• ކޮންމެ އަހަރަކުވެސް ވެކްސިން ޖަހަން ޖެހިދާނެ: އަލްބަޓް

ކޮންމެ އަހަރަކު ކޮވިޑް-19 އަށް ވެކްސިން ޖަހަން ޖެހިދާނެކަމުގެ އިޝާރާތެއް، ފައިޒަރ ކުންފުނީގެ ސީއީއޯ އަލްބަޓް ބައުލަރ ދެއްވައިފިއެވެ.

ފޭސްބުކުން ލައިވްކުރި ސިއްހަތާބެހޭ އިވެންޓެއްގައި ވާހަކަ ދައްކަވަމުން ފައިޒަރ ކުންފުނީގެ ސީއީއޯ ވިދާޅުވީ، މިހާރު ކުރިއަށްދާ ވެކްސިންގެ ދެޑޯޒުގެ ފަހުން 6 މަސް ނުވަތަ 12 މަސް ފަހުން ވެކްސިންގެ ބޫސްޓަރ ޑޯޒެއް ޖަހަން ޖެހިދާނޭ ކަމަށް ބެލެވޭ ކަމަށެވެ.

ވެކްސިން ޖަހާތާ ގިނަ ދުވަސްވާރަކަށް އެއިން ލިބިދޭ ރައްކާތެރިކަން ދާނީ ދަށްވަމުން ކަމަށާއި، 6 މަސްދުވަސްވަރު ވާއިރު ރައްކާތެރިކަން ހުންނާނީ މަތީ މިންވަރެއްގައި ކަމަށެވެ.

އެހެން ނަމަވެސް، މިހާރު އެއް ކުރެވެމުންދާ މައުލޫމާތުތަކަށް ބަލާއިރު، އަލުން ވެކްސިން ޖަހަން ޖެހިދާނޭ ކަމަށް ބެލެވޭ ކަމަށް އަލްބަޓް ވިދާޅުވިއެވެ.

އަލުން ވެކްސިން ޖަހަން ޖެހޭނީ ކިހާ އަވަސް އަވަހަކަށް ކަމެއް އަދި ނޭނގޭ ކަމަށާއި، ނަމަވެސް އެންމެބޮޑަށް ގަބޫލު ކުރެވެނީ 6 މަސްފަހުން ނުވަތަ 12 މަސްފަހުން ވެކްސިންގެ ތިންވަނަ ޑޯޒް ޖަހަންޖެހި އަދި އޭގެފަހުން ކޮންމެ އަހަރަކު ވެކްސިން ޖަހަން ޖެހަމުން ގެންދިއުން ކަމަށްވެސް ފައިޒަރ ކުންފުނީގެ ސީއީއޯ ވިދާޅުވިއެވެ.

ނަމަވެސް، މި ހުރިހާ ކަމެއްވެސް އަދި ޖެހޭނީ ޔަގީންކުރަން ކަމަށް އަލްބަޓް ވިދާޅުވިއެވެ.

ވެކްސިންގެ ދިފާއު ވަރުގަދަ ކުރުމުގެގޮތުން ތިންވަނ ޑޯޒްދިނުމަށް ފައިޒަރ-ބަޔޯއެންޓުން ޓެސްޓުތައް ފަށާފައިވާކަން ހާމަކޮށްފައިވަނީ ފެބްރުއަރީމަހުގެ ތެރޭގައެވެ.

ފައިޒަރ ކުންފުނީގެ ސީއީއޯ ވިދާޅުވީ، ވެކްސިންގެ ތިންވަނަ ޑޯޒެއް ޖެހުމުން ހަށިގަނޑުގައި އުފެދޭ އެންޓިބޮޑީ ރެސްޕޮންސްގެ މިންވަރު 10 އިން 20 އަށް އިތުރުވެގެން ދާނެކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އެހެން ވެއްޖެނަމަ، ކޮވިޑްބަލިން ދިފާއުކޮށްދިނުން ވަރުގަދަވެ، އެހެން ވޭރިއެންޓްތަކުގެ ސަބަބުންވެސް ރައްކާތެރި ކޮށްދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.