މިދިޔަ މަހުގެ 26 ވަނަ ދުވަހު ސިނަމާގައި ރިލީޒްކުރި ބައޯޕިކް ފިލްމު "ސައިނާ" ގެ ޑިޖިޓަލް ޕްރިމިއަރ ކުރާނީ އެމޭޒަން ޕްރައިމްއިން ކަމަށް އެމޭޒަންއިން ބުނެފިއެވެ.

އެމޭޒަންއިން ބުނެފައިވަނީ މިފިލްމު ޕްރިމިއަރކުރަން ހަމަޖެހިފައިވަނީ މިއޭޕްރީލް މަހުގެ 23 ވަނަ ދުވަހު ކަމަށެވެ.

ބަތަލާ ޕަރިނީތީ ޗޯޕްރާ ލީޑް ރޯލް ކުޅެފައިވާ މިފިލްމުގައި އިންޑިއާގެ ކާމިޔާބު ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާގެ ކުޅިވަރުގެ ހަޔާތުގައި ދިމާވެފައިވާ ގޮންޖެހުންތައް ވަރަށް ފުރިހަމައަށް ދައްކުވައިދޭނެއެވެ.

ޚާއްސަކޮށް އޭނާގެ ބެޑްމިންޓަން ކެރިއަރ ކުރިއެރުވުމަށް މަސައްކަތް ކޮށްދީފައިވާ މަސައްކަތްތަކާއެކު އޭނާ ކާމިޔާބީގެ ހަރުފަތްތަކަށް ވާސިލުވުމަށް ކުރި މަސައްކަތްތައްވެސް ދައްކުވައިދޭނެއެވެ.

ޓީ-ސީރީޒްއިން ގެނެސްދޭ މިފިލްމް ޕްރޮޑިއުސް ކޮށްފައިވަނީ ބޫޝަން ކުމާރްއެވެ. ފިލްމުގެ ޑައިރެކްޓަރަކީ ކާމިޔާބު ފިލްމު އުފެއްދުންތެރިޔާ އަމޯލޭ ގުޕްތޭއެވެ.

އޭޕްރީލް މަހުގެ 23 ވަނަ ދުވަހު ފިލްމު އެމޭޒަން ޕްރައިމްއިން ސްޓްރީމްކުރުމަށް ތައްޔާރުވަމުން ދާއިރު އިންޑިއާގެ އިތުރުން އިތުރު 240 ގައުމެއްގައި މިފިލްމު ސްޓްރީމްކުރުމުގެ ފުރުސަތު އާއްމުންނަށް އޮންނާނެކަމަށް އެމޭޒަންއިންވަނީ ބުނެފައެވެ.

https://www.youtube.com/watch?v=Gw9w3FcCjl0

ކާމިޔާބު ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާ މިހާތަނަށްވަނީ ބައިނަލް އަޤްވާމީ ތަފާތު އެކި މުބާރާތްތަކުން އެކިފަހަރުމަތިން 24 މެޑަލް އިންޑިއާއަށް ހޯދައިދީފައެވެ.

އަންހެނަކަށްވެ ހުރެ މިހާ ފަޚުރުވެރި ކާމިޔާބީއެއް އެޤައުމަށް ހޯދައިދީފައިވާ މިކުޅުންތެރިޔާއަކީ އިންޑިއާގެ ގިނަ ބަޔަކު އެކުޅުންތެރިޔަކާމެދު ފަޚުރުވެރިވާ ކުޅުންތެރިއެކެވެ.

ސައިނާ ޤައުމަށް ހޯދައިދީފައިވާ ކާމިޔާބީއާ ގުޅިގެން އޭނާއަށްވަނީ އިންޑިއާގައި ކުޅިވަރުގެ ދާއިރާއިން ދެވޭ އެންމެ މަތީ ޝަރަފް ރަޖީވް ގާނދީ އެވޯރޑް އަދި އަރުޖުނާ އެވޯޑްވެސް ލިބިފައެވެ.