ކައުންސިލްތަކަށް މިހާތަނަށް ދައުލަތުގެ ބަޖެޓުން 450.3 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމުކުރާ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސް"ގައި ވަނީ މިއަހަރުގެ އެއްވަނަ ދުވަހުން ފެށިގެން މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ކޮށްފައިވާ ހަރަދުތަކުގެ މައުލޫމާތު އާންމުކޮށްފައެެވެ.

އެގޮތުން މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ކައުންސިލްތަކަށް 450.3 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ކައުންސިލްތަކަށް ދޫކޮށްފައިވަނީ 415.3 މިލިއަން ރުފިޔާއެވެ. ދައުލަތުގެ ބަޖެޓުން ހިލޭ އެހީގެ ގޮތުގައި މިއަހަރު 1.2 ބިލިއަން ރުފިޔާ ކައުންސިލްތަކަށް ދޭން ކަނޑައަޅާފައިވާއިރު، އެއީ ބަޖެޓުގެ 5 އިންސައްތައެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 9 ވަނަ އިސްލާހު ގެނައުމުގެ ބިލާއެކު ކައުންސިލްތަކަށް ވަނީ ގިނަ ބާރުތަކެއް ދީފައެވެ.

އެގޮތުން ރަށުގެ އިޙްތިސާސްގެ ތެރޭގައި ހިމެނޭ ވަސީލަތްތަކުން ލިބޭ އާމްދަނީގެ 40 އިންސައްތަ ކައުންސިލްތަކަށް ލިބުމާއި، "ބްލޮކް ގްރާންޓް" ނުވަތަ ހިލޭ އެހީ ދޭ ގޮތުގައި ކައުންސިލްތަކަށް ޑޮމެސްޓިކް ރެވެނިއުގެ 5 އިންސައްތަ ދައުލަތުގެ ބަޖެޓުން ދިނުން ހިމެނެއެވެ.

މި އިސްލާހަށްފަހު ބޭއްވި ފުރަތަމަ ކައުންސިލް އިންތިހާބު މިދިޔަ ހޮނިހިރު ދުވަހު ބާއްވާފައިވާއިރު، މި އިންތިޚާބުގައި ޖުމްލަ 3،935 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް 2،265 ކެންޑިޑޭޓުން ވާދަކޮށްފައިވާއިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް 1670 ކެންޑީޑޭޓުން ވާދަކޮށްފައިވެއެވެ. މިގޮތުން އަތޮޅު ކައުންސިލަށް 46 ކެނޑީޑޭޓުން ވާދަކޮށްފައިވާއިރު، ރަށު ކައުންސިލަށް 427 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ. ކައުންސިލް މެމްބަރުކަމަށް 890 ކެންޑީޑޭޓުން ވާދަކޮށްފައިވާއިރު، އަތޮޅު ކައުންސިލްތަކުން އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިތަކަށް 784 ކެންޑިޑޭޓުން ކުރިމަތިލާފައިވެއެވެ.

ސިޓީ ކައުންސިލްތަކުގެ މޭޔަރު ކަމަށް 13 ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު، ސިޓީ ކައުންސިލް މެމްބަރުކަމަށް 75 ކެންޑިޑޭޓުން، ސިޓީ ކައުންސިލްތަކުން އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮނޑިތަކަށް 30 ކެންޑިޑޭޓުން ކުރިމަތިލާފައިވެއެވެ.

މި އިންތިޚާބުގައި މުޅިއެކު 982 ކެންޑިޑޭޓުން ހޮވަންޖެހޭއިރު، އަދިވެސް ހުރިހާ ވޯޓުފޮއްޓެއްގެ ވޯޓު ގުނާ ނިންމާފައެއް ނުވެއެވެ. އެހެންނަމަވެސް އަންނަ ހުކުރު ދުވަހުގެ ކުރިން އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށް، ވީހާވެސް އަވަހަކަށް ދާއިމީ ނަތީޖާ އިއުލާނުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.