(9 އޭޕްރީލް 2021 އާ ގުޅޭ)

*****

އެއްރެއެއްގެ އިރާކޮޅުގެ ވަގުތެވެ. އަހަރެން ފެންވަރާލައިގެން ކޮޓަރިން ނިކުތް އިރު މަންމައާއި ބައްޕަ އޮލަވާހަކަ އެއްގައި ތިއްބެވެ. އަހަރެން ގެއިން ނިކުންނަން ފެށުމުން މަންމަ ގޮވާލިއެވެ. ދަރިފުޅާ! އައިސްބަލަ މިތަނަށް.. މަންމަ ގޮވާލުމުން އިޖާބަދީ އަހަރެން މަންމައާއި ބައްޕަގެ ކައިރީގައި އިށީނީމެވެ.

މަންމާ ކިހިނެއްވީ!

ދަރިފުޅާ ބައްޕަ އެއުޅެނީ އަންނަ ހަފްތާގަ މާލެ ދާންވެގެން.. ދަރިފުޅުވެސް ބައްޕަ އާއިއެކު ފިހާރައަށް މުދާ ބަލާ މިފަހަރު ދާންވާނެ.. ދަރިފުޅު ތިއުޅެނީ ޗުއްޓީވެސް ނަގާކަށް ނުދޯ...

ލައްބަ! އެކަމަކު ބައްޕާ އަހަރެން އެބަ އޮތް ވަރަށް ބޮޑު ވާހަކައެއް ބުނަން ވެފަ..

އެއީ އަނެއްކާ ކޮން ވާހަކައެއްތަ ދަރިފުޅާ!

ބައްޕަ މިހެން ބުނުމާއިކު އަހަރެން މިއުޅެނީ މީހަކާ އިންނަން ކަމަށް ބުނީމެވެ. އެއީ ގުމްރީ ކަމަށް ބުނުމުން ބައްޕަ އާއި މަންމަ މިކަމާއި ނުރުހި އިންކާރު ކުރިއެވެ. ސަބަބަކީ ގުމްރީ އަކީ ނިކަމެތި ކުއްޖެއްކަން އަހަރެންގެ މައިން ބަފައިންނަށް އެނގޭތީއެވެ. އަދި އެ އާއިލާ އަކީ އަހަރެންގެ މައިންބަފައިންނަށް އެނގޭ އާއިލާއަކަށް ވުމެވެ.

ނަމަވެސް އަހަރެންނަކީ ގޮތް ދޫކުރާ މީހެއް ނޫންކަން މަންމައަށާއި ބައްޕައަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެހެންކަމުން އަހަރެން ގަސްތުކުރީ އަހަރެންގެ މައިންބަފައިންނާއި ދެކޮޅަށް ގުމްރީ އާއި ކައިވެނި ކުރާށެވެ.

މިއަދަކީ އެތައް ދުވަހަކުންސުރެ ކުރަމުން އައި އިންތިޒާރުގެ ނިމުމެވެ. އަހަރެންގެ މައިން ބަފައިންގެ ނުރުހުމުގައި އަހަރެން ގުމްރީ އާއި ކައިވެނި ކުރި ދުވަހެވެ. ކައިވެންޏަށްފަހު އަހަރެންގެ ދިރިއުޅުން ގުމްރީގެ ގެއަށް ބަދަލުކުރީމެވެ. އަހަރެން ގުމްރީގެ ގެއަށް ބަދަލުވުމާއެކު ގުމްރީގެ ދައްތަ މަރީ އޭނާގެ ފިރިމީހާގެ ރަށަށް ވިލިނގިއްޔަށް ދިރިއުޅުން ބަދަލުކުރިއެވެ. އެހެންކަމުން ގުމްރީގެ ގޭގައި ދިރިއުޅެނީ ހަމަ އެކަނި އަހަރެންނާއި ގުމްރީ އެވެ.

ގުމްރީއަކީ ނަމާދުކުރުމާއި އަޅުކަމަށް ލޯބިކުރާ ކުއްޖެކެވެ. އަހަރެންނަކީ ވަރަށް މަދުން ނޫނީ މިސްކިތަށް އަރާ ނަމާދެއް ކޮށްލާ މީހެއް ނޫނެވެ. ނަމަވެސް ގުމްރީ އާއިއެކު ދިރިއުޅެން ފެށިފަހުން ގުމްރީގެ ރިވެތި އާދަތައް އަހަރެންގެ ގައިގައިވެސް ވަކި ހިއްޕަން ފެށިއެވެ. އަންބެއްގެ ފަރާތުން ދޭންޖެހޭ ފުރިހަމަ ލޯތްބާއި އަޅާލުން އަބަދުވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަހަރެންނަށް ލިބެމުންދިޔައެވެ.

އަހަރެން ގުމްރީގެ ހަޔާތަށް އައުމުން ގުމްރީގެ މާޔޫސްކަމާއި މޮޅިވެރިކަން އެއްކޮށް ފިލާ ދިޔަ ކަހަލައެވެ. ދުވަހަކަށްވުރެ ދުވަހެއް އަހަރެންގެ އަތްމަތި ދިޔައީ ތަނަވަސް ވަމުންނެވެ. އޯގާތެރި ވަފާތެރި އަންބަކު ލިބުމުން އަހަރެންގެ މުޅި ދިރިއުޅުމަށް މިއަދު މިވަނީ ބަހާރު މޫސުން އައިސްފައެވެ. އެހެންކަމުން އަހަރެމެން ޤަސްތުކުރީ މާލަސްނުކޮށް މި އައި ބަހާރު މޫސުމާއެކު އަހަރެމެންގެ ދެމަފިރިންގެ ހަޔާތަށް އިތުރު މަލެއް ފޮޅުވުމަށެވެ. ގެ ފަޅުފިލުވާލާނެ ތުއްތު ތުއްތު ކުއްޖަކު ހޯދުމަށެވެ.

ކައިވެންޏަށް އަހަރެއްވީތާ މާގިނަ ދުވަސްތަކެއް ނުވެ އަހަރެންގެ އަލަތު ދަރިފުޅަށް ގުމްރީ ބަލިވެއިނދެ ލޯބި ލޯބި އަންހެން ކުއްޖަކު ލިބިއްޖެއެވެ. އެއީ އަހަރެންގެ ދެ ލޮލުގެ ނޫރުފަދަ ދަރިފުޅު މަލްހާ އެވެ. ﷲ އަހަރަމެންނަށް ދެއްވި މި އަގުހުރި ހަދިޔާ އަހަރެމެން ބަލައިގަތީ ނުހަނު ލޯތްބާއި ކުލުނާއި އެކުގައެވެ. އެލޯބި ލޯބި ދަރިފުޅަށް ބައްޕައާއި މަންމަގެ ފުރިހަމަ ލޯބި ދިނުމުގެ ނިޔަތުގައެވެ. އަދި ދުވަހަކުވެސް މި ދިރިއުޅުމަށް ހަރީފު މޫސުމް އައުމަކީ އަހަރެން އެދޭކަމެއް ނޫނެވެ. ގުމްރީގެ އެދުމަކީ ދުވަހަކުވެސް އޭނާ ދޫކޮށްފަ އަހަރެން ނުދިއުމެވެ. ގުމްރީ އަހަރެންދެކެ އިންތިހާއަށް ލޯބިވެއެވެ. އަހަރެންވެސް ގުމްރީ ދެކެ އިންތިހާއަށް ލޯބިވެއެވެ. އަހަރެން ނެތް ދުވަހަކުން ގުމްރީއަަށް އެކަނިި ދިރިއުޅުމަކީ އުދަނގޫކަމަކަށް ވާނެކަން ގުމްރީ އަބަދުވެސް އަހަރެންނަށް ހަނދާންކޮށްދެއެވެ.. އަހަރެންނަށްވެސް ގުމްރީ ނުލާ ދިރިއުޅުމަކީ މިހާރު ވަރަށް އުދަގޫކަމެކެވެ.

ދުވަސްތައް ފާއިތުވަމުން ދެއެވެ. ދުވަހަކީ އަހަރެންގެ އަލަތު ދަރިފުޅަށް 01 އަހަރު ފުރުނު ދުވަހެވެ. ނަމަވެސް ކަންތައްތައް ވީ އަހަރެން އުއްމީދު ކުރި ގޮތަކަށް ނޫނެވެ. އެދުވަސް ވީ ހިތާމަވެރި ދުވަހަކަށެވެ. ދަރިފުޅުގެ އުފަން ދުވަސް އައުމުގެ ދެދުވަސް ކުރީން އަހަރެންނާއި މަލެއްފަދަ ގުމްރީއާއި ދެމެދު ފުރަތަމަ ފަހަރަށް މައްސަލައެއް ޖެހުނެވެ. ނަތީޖާ އަކަށްވީ ދަރިފުޅުގެ އުފަންދުވަހުގެ އުފާވެރި ކަމުގެ އަސަރު އަހަރެންގެ ކުޑަކުޑަ އާއިލާއިން ނުފެނުމެވެ. އެދުވަހު ލިބޭނޭ ކަމަށް އުއްމީދުކުރި އުފަލުގެ ބަދަލުގައި ލިބުނީ ހާސްކަމާ ނުތަނަސް ކަމެވެ.

އަމިއްލަ ނަފްސާ ސުވާލުކުރެވުނެވެ. އަހަރެންނަށް މިވީ ކިހިނެއްބާވައެވެ؟ މިވީ ދުވަސްތަކުގައި އަހަރެންނަށް ނާންނަ ބަދަލެއް މިއަދު މިއައީ ކީއްވެ ބާވައެވެ. ކޫސަނި ކަމަކާއިހުރެ ގުމްރީ ދެކެ އިންތިހާއަށް ރުޅި އާދެވުނީ ކީއްވެބާވައެވެ. މިހުރިހާ ދުވަހަކު ގުމްރީ ދެކެ ނާންނަ ރުޅިއެއް މިއަދު މިއައީ ކީއްވެގެންބާއެވެ. ގުމްރީ ދައުވަތު ދިން މީހުންނަކީވެސް ހަމަ އަހަރެމެން ދެމީހުންގެވެސް ރައްޓެހިންނެވެ. އެހެންވީއިރު ސާފިއުއަށް ގުމްރީ ދައުވަތު ދިނީ އަހަރެން އެދިގެން ބާވައެވެ. ސާފިއުއަކީ އަހަރެންގެ ރައްޓެއްސެކެވެ.

މިފަދަ ޚިޔާލެއްގައި ހުއްޓާ މަޢްރިބް ނަމާދަށް ބަންގި ގޮވައިފިއެވެ. އަހަރެން ނަމާދަށް ދިއުމަށް ގެއިން ނިކުތީމެވެ، ނަމަވެސް އެއްވެސް ކަމަކާއިނުލާ ކުށްހީކުރެވި ރުޅި އާދެވުނީތީ ކަންބޮޑުވެ ދެރަވެގެން ރަށުގެ ދެކުނުފަރާތު އަތިރިމަތީގައި ހުރި ޖޯލިފައްޗެއްގައި އަހަރެން ޖައްސާލީމެވެ.

ކުއްލިއަކަށް އަހަރެންނަށް ފެނުނީ އަހަރެންގެ ލޯބިވާ މަލެއްފަދަ ގުމްރީ އަހަރެންގެ އެކުވެރި ސާފިއުއާއި އެކު ގޮނޑުދޮށުން އަރައިގެންދާ މަންޒަރެވެ. މިއީ އަހަރެން ދުވަހަކުވެސް ދެކިފައިނުވާ މަންޒަރެކެވެ. އަހަރެންގެ ގުމްރީ އެހެން ފިރިހެނަކާއެކު އެއްވެސްތާކުން އަދި މިވީހާ ދުވަހު ފެނިފައެއް ނުވެއެވެ. ސާފިއުއަކީ އަންހެނުން ހިތި މީހެކެވެ. އެހެންކަމުން އަހަރެންނަށް ރުޅި އާދެވެން ފެށިއެވެ. މުޅި މީހާ ތުރުތުރު ލާން ފެށިއެވެ. ނަމަވެސް ގުމްރީ އާއި ސާފިއު އެދާތަނެއް ބަލަން އަހަރެން މިއަދު ބޭނުމެވެ. އަހަރެންގެ ހިތާއި ނަފްސާމެދު އިތުރަށް ސުވާލުކުރެވުނެވެ. އަނެއްކާ މިފެންނަނީ ހަމަ ގުމްރީ ބާވައެވެ. މިގަޑީގައި ގުމްރީ މިތަނަށް އައީ ކިހިނެއް ހެއްޔެވެ.

މިފަދަ ސުވާލުތަކަކާއި ވަސްވާސްތަކެއް ހިތުގައި އުތުރި އަރަން ފެށުމާއިއެކު އަހަރެންނަށް ކެތް ނުކުރެވިގެން ގެއަށް ދިޔައީމެވެ. އޭރު ގުމްރީ ދަރިފުޅަށް ކާންދޭން ވެގެން ގޭގައި އުޅެއެވެ. އިތުރު އެއްވެސް މީހަކު ނެތެވެ. އެކަމަކު އަހަރެންނަށް މިރޭ މިފެނުނީވެސް ހަމަ މިގުމްރީއެވެ. ނަމަވެސް އަހަރެން މިއިން އެއްވެސް ވާހަކައެއް ގުމްރީ އާއި ހިއްސާއެއް ނުކުރަމެވެ. ގުމްރީ ދެރަކޮށް ރޮއްވާލަން ބޭނުންނުވާތީއެވެ.

ނަމަވެސް އޭގެ ފަހުން ދުވަހެއް ދުވަހަކަށް އަހަރެން ގުމްރީ މަތިން ފޫހިވާން ފެށިއެވެ. މިކަމާ ގުމްރީ ސުވާލުކޮށް ހަދައެވެ. އަހަރެން އެއްވެސް ޖަވާބެއް ނުދިނުމުން މާގިނަ ވާހަކައެއް ގުމްރީ އެއް ނުދައްކާނެއެވެ. މިއީ ގުމްރީގެ އާދައެވެ.

ދުވަސްތައް މިގޮތުގައި ފާއިތުވަމުންދެއެވެ. އަހަރެން ނަމާދުކުރުމާއި އަޅުކަން މަޑުމަޑުން ދުރުވާން ފެށިއެވެ. ނަމާދަށޭ ކިޔާފައި ގުމްރީއަށް ދޮގުހަދައި އޮޅުވާލައިގެން އިރުއޮއްސޭ ދަޅަމައްޗަށް އަތިރި މައްޗަށް ދިއުމަކީވެސް އަހަރެންގެ އާދައަކަށްވިއެވެ. މިކަން ގުމްރީއަށް އެނގެއެވެ. އަދި މިކަމާއި ދެރަވެ ރޮއެ ގުމްރީ ކުރާ އާދޭސް އަހަރެންނަށް އެނގެއެވެ. ނަމަވެސް އަހަރެންގެ ހިތަކީ ހަރުހިލަ ހިތެކެވެ. އަހަރެން ކޮންމެ ގޮތަކަށް ކަންތައް ކުރިއަސް ގުމްރީ އަހަރެން ދޫކޮށްފަ ނުދާނެކަން އަހަރެންނަށް އެނގެއެވެ. ނަމަވެސް އޭނަގެވެސް އޮންނަނީ ހިތެކެވެ. އެހިތަށް އަބަދު ތަދުކުރުމަކީ އޭނައަށްވެސް އަދި ދަރިފުޅަށްވެސް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. ނަމަވެސް ގުމްރީގެ އެ ނުފެންނަ ފަރާތް އެރޭ އަހަރެންނަށް ފެނުނު ފަހުން އަހަރެންނަށް މިގޮތަށް އުޅުމަށް މަޖުބޫރުވިއެވެ. ގުމްރީއާއި ދިމާލަށް ސީދާ ނުބުނި ކަމުގައި ވިޔަސް އަހަރެންގެ ހިތުން ގުމްރީއަށް އެކަން އެނގޭނެއެވެ.

މިގޮތުން އެއްރެއަކު އަހަރެން ރަށުގެ ދެކުނުފަރާތު އަތިރިމަތީގައި ހުއްޓާ އަހަރެންގެ ފަހަތުން މީހަކު ގޮވާލިހެން ހީވެގެން ފަހަތް ބަލާލީމެވެ. އެވަގުތު އަހަރެންނަށް ފެނުނީ ރީތީ ޕަރީ ޒާދެއްފަދަ އަންހެން ކުއްޖެކެވެ. އެހާމެ ރީއްޗެވެ. އަހަރެން އޭނަޔާއި ދިމާލަށް ބަލާލުމުން އަހަރެންގެ ގާތަށް އައެވެ. އަދި ހީލިއެވެ. އަހަރެން ނަން އަހާލީމެވެ.

ނަމަކީ ނަޝާ.. އަހަރެންނަކީ މިރަށު ކުއްޖެއް. މާލޭގަ އުޅެނީ.. މަންމަ މެންނާއިއެކު ޗުއްޓީއަކަށް މިރަށަށް މިއައީ.. އޭނަ އަމިއްލައަށް އަހަރެންނަށް ތަޢާރަފްވިއެވެ.

އަހަރެން ހައިރާންވިއެވެ. އަހަރެން ހީކުރީ ގުމްރީ ފަދަ ރީތި ދެވަނަ ކުއްޖަކު މިރަށުގައި ނޫޅޭ ކަމަށެވެ. ނަމަވެސް މިވީގޮތުން ނަޝާއަށް އަހަރެން ހިތް ލަންބުވާލިއެވެ. އިތުރަށް ގުމްރީ މަތިން ފޫހިވިއެވެ. މިގޮތުން ކޮންމެ ރެއަކު ކަހަލަ ގޮތަކަށް އަހަރެން މިތަނަށް އައިސް ނަޝާ އާއި ބައްދަލުކޮށް ވާހަކަ ދައްކާ ހަދަމެވެ. އަދި މިވާހަކަތައް އޮންނަނީ އަހަރެން ސިއްރުކޮށްފައެވެ. (ނުނިމޭ)

****

އެޑިޓަރުގެ ނޯޓު: މިވާހަކައިގެ އަނެއް ބައި ޝާއިއު ކުރެވޭނީ އަންނަ ބުރާސްފަތި ދުވަހުއެވެ.