ދައުލަތުގެ މާލިއްޔަތު ގާނޫނުގެ ދަށުން 2022 އިން 2024 އަށް އެކުލަވާލާ މެދުރާސްތާ ބަޖެޓު އެކުލަވާލުމަށް ބެނުންވާ މައުލޫމާތުތައް ހުށަހަޅަން ފިނޭންސް މިނިސްޓްރީން އެދިއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި ބަޖެޓަކީ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާއި ނޭޝަނަލް ރެޒިލިއެންސް އެންޑް ރިކަވަރީ ޕްލޭންގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ބަޖެޓެއް ކަމަށެވެ.

މި ބަޖެޓު އެކުލަވާލުމުގެ ފުރަތަމަ މަރުހަލާގައި ދައުލަތުގެ އޮފީސްތަކުން އަލަށް ފެށުމަށް ރާވައިފައިވާ ޕްރޮގްރާމްތަކާއި މަޝްރޫއުތައް އެކުލަވާލައި، އެ މައުލޫމާތުތައް ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ނިއު ޕޮލިސީ އިނިޝިއޭޓިވްސްގެ ގޮތުގައި ހުށަހަޅާނީ ބަޖެޓުގައި ހިމެނުމަށް ބޭނުންވާ އައު ކަންތައްތަކާއި ބަޖެޓުން އިތުރަށް ޖާގަ ބޭނުންވާތީ ހުށަހަޅާ ކަންތައްތަކެވެ.

މިގޮތުން ނިއު ޕޮލިސީ އިނިޝިއޭޓިވްސްގެ ގޮތުގައި ހުށަހަޅާކަންކަން ބަޖެޓުގައި ހިމެނުމާމެދު ގޮތެއް ނިންމާނީ އެ މިނިސްޓްރީ އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ނިއު ޕޮލިސީ އިނިޝިއޭޓިވްސް ސީލިންގ ކަނޑައެޅިފައިވަނީ މެދުރާސްތާގެ ބަޖެޓުގައި އައު ހަރަކާތްތަކަށާއި މަޝްރޫޢުތަކަށް ޖާގަ ދެވޭނެ ޖުމުލަ މިންވަރަށް ބަލައިގެން، އޮފީސްތަކަށް ބަހާލައިގެން ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ސީލިންގއަކީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓުގައި އެ އޮފީހަކަށް ހިމެނިފައިވާ އަދަދެއް ނޫން ކަމަށާއި، ހުށަހަޅާ ކަންތައްތަކުގެ ތެރެއިން ބަޖެޓުގައި ހިމެނުމަށް ނިންމާ ކަންތައްތަކުގެ ބަޖެޓު، ބަޖެޓު ފައިނަލްކުރުމުގެ މަރުހަލާގައި، އޮފީސްތަކުގެ ބޭސްލައިން ބަޖެޓަށް އިތުރުކުރެވޭނެ ކަމަށް ފިނޭންސުން ބުނެފައިވެއެވެ.

ނިއު ޕޮލިސީ އިނީޝިއޭޓިވްތައް ނުވަތަ ބަޖެޓަށް ހުށަހަޅާ އައު ކަންކަން މިނިސްޓްރީތަކާއި އިދާރާތަކުން ހުށަހަޅާނީ isles.gov.mv މެދުވެރިކޮށެވެ. މި މައުލޫމާތުތައް ޖޫން 30 ކުރިން ފޮނުވަން ފިނޭންސް މިނިސްޓްރީން ވަނީ އަންގާފައެވެ.