ރާއްޖެ މިސްރާބު ޖަހާފައި ވަނީ ރަށްވެހި ފަތިހަކަށް ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ލޯކަލް އިންތިހާބަށްފަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެެ ފުރަތަމަ ޖަލްސާ ފެށިގެން ގާތްގަނޑަކަށް 20 މިނެޓް ވީއިރުވެސް އިންތިހާބާއި ގުޅޭގޮތުން ރައީސް ނަޝީދު އެއްވެސް ވާހަކަފުޅެއް ދައްކަވާފައެއް ނުވެއެވެ.

އެހެންކަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވަނީ ރައީސް ނަޝީދު އިންތިބާހާއި ގުޅިގެން ވާހަކަފުޅު ނުދައްކަވާތީ އެކަމާއި ސުވާލު އުފައްދަވާފައެވެ.

މެމްބަރު އާދަމް ޝަރީފަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު އިންނެވީ އެމައުޟޫއާ ގުޅޭގޮތުން އެއްޗެއް ދަންނަވަން ބޭނުންފުޅުވެފައި ކަމަށެވެ. އެހެންނަމަވެސް އެއްޗެއް ވިދާޅުނުވީ ފުރުސަތެއް ނުލިބިގެން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ފެށުނީއްސުރެން ކޮންމެ އިންތިހާބެއްގައިވެސް، ކުރީ އިންތިހާބަށްވުރެ ބޮޑު ކާމިޔާބެއް އެމްޑީޕީން އަންނަނީ ހޯދަމުން ކަމަށެވެ.

ޕީޕީއެމުން ވެސް ކާމިޔާބު ހޯދާ ކަމަށާއި، ޕީޕީއެމްއަށް ކުރިން ކާމިޔާބު ނުލިބޭ ދާއިރާތަކުން ކާމިޔާބު ހޯދާފައިވާކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. ހާއްސަކޮށް މާލޭގެ މޭޔަރުކަމުގެ ގޮނޑި ޕީޕީއެމުން ކާމިޔާބު ކޮށްފައިވާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

އިންތިހާބުގައި ޕީޕީއެމްއަށް ލިބުނު ކާމިޔާބީއަށް މަރުހަބާ ވިދާޅުވާ ކަމަށާއި، އެހެންނަަމަވެސް އިންތިހާބުގައި މާބޮޑު ތަފާތެއް އައިކަމަކަށް ނުބެލެވޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ސިޔާސީ ތަބީއަތް މިސްރާބުޖަހާފައި ހުރީ އޭގެ މަންޒިލަށް ކަމަށާއި، އެއީ ލަފާކުރެވޭގޮތުގައި ރަށްވެހި ފަތިހަކަށްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ގުނުމުގައި މައްސަލަތަކެއް ހުރިކަމަށް ބުނެ ބައެއް ފޮށިތައް ގުނުމަށް އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް އަންގާފައިވެއެވެ.