އޭއެފްސީ ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ދެވަނަ ބުރުގައި، ރާއްޖޭގެ ކްލަބް އީގަލްސް އާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ބައްދަލުކުރާ މެޗު، ނޭޕާލުގެ ކަތަމަންޑޫގައި ކުޅެން ނިންމައިފިއެވެ.

އޭއެފްސީން ވަނީ އަންގާރަ ދުވަހު މިކަން ލިއުމުން ކްލަބް އީގަލްސް އާއި އަބަހާނީ އަށްވެސް އަންގާފައެވެ. މިމެޗު ކުރިން ކުޅުމަށް ތާވަލުކުރެވިފައިވަނީ އޭޕްރިލް މަހުގެ 14 ވަނަ ދުވަހު، ބަންގްލަދޭޝްގައެވެ. އެހެންނަމަވެސް ކޮވިޑް-19 ގެ ކޭސްތައް އެ ޤައުމުގެ އިތުރުވެ، އެ ޤައުމު ލޮކްޑައުން ކޮށްފައި އޮތުމުން މި މެޗު ބަންގްލަދޭޝްގައި ކުޅެވޭނެ ގޮތް ވަނީ ނުވެފައެވެ. އޭއެފްސީން މިހާރު ވަނީ މި މެޗު މި މަހުގެ 21 ވަނަ ދުވަހަށް ފަސްކޮށްފައެވެ

އޭއެފްސީން މި ނިންމުން ނިންމީ ބަންގްލަދޭޝްގައި މެޗު ކުޅެވޭނެ އެއްވެސް ފުރުސަތެއް ނެތުމުން އޭއެފްސީން ވަނީ މި މެޗު ނިއުޓްރަލް ދަނޑެއްގައި ކުޅެން ނިންމައި، ދަނޑެއް ހަމަޖެއްސުމަށް އަބަހާނީއަށް އޭޕްރިލް މަހުގެ 10 ވަނަ ދުވަހުގެރޭގެ ނިޔަލަށް މުހުލަތު ދީފައެވެ. ބަންގްލަދޭޝްގެ ޞިއްޙަތާ ބެހޭ ވުޒާރާއިންވެސް މި މެޗު އެގައުމުގައި ބޭއްވުމަށް އެއްބާރުލުން ދީފައި ނުވުމުން މެޗު އަމިއްލަ ގައުމުގައި ކުޅުމުގެ ފުރުސަތު އަބަހާނީއަށް ގެއްލި މި މެޗު އިންޑިއާގައި ކުޅެން އަބަހާނީން މީގެ ކުރިން މަސައްކަތްކުރި އިރު ޓީމުން ފަހުން ވަނީ މި މެޗު ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި ކުޅެން ހުށަހަޅާފައެވެ.

ނޭޕާލުގައި މެޗު ކުޅެން އޭއެފްސީން ނިންމިނަމަވެސް ބުދަ ދުވަހުން ފެށިގެން އަންނަ ހަފުތާގެ އަންގާރަ ދުވަހާ ހަމައަށް އެތެރޭގެ އުދުހުންތަކާއި ބޭރުގެ އުދުހުންތަކުގެ 500 އަށްވުރެ ގިނަ ދަތުރުތައް ކެންސަލް ކޮށްފައިވާ ކަމަށް ބަނގްލަދޭޝްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ބުނެފައެވެ. މިއާއެކު މެޗު ކުޅުމަށް ނޭޕާލަށް ދިއުމަށް އަބަހާނީއަށް ބޮޑު ގޮންޖެހުމަކާއި ކުރިމަތިލާން ޖެހިފައިވާއިރު، މިމަހުގެ 19 ވަނަ ދުވަހު އެޓީމުން ނޭޕާ؛ަށް ދިއުމަށް މަސައްކަތްކުރަމުން އަންނަކަމަށް އެޓީމުގެ މެނޭޖަރު، ސަތުޔަޖީތު ދާސް ރޫޕޫ ވަނީ ބުނެފައެވެ.

ޕްރިލިމިނަރީ ދެވަނަ ބުރުގައި ރާއްޖޭގެ އީގަލްސް އާއި ޑާކާ އަބަހާނީ ބައްދަލުކުރާއިރު ، މިބުރަށް އީގަލްސް ދަތުރުކުރީ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ބޫޓާނުގެ ތިމްޕޫ ސިޓީ އެފްސީގެ މައްޗަށް، 0-2 ގެ ނަތީޖާއަކުން ރާއްޖޭގައި ކުރިހޯދައިގެންނެވެ. އަދި ޕްރިލިމިނަރީ ދެވަނަ ބުރުގައި އަބަހާނީ އަތުން މޮޅުވެއްޖެނަމަ، ޕްލޭއޮފްގައި އީގަލްސް ވާދަކުރަން ޖެހުމުގެ އެންމެ ފުރުސަތު ބޮޑީ އިންޑިއާގެ ބެންގަލޫރު ސިޓީ އެފްސީ އާއެވެ.

ކޮލިފައިން ކާމިޔާބުކުރާ ޓީމަކަށް ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭއިރު، ރާއްޖެއިން ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ލިބިފައިވަނީ މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށެވެ. މާޒިޔާގެ އިތުރުން ދެން ގްރޫޕް ސްޓޭޖުގައި ހިމެނެނީ އިންޑިއާގެ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއެވެ.