80 ގެ އަހަރުތަކުގެ ތެރޭގައި ހިންދީ ސިނަމާގައި ވިދާލި ބަތަލާ ރަވީނާ ޓަންޑަންއާއި އެކްޓަރު އަކްޝަޔޭ ކަންނާ ފުރަތަމަ ފަހަރަށް ފެނިގެންދާ ވެބް ސީރީޒް "ދަ އެކްސިޑެންޓަލް ޕްރައިމް މިނިސްޓަރ" ކުޅެން ސޮއިކޮށްފިއެވެ.

ރިލީޒްކުރާނެ ވަކި ޑިޖިޓަލް ޕްލެޓްފޯމްއަކާބެހޭ މައުލޫމާތު ހިއްސާކޮށްފައިނުވާ މިވެބް ސީރީޒް ޑައިރެކްޓަރުކުރާނީ ވިޖޭ ގުއްޓޭއެވެ.

ވިޖޭއަކީ ހިންދީ ފިލްމުތަކުގެ އިތުރުން ސައުތް އިންޑިއާގެ ފިލްމުތައްވެސް އުފައްދާފައިވާ ފަރާތެކެވެ.

އެކްޓަރު އަކްޝަޔޭ ކަންނާ ސީރީޒްގެ ލީޑްއިން ފެނިގެންދާއިރު ބަތަލާ ރަވީނާ ޓަންޑަން ފެނިގެންދާނީ އަކްޝޭގެ ރައިވަލްއެއްގެ ގޮތުގައެވެ.

މީގެކުރިން އަކްޝަޔޭއާއެކު ރަވީނާ ފެނިފައިވަނީ ޖޭޕީ ދައްތާގެ ފިލްމު "ލޮކް ކަރގިލް" އިންނެވެ. އެހެންނަމަވެސް ދެތަރިން އެކުގައި އެފިލްމުގެ އެއްވެސް މަންޒަރެއް ކުޅެފައެއް ނުވެއެވެ.

މިސީރީޒްކީ ޑައިރެކްޓަރު ވިޖޭގެ ފުރަތަމަ ޑިޖިޓަލް ވެބް ސީރީޒްއަށްވެފައި ހުރިހާގޮތަކުންވެސް ވަރަށް ފުރިހަމައަށް ސީރީޒްގެ މަސައްކަތް ނިންމާލުމަށް މިޕްރޮޖެކްޓްގެ ޓީމުންދަނީ މަސައްކަތް ކުރަމުންނެވެ. މީގެ އޯޑިއަންސް ޓާގެޓަކީ ބައިނަލް އަޤްވާމީ އޯޑިއަންސްއަކަށްވެފައި ސީރީޒްގެ ގިނަ މަންޒަރުތައްވެސް ވަރަށް ގިނަ ބޭރު ޤައުމުތަކުގައި ނެގުމަށްވަނީ ނިންމާފައެވެ.

މިސީރީޒްއާ ބެހޭގޮތުން ވާހަކަ ދައްކަމުން އެކްޓަރު އަކްޝަޔޭ ބުނެފައިވަނީ، މީގެކުރިންވެސް ޑައިރެކްޓަރު ވިޖޭއާއެކު މަސައްކަތް ކޮށްލުމުގެ ފުރުސަތު އޭނާއަށްވަނީ ލިބިފައެވެ.

އެތައް އަހަރުތަކަކަށްފަހު ވިޖޭގެ ޕްރޮޖެކްޓެއްގައި މަސައްކަތްކޮށްލަން ފުރުސަތު ލިބުނުއިރު އެއީ އޭނާގެވެސް ފުރަތަމަ ވެބް ސީރީޒްއަށްވުމުން އަކްޝަޔޭހުރީ ވަރަށް ހިތްހަމަޖެހިފައި ކަމަށްވެސް އެކްޓަރުވަނީ ބުނެފައެވެ.

ހަމައެއާއެކު އޭނާއަށް އަދާކުރަން ހަމަޖެހިފައިވާ ރޯލު ވަރަށް ފުރިހަމައަށް ބެލުންތެރިންނަށް ގެނެސްދޭނެކަމުގެ ޔަގީންކަން އެކްޓަރުވަނީ ބެލުންތެރިންނަށް ދީފަފައެވެ.

އަކްޝަޔޭ މިސީރީޒް ކުޅެން ސޮއިކޮށްފައިވާއިރު އޭނާދަނީ ޒީ-5އިން ދައްކަން ހަމަޖެހިފައިވާ "ސްޓޭޓް އޮފް ސީގް: ދަ ޓެމްޕްލް އެޓެކް"ގައި މަސައްކަތް ކުރަމުންނެވެ.

މީގެއިތުރުންވެސް އަކްޝަޔޭވަނީ އެކްޓަރު އަމީތާބް ބައްޗަން ކުޅެފައިވާ ފިލްމު "އާންކޭން" ގެ ސީކުއެލް ކުޅެން ސޮއިކޮށްފައެވެ.