ދަރްމާ ޕްރޮޑަކްޝަންއިން ފެށުމަށް ތައްޔާރުވަމުން އަންނަ ފިލްމު 'ދޯސްތާނާ-2" އަށް އެކްޓަރު ކާރްތިކް އާރްޔާން ސޮއިކޮށްފައިވަނިކޮށް އެފިލްމުން އޭނާ ނުފެންނާނެ ކަމަށް ދަރްމާއިން ބުނެފިއެވެ.

2019 ވަނަ އަހަރު އިއުލާނުކުރި ކަރަން ޖޯހަރްގެ މިފިލްމު ފެށުމަށް ތައްޔާރުވިނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމާގުޅިގެން ފިލްމުގެ މަސައްކަތް މިހާތަނަށް ފަށާފައެއް ނުވެއެވެ.

ދަރްމާއިން ނެރެފައިވާ ބަޔާނެއްގައިވަނީ، މިފިލްމުގެ ކާސްޓިންގްއަށް ބަދަލެއް ގެންނަން ނިންމާފައިވާ ކަމަށެވެ. އެހެންނަމަވެސް އެބަދަލު ގެންނަ ސަބަބު ހާމަކޮށްފައެއް ނުވެއެވެ.

އަދި ވަރަށް އަވަހަށް ފިލްމަށް ގެންނަ ބަދަލުތަކާއެކު އާ ކާސްޓުންގެ މައުލޫމާތު އާއްމުންނާ ހިއްސާކުރާނެ ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.

އިންޑިއާގެ މީޑިއާއިން ބުނެފައިވަނީ އެކްޓަރު ކާރްތިކް ފިލްމު ދޫކޮށްލަން މެދުވެރިވެފައިވަނީ ޑައިރެކްޓަރު ކަރަން ޖޯހަރްއާއި ކާރްތިކްއާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކުގެ ސަބަބުންނެވެ.

މީގެކުރިންވެސް ކާރްތިކްގެ ބިޒީ ޝެޑިއުލްއާހެދި އޭނާއަށް ފިލްމަށް ވަގުތު ނުދެވުމާ ގުޅިގެން ކަރަންއާ ދެމީހުންގެ ގުޅުންވަނީ ގޯސްވެފައެވެ.

ފިލްމު "ދޯސްތާނާ-2" ގެ މަސައްކަތް ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ނުފެށޭނެކަމަށް ކާރްތިކް ބުނެފައިވާއިރު، އޭނާވަނީ ޕެންޑަމިކްގެ ތެރޭގައި މިހާރު ރިލީޒްވުމަށް ތައްޔާރުވަމުން އަންނަ ފިލްމު "ދަމާކާ" ގެ ޝޫޓިންގް ނިންމާލާފައެވެ.

ކާރްތިކްއަށް މިފިލްމަށް ބޭނުންވާ ވަރަށް ވަގުތު ނުދެވުމާގުޅިގެން ދަރްމާ ޕްރޮޑަކްޝަންގެ ކުރިއަށްހުރި ފިލްމުތަކުންވެސް އޭނާއަށްވަނީ ފުރުސަތު ގެއްލިފައެވެ.

ޚަބަރު ލިބޭގޮތުގައި އެކްޓަރު ކާރްތިކްއާއެކު ފިލްމަށް ދެން ސޮއިކޮށްފައިވާ ބަތަލާ ޖާންވީ ކަޕޫރްވެސް ފިލްމު ދޫކޮށްލާނެ ކަމަށްވަނީ ބެލެވިފައެވެ.

ކާރްތިކް ދެން އެންމެ އަވަހަށް ފެނިގެންދާނީ ރިލީޒްކުރުމުގެ މަރުހަލާގައި އޮތް ފިލްމު "ދަމާކާ" އިންނެވެ. އޭނާ މިވަގުތު މަސައްކަތް ކުރަމުންދާ ހަމައެކަނި ފިލްމަކީ ޕްރޮޑިއުސަރު ބޫޝަން ކުމާރްގެ "ބޫލް ބުލަންޔާ2" އެވެ.