ފާއިތުވި މާޗް މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ ސީއައިއެފް އަގު 2020 ވަނަ އަހަރުގެ މާޗް މަހާ އަޅާބަލާއިރު 13 އިންސައްތަ އިތުރުވެއްޖެއެވެ.

ކަސްޓަމްސްއިން އާންމުކޮށްފައިވާ މާޗް މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މާޗް މަހު ރާއްޖެއަށް 3.2 ބިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައިވާއިރު، މި އަހަރުގެ މާޗް މަހު މި އަދަދުވަނީ 3.6 ބިލިއަން ރުފިޔާ އަށް އިތުރުވެފައެވެ. މިއީ ފާއިތުވި 2020 ވަނަ އަހަރުގެ މާޗް މަހު ރާއްޖެއަށް އެތެރެ ކުރި މުދަލުގެ ސީއައިއެފް އަގާ އަޅާ ބަލާއިރު 13 އންސައްތަ އިތުރު އަދަދެކެވެ.

ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާން، އިންޑިއާ އަދި ސިންގަޕޫރުންނެވެ. އޮމާނުން 465 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާއިން 439 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޫރުން 432 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ ރާއްޖެއަށް އެތެރެކޮށްފައެވެ.

މިދިޔަ މަހު އެތެރެކުރި މުދަލުގެ ސީއައިއެފް އަގު 13 އިންސައްތައަށް އިތުރުވެފައިވީ ނަމަވެސް މިދިޔަ މަހު ރާއްޖެއިން ބޭރު ކުރި މުދަލުގެ އެފްއޯބީ އަގު 21 އިންސައްތައަށް ދަށްވެފައިވާކަމަށް ކަސްޓަމްސްއިން ވަނީ ހާމަކޮށްފައެވެ. ރާއްޖެއިން ބޭރުކުރި މުދަލުން މިދިޔަ އަހަރު ކަސްޓަމްސްއަށް 380 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ މާޗް މަހު ކަސްޓަމްސްއަށް ލިބުނީ 301 މިލިއަން ރުފިޔާ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

އެފްއޯބީ އަގު ދަށްވެފައި ވިނަމަވެސް ފާއިތުވި މަހު ދައުލަތަށް ލިބުނު އާމްދަނީ 2020 ވަނަ އަހަރުގެ މާޗް މަހާ އަޅާބަލާއިރު 13 އިންސައްތަ ވަނީ އިތުރުވެފައެވެ. 2020 ވަނަ އަހަރުގެ މާޗް މަހު 235 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ މާޗް މަހު މި އަދަދު 266 މިލިއަން ރުފިޔާއަށް އިތުރުވެފައިވާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާފައިވެއެވެ.

މީގެ އިތުރުން މިދިޔަ މަހު ކަސްޓަމްސްއިން ކްލިއަރެންސް ދިން އުޅަނދުފަހަރުގެ އަދަދާއި، ރާއްޖެއިން ފުރާފައިވާ އުޅަނދުފަހަރުގެ އަދަދު ވެސް މިދިޔަ އަހަރުގެ މާޗް މަހާ އަޅާ ބަލާއިރު ވަނީ އިތުރުވެފައެވެ. މިދިޔަ މަހު ރާއްޖެއިން ބޭރުން އައިސްފައިވާ 133 އުޅަނދަކަށް ކަސްޓަމްސްއިން ކްލިއަރެންސް ދީފައިވާއިރު، 2020 ވަނަ އަހަރުގެ މާޗް މަހު ކަސްޓަމްސްއިން ކްލިއަރެންސް ދީފައިވަނީ 115 އުޅަނދަށެވެ.

އަދި ރާއްޖެއިން ފުރާފައިވާ 154 އުޅަނދަކަށް މިދިޔަ މަހު ކްލިއަރެންސް ދީފައިވާއިރު، މިދިޔަ އަހަރުގެ މާޗް މަހު ރާއްޖެއިން ފުރާފައިވަނީ 122 އުޅަނދެއް ކަމަށް ކަސްޓަމްސްއިން ހާމަކޮށްފައިވެއެވެ.