ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރ މުހައްމަދު ވަހީދަށް މަރުގެ އިންޒާރުދޭ މައްސަލަ ބެލުމަށް މޯލްޑިިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޕާރލަމެންޓްރީ ގްރޫޕުން ގޮވާލައިފިއެވެ.

އެމްޑީޕީގެ ޕާރލަމެންޓްރީ ގްރޫޕުން ނެރުނު ބަޔާނެއްގައި ވަނީ، މެމްބަރު ވަހީދު ކެމްޕޭން ތަޤްރީރެއްގައި ދެއްކެވި ވާހަކައަކާ ގުޅުވައިގެން އޭނާގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ނިޔަތުގައި ބައެއް ފަރާތްތަކުން ހިންގަމުންދާ އަމަލުތައް އެންމެ ހަރުއަޑުން ކުށްވެރިކުރާކަމަށެވެ.

އަދި އެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅުއެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް އެމްޑީޕީގެ ޕާރލަމެންޓްރީ ގްރޫޕުން ވަނީ ގޮވަލާފައެވެެ.

މެމްބަރު ވަހީދު، އެތަޤްރީރުގައި ފާހަގަކުރެއްވި ނުކުތާ އަމާޒުކުރައްވާފައިވަނީ ދީނަށް ނުވަތަ ދީނީ ހުކުމަކަށް ނޫންކަމާއި، އޭނާގެ ވާހަކަ އަމާޒު ކުރައްވާފައިވަނީ މަރުގެ އަދަބު ދިނުމުގެ ނަމުގައި ކުރީގެ ސަރުކާރުގައި ތިބި ބަޔަކު ކަންކުރި ގޮތަކަށް ކަމަށް އެ ގްރޫޕްގެ ބަޔާނުގައިވެއެވެ.

އެވާހަކަ ގަސްދުގައި އޮޅުވާލައިގެން ބައެއް ދީނީ އިލްމުވެރިންނާއި، ބައެއް ސިޔާސީ މީހުންނާއި އަދި ބައެއް މީޑިއާތަކުން އެކަން ފިތުނައަކަށް ވާގޮތަށް ހެދުމުގެ ސަބަބުން، އޭނާގެ ފުރާނައަށް ނުރައްކާކުރުވުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެކުރިންވެސް އުނގޫފާރު ދާއިރާގެ ގޮނޑި އެއިރު ތަމްސީލުކުރައްވަމުން ގެންދެވި ދީނީ ޢިލްމުވެރިއާ ޑރ އަފްރާޝީމް އަލީވެސް ވަނީ އަނިޔާވެރިގޮތެއްގައި އަވަހާރަކޮށްލާފައިކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ، ތަޙްޤީޤުތަކުން ދައްކާގޮތުގައި ޑރ އަފްރާޝީމް އަވަހާރަކޮށްލާފައިވަނީވެސް ދީނުގެ ނަމުގައި ހައްދުފަހަނާޅާފައިވާ ބަޔަކު ހިންގަމުންދާ ޙަރަކާތްތަކެއްގެ ތެރެއިންކަމަށެވެ.

އަދި މުރުތައްދުވެ، ދީނުން ބޭރުވެއްޖެކަމަށް ބުނެ އަމިއްލައަށް ގޮތްތައް ނިންމައިގެން ދީނުގެ ނަމުގައި އެހެން ފަރާތްތަކެއްވެސް ވަނީ ރާއްޖޭގައި ގަތުލުކޮށްފައިކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

އުނގޫފާރު ދާއިރާގެ މެމްބަރ މުހައްމަދު ވަޙީދު ދެއްކެވި ވާހަކައެއްގެ ޙަޤީޤަތް ގަސްދުގައި އޮޅުވާލައި ފިތުނަ އުފައްދައިގެން އޭނާގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ނިޔަތުގައި އަމަލުކުރާ ފަރާތްތަކުން އެކަން ވަގުތުން ހުއްޓާލުމަށް އެމްޑީޕީގެ ޕާރލަމެންޓްރީ ގްރޫޕުންވަނީ ގޮވާލާފައެވެ.