ކޮވިޑު ބަލީގައި އަނެއްކާވެސް އިތުރު މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ މިއަދު 11:12 ހާއިރު ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 82 އަހަރުގެ އަންހެނަކު ކަމަށެވެ.

އަދި މިއީ، ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި 68 ވަނަ މީހާ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއިން ކޮވިޑް-19ގައި އެންމެ ފަހުން މީހަކު ނިޔާވެފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެއިން އެންމެ ގިނަ މީހުން ނިޔާވެފައިވަނީ މިދިޔަ ފެބްރުއަރީ މަހުގައި ކަން އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެގޮތުން ފެބްރުއަރީ މަހު 10 މީހުންވަނީ ކޮވިޑު ބަލީގައި ނިޔާވެފައެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން މިހާތަނަށް ނިޔާވެފައިވަނީ 60 ދިވެހިންނާ 8 ބިދޭސީންނެވެ.

ބުރާސްފަތި ދުވަހު ކޮވިޑަށް ޕޮޒިޓިވްވި 65 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 25،939 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 101 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށެވެ. މިއާއެކު، ރާއްޖެއިން މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 23،242 އަށް އަރާފައެވެ.

އެކްޓިވް ކޭސަސްގެ އަދަދު މިހާރުވަނީ 2،621 ގައެވެ. މީގެތެރެއިން 58 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.