ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކޮވިޑް ވެކްސިން ޖެހުމަށް އިންކާރުކުރައްވާފައި ނުވާކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.

މިކަން ހާމަކުރީ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ފަރާތުން ނެރުނު ނޫސްބަޔާނެއްގައެވެ.

ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން މިކަމާ ގުޅޭގޮތުން ނޫސް ބަޔާނެއް މިނެރުނީ، ކޮވިޑް-19 ގެ ވެކްސިން ޖެހުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަަލް ސަރވިސްއިން އެމަނިކުފާނު ރޭގެ ވަގުތެއްގައި މާލެ ގެނައުމުން ވެކްސިން ޖެހުމަށް އިންކާރުކުރައްވާފައިވާތީ ވެކްސިން ނުޖެހި އެނބުރި މާފުށީ ޖަލަށް ގެންގޮސްފައިވާ ކަމަށް ބުނެ ކަރެކްޝަންސްއާ ހަވާލާދީ ބައެއް ނޫސްތަކުން ޚަބަރު ފަތުރާފައި ވަނިކޮށެވެ.

ރައީސް ޔާމީން އެދިވަޑައިގަތުމުގެ މަތިން ކޮވިޑް-19 ގެ ވެކްސިން ޖެހުމަށްޓަކައި އެމަނިކުފާނު ރޭގެ ވަގުތެއްގައި މާލެ ގެނައި މޯލްޑިވްސް ކަރެކްޝަނަަލް ސަރވިސްގެ ލޯންޗް، މާލޭ އުތުރު ފަރާތު 1 ނަންބަރު ޖެޓީ ސަރަހައްދު ބޭރުގައި ޓްރާންސްޕޯޓް ހަމަނުޖެހޭ ކަމަށް ބުނެ އެތައް އިރެއް ވަންދެން އޮތުމަށްފަހު މާލޭ ޖަލު ކައިރީގައިވެސް އެ ލޯންޗް އޮތުމަށް ފަހުވެސް ޓްރާންސްޕޯޓް ހަމަޖެހިފައިނުވުމުގެ ސަބަބުން ވެކްސިން ޖެހޭގޮތް ނުވެ އެނބުރި މާފުށީ ޖަލަށް ގެންދިޔައީކަމަށް ނޫސްބަޔާނުގައި ވެއެވެ.

އެއްވެސް ހާލެއްގައި ރައީސް ޔާމީން ވެކްސިން ޖެހުމަށް އިންކާރު ކުރައްވާފައި ނުވާކަން ފާހަގަކޮށް ގާނޫނީ ޓީމުގެ ބަޔާނުގައި ބުނެފައިވަނީ، އެގޮތަށް ކަން ހިނގާފައިވަނީ ވެކްސިން ޖެހުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް ކަރެކްޝަންސްގެ އިހުމާލުން ހަަމަޖެހިފައިނުވާތީ ކަމަށެވެ.

އެހެންކަމުން ވެކްސިން ނުޖެހި އެނބުރި ދާންޖެހިފައިވަނީ އެމަނިކުފާނު ވެކްސިން ޖެހުމަށް އިންކާރު ކުރައްވާފައިވާތީ ކަމަށް ބަޔާންކޮށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ނޫސްތަކަށް މައުލޫމާތު ދީފައިވަނީ ސީދާ އެމަނިކުފާނު ބަދުނާމުކޮށް އެމަނިކުފާނުގެ އަގު ވައްޓާލުމަށްޓަކައި ކަމަށް ދެކޭ ކަމަށް ގާނޫނީ ޓީމުން ބުނެފައި ވެއެވެ.