ކުރީގެ ކާމިޔާބު އެކްޓަރު ދަރްމެންދްރާ (ދަރޭ) ގެ އާއިލީ ފިލްމު "އަޕްނޭ" ސީރީސްގެ ދެވަނަ ފިލްމު "އަޕްނޭ-2" ގެ ޝޫޓިންގް ވަކި ތާރީޚެއްނެތި ފަސްކުރެވިފައިވާ ކަމަށް ފިލްމުގެ ޑައިރެކްޓަރު ބުނެފިއެވެ.

މިދިޔަ އަހަރު އެނައުންސްކޮށް މިމަހުގެތެރޭ ޝޫޓިންގް ފަށާނެކަމަށް މީގެކުރިން ބުނެފައިވަނިކޮށް ފިލްމުގެ މަސައްކަތް ނުފަށަން ނިންމާފައިވަނީ އިންޑިއާގެ ބޮޑެތި ސިޓީތަކުގެ އިތުރުން އެކި ހިސާބުތަކުގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދިއުމާ ގުޅިގެންނެވެ.

ޑައިރެކްޓަރު އަނިލް ޝަރްމާ ބުނެފައިވަނީ އެކްޓަރު ދަރްމެންދްރާއަކީ، އުމުރުން ދުވަސްވެފައިވާ ފަރާތަކަށްވެފައި ކޮވިޑް-19 ގެ ބަލިމަޑުކަން ތަހައްމަލު ކުރަމުންދާ ނުރައްކާތެރި ދަނޑިވަޅެއްގައި ދަރްމެންދްރާގެ ސިއްހީ ރައްކާތެރިކަމަކީ އެންމެ ބޮޑު އިސްކަމެއް ދޭނެ އެއްކަން ކަމަށެވެ.

މީގެކުރިން ފިލްމުގެ ޓީމުން ނިންމާފައިވަނީ މިއޭޕްރީލް މަހު ފިލްމުގެ ޝޫޓިންގް ފެށުމަށްފަހު މިއަހަރުގެ ދިވާލީއާ ދިމާކޮށް ފިލްމު ރިލީޒް ކުރުމަށެވެ.

އިންޑިއާގެ ޕަންޖާބްގައި ފިލްމުގެ ބޮޑުބައި ޝޫޓްކުރަން ނިންމާފައިވީ ނަމަވެސް އިންޑިއާގެ މިހާރުގެ ހާލަތަށް ބަލާއިރު އެއްވެސް ސިޓީއެއް ނޫނީ އެހެން ސަރަހައްދެއްގައިވެސް މިވަގުތު ޝޫޓްކުރުމަކީ ރައްކާތެރިގޮތެއް ނޫނެވެ. އެހެންކަމުން މިފިލްމުގެ ގިނަ މަންޒަރުތައް ޝޫޓްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައި މަހު އިނގިރޭސިވިލާތުގެ ލަންޑަންގައެވެ.

45 ދުވަސް ލަންޑަންގައި ޝޫޓްކުރުމަށްފަހު ކޮވިޑް-19 ގެ ހާލަތަށް ރިއާޔަތްކުރުމަށްފަހު ފިލްމުގެ ބާކީ މަންޒަރުތައް ނަގާނީ އިންޑިއާގެ ޕަންޖާބް އަދި މުމްބާއީގައެވެ.

ދާދިފަހުން އިންޑިއާގެ ސިނަމާތައް އާއްމުންނަށް ހުޅުވާލުމަށްފަހު އަނެއްކާވެސް ސިނަމާތައް ބަންދުކޮށްފައި ވުމާއެކު މިފިލްމު އަވަސްއަރުވާލައިގެން ނިންމާލުމުގެ ބޭނުމެއް ނެތްކަމަށް ޑައިރެކްޓަރު އަނިލް ޝަރުމާވަނީ ބުނެފައެވެ.

ފިލްމު "އަޕްނޭ-2" އިން ފެނިގެންދާނީ އެކްޓަރު ދަރްމެންދްރާގެ ދެ ފިރިހެން ކުދިންނެވެ. އެއީ އެކްޓަރު ސަނީ ޑިއޯލް އަދި ބޮބީ ޑިއޯލްއެވެ.

މީގެއިތުރުން ކާފަ ދަރިފުޅު ކަރަން ޑިއޯލްވެސް މިފަހަރުގެ ފިލްމުން ފެނިގެންދާނެއެވެ.

އެކްޓަރު ސަނީ ޑީއޯލްގެ ދަރިފުޅު ކަރަން ޑިއޯލްވަނީ 2019 ވަނަ އަހަރު ފިލްމު "ޕަލް ޕަލް ދިލްކޭ ޕާސް" އިން ބޮލީވުޑަށް ތައާރަފްވެފައެވެ.