މަނާކުރުމުގެ ދަލީލެއް ފެންނަންނެތްހާ ހިނދެއްގައި ކޮންމެ ކަމެއްގެވެސް އަސްލު ގޮތަކީ ހުއްދަވުމެވެ. މީހަކު ކުރާ ކަމެއް މަނާކުރުމަށް އަންނަ މީހަކު އެކަން މަނާކުރަނީ ޝަރުއީ އަދި ޤާނޫނީ ކޮން ދަލީލެއްގެ މައްޗަށްކަމެއް އެމީހަކަށް ދެއްކެންވާނެއެވެ. އެކަން އެމީހަކަށް ނުދެއްކިއްޖެނަމަ އެކަން ނިމެންވާނީ އެމީހަކާއި ދެކޮޅަށެވެ. މާނައަކީ އެކަމަކީ މަނާކަމެއް ނޫނެވެ.
ޤާނޫނުލް އުޤޫބާތު (9/2014) ގެ 15 ވަނަ މާއްދާގެ (ހ) ގައި، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ކުށުގެ ކޮންމެ ރުކުނެއް ސާބިކޮށްދެވިގެން މެނުވީ އެމީހެއްގެ މައްޗަށް ކުށެއް ސާބިތުކުރެވިގެންވާ ކަމަށް ނުބެލެވޭނެ ކަމާއި، އެ މިންވަރަށް ހެކި ލިބެން ނެތް ހާލަތްތަކުގައި، ދައުވާ ރައްދުވާ މީހާއަކީ ކުށެއް ނުކުރާ މީހެއްކަމުގައި ބެލެވޭނެކަމަށް އޮވެއެވެ.
މިމާއްދާގެ (ށ) ގައި، ކަމެއް ސާބިތުކޮށްދިނުމުގެ ޒިންމާ އޮތް މީހަކަށް އެ ޒިންމާ އަދާނުކުރެވިއްޖެ ހިނދެއްގައި، އެ ކަމެއް ކަނޑައެޅިގެންދާނީ، އެ މީހަކާއި ދެކޮޅަށްކަމަށް ބަޔާންވެގެން ވެއެވެ. ބައެއްފަހަރު އަޅުގަނޑުމެންނަށް ފެނިގެންދަނީ އާންމު ރަށްޔިތުން ތަންތަނުގައި ތިއްބައި އެތަނަށް ފުލުހުން އައިސް އެމީހުން އެތަނުން ދިޔުމަށް އަންގައި ފޮނުވާލުމަށް މަސައްކަތްކުރާ ތަނެވެ. އަދި މިނޫންވެސް ބުއްދި ގަބޫލުނުކުރާ ކަންކަން ހިނގަމުންދެއެވެ.
މިހާލަތުގައި އެ އަންގާ އެންގުމަކީ ގާނޫނީ ބުރަދަން ދެވިފައިވާ އަމުރެއްކަމާއި، އެހެން އެންގޭނެ ގާނޫނީ އަދި ޝަރުއީ އަސާސް ބުނެދެވެންވާނެއެވެ. އެ އަސާސް ފުލުހުންނަށް ނުދެއްކިއްޖެނަމަ އެކަން ވެގެންވާނީ ގާނޫނާއި ހިލާފު އެންގުމެއް ކަމުގައެވެ. ގާނޫނާއި ހިލާފަށް އަމުރު މައުރޫފު ހިންގުމުގެ ބާރެއް އެއްވެސް މުއައްސަސާއަކަށް ދުސްތޫރީ ގޮތުން ލިބިދީފައި ނުވެއެވެ. އަދި އެފަދަ އަމުރުތަށް ފުލުހުންނަށް، އެބައި މީހުންގެ ވެރިން ކުރިކަމުގައި ވިޔަސް ތަބައުވުމެއް ނުވެއެވެ.
ގާނޫނު އަސާސީގެ 245 ވަނަ މާއްދާގައި ބަޔާންވެގެންވެއެވެ. އެއްވެސް ފަރާތަކުން ސަލާމަތީ ހިދުމަތްތަކުގައި ހިމެނޭ އެއްވެސް މީހަކަށް ޣައިރުގާނޫނީ އަމުރެއް ކޮށްގެނެއް ނުވާނެއެވެ. އަދި އެފަދަ އެއްވެސް އަމުރަކަށް ސަލާމަތީ ހިދުމަތްތަކުގައި ހިމެނޭ އެއްވެސް މީހަކު ތަބައުވެގެނެއް ނުވާނެކަމަށެވެ. ސަލާމަތީ ހިދުމަތުގައި ހިމެނޭނީ ސިފައިންނާއި ފުލުހުންނެވެ. އަދި ގާނޫނުގެ 244 ވަނަ މާއްދާގެ (ރ) ގައި ގާނޫނު ނެގެހެއްޓުމަކީ ފުލުހުންގެ މައިގަނޑު އެއް މަގްސަދުކަމަށްވެސް ވެއެވެ.
މަނާކުރެވިފައި ނުވާ ކަންކަންކުރުމުގެ މިނިވަންކަން ވަރަށް މުތުލަގަށް ލިބިގެންވާކަން ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 19 ވަނަ މާއްދާއިން ވަރަށް ސާފުކޮށްދެއެވެ. އަދި މިއީ އަސާސީ ހައްގެއްކަންވެސް ޔަގީންކޮށްދެއެވެ. އެމާއްދާގައި ބަޔާންވެގެންވެއެވެ. އިސްލާމީ ޝަރީއަތުގައި ނުވަތަ ގާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިނުވާ ކޮންމެ ކަމެއްކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށް ލިބިގެންވެއެވެ.
އަދި ގާނޫނުތަކުން ހުއްދަ ލިބިގެން މެނުވީ އެއްވެސް މީހަކުކުރާ އެއްވެސް ކަމަކަށް ހަމަ އެކަކުވިޔަސް ހުރަސް އަޅައި ހުއްޓުވައިގެން ނުވާނެއެވެ. ގާނޫނުތަކުގައި ވަރަށް ސާފުކޮށް މުވައްސަސާތަކަށް ކުރެވޭނެކަންކަމާއި ނުކުރެވޭނެކަންކަން ލިޔެ ބަޔާންވެގެންވާއިރުވެސް އެހަމައިން ބޭރުވެގެން އަންނަތަން މަދުންނަމަވެސް ފެނިގެން ދެއެވެ.
އެއްވެސް މީހަކަށް ލިބިގެންވާ ބާރެއް އަތްދަމާލީމައި އަތް ނުފޯރާ ވަރެއް ނުވާނެއެވެ. ލޮލުކޮޅަށް ގެއްލިފައިވާ އަދި ކޮޅާކޮޅު ފެންނަންނެތް ފަދަ ބާރެއް ލިބިފައިވާ މީހެއް އަދި މުވައްސަސާއެއް ނުވެއެވެ. އެމީހަކަށް ނުވަތަ އެބަޔަކަށް އަދި އެމުވައްސަސާއަށް ލިބިގެންވާ ގާނޫނީ ބާރު ފެންނަ އޮންނާނެއެވެ. މިނޫންގޮތަކަށް އެބާރު ލިބިގެންވާކަމަށް ގަބޫލުކުރުމަކީ ތަނެއް ފަސާދަވެގެން ދިޔުމުގެ އަސްލެވެ.
ދުނިޔޭގައި ނިޒާމު ހަލާކުވެފައިވާ ގައުމުތަކުގައި އެކަން އެގޮތަށް ހިނގާފައިވަނީ ލިބިފައި ނެތް ގާނޫނީ ބާރެއް ބޭނުންކުރަން ދިމާކުރުމުން އެކަމުގެ އަސަރު މުޅި ގައުމަށް ފުރޮޅިގެން ދިޔުމުގެ ސަބަބުންނެވެ. އެކަމުގެ ނަތީޖާއަކަށް ވެގެންދާނީ އިގްތިސާދު ހަލާކުވެ، އިޖުތިމާއީ ފޭރާން ވީދި، މީސްތަކުން ދައުލަތަށް ބަސްނޭހުމެވެ. އުރުތު ކޮރެއާއި އިސްރާއީލާއި ޔަމަނާއި ސީރިއާއި ލީބިޔާ ފަދަ ގައުމުތަކުން މިއަދު އެފެންނަނީ އެމަންޒަރެވެ.