، ވައިޓްހައުސްއިން ބުނެފައިވަނީ، ރައީސް ބައިޑެންގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެކުރިން، ދުވާލެއްގެ މައްޗަށް 3 މިލިއަން މީހުންނަށް ވެކްސިން ޖަހައި، ޖުމްލަ އަދަދު 200 މިލިއަނަށް އެރުވުމަށް އެކަށައަޅާފައިވާ ޕްލޭނަށް އެއްވެސް އަސަރެއް ނުކުރާނޭ ކަމަށެވެ.

ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން ޖެހުން މެދުކަނޑާލިއިރު، އެމެރިކާގައި އެ ވެކްސިންގެ އިތުރުން ޖަހަމުން ގެންދަނީ ފައިޒަރގެ ވެކްސިނާއި މޮޑަނާގެ ވެކްސިނެވެ.

ބަލްޑް ކްލޮޓްވުމުގެ މައްސަލަ މަދުބަޔަކަށް ދިމާވުމާއި، އެކަމުގައި މަރުވެފައިވަނީވެސް މަދުބައެއް ކަމުންނާއި، އަދި ކޮވިޑް ބަލީގެ ހާލަތުގެ ސަބަބުން ގިނަބައެއްގެ ފުރާނަ ސަލާމަތްކުރުމުގެ ހަތިޔާރަކަށް ވެކްސިންވާތީ، ރިސްކަށްވުރެ ވެކްސިންގެ ފައިދާ ބޮޑުކަމަށް ބުނެ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ތަޖުރިބާކާރުންނާއި، ޔޫރަޕްގެ ތަޖުރިބާކާރުންވެސް ގެންދަވަނީ، ވެކްސިން ޖެހުން ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ގައުމުތަކަށް އިރުޝާދު ދެމުންނެވެ.