ކާމިޔާބީއަކީ ހިތްވަރާއިއެކު މަސައްކަތްކުރާ މީހުންގެ ހައްގެކެވެ. ހަޔާތަކީ ފަސޭހައިން ކަޑައްތު ކުރެވެން އޮތް ތަނެއް ނޫންކަން ދެނެގަނެ ދިރިއުުޅުމުގައި ކާމިޔާބު މީހަކަށް ވާން އެދޭނަމަ ކެނޑިނޭޅި ހިތްވަރު ދޫކޮށްނުލާ ކުރިއަށްދާންޖެހެއެވެ.

މުޖުތަމައު ބަލައިގަންނަ މީހަކަށް ވުމަށްޓަކައިވެސް ބޭނުންވަނީ ހަމަ ގަދަ ހިތްވަރާއި ބުރަ މަސައްކަތެވެ.

ރާއްޖޭގެ އާބާދީގެ 40 އިންސައްތައަކީ ޒުވާނުންނެވެ. ކޮންމެ ގައުމެއްގެވެސް، އެ ގައުމެއްގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ އެގައުމުގެ ޒުވާނުންކަން އެއީ ޝައްކެއްނެތް ކަމެކެވެ.

ގައުމު ތަރައްގީވެ ކުރިއަރައި ދިއުން އޮތީ އެގައުމެއްގެ ޒުވާނުންގެ ހިންމަތާއި ހިތްވަރާއި ހުނަރު އަދި ގާބިލިއްޔަތުންނެވެ. ގައުމުގެ މުސްތަގުބަލާއި މެދު ކުރެވޭ އުންމީދުތަކުގެ ހަގީގީ މޭސްތިރިންނަކީ އެގައުމެއްގެ ޒުވާނުންނެވެ.

މިގޮތުން މިއަދު މިބަލާލަނީ ޒުވާން އުމުރުގައި އެމީހެއްގެ ދިރުއުޅުމުގެ ވައްޓަފާޅިއަށް އައި ބޮޑެތި ބަދަލުތަކާއިއެކުވެސް ހިތްވަރު އެލުވާނުލައި ޒުވާނުންނަށް އިބްރަތާއި މިސާލު ދެއްކެވި ޕާކިސްތާނުގެ އަޔަން ލޭޑީކަމަށްވާ މުނީބާ މަޒާރީއަށެވެ.

މުނީބާ މަޒާރީ އުފަންވީ ޕާކިސްތާނުގެ ސިޓީއެއްކަމުގައިވާ ރަހީމް ޔާރް ޚާންގައި އާދައިގެ ސާދާ ދިރިއުޅުމެއް ދިރިއުޅެމުން ގެންދިޔަ އާއިލާއަކަށެވެ. ދީނާއި ޘަގާފަތަށް ލޯބިކުރާ އާއިލާއަކަށެވެ.

މުނީބާގެ ޒުވާން ދުވަސްތައް ގުނަމުންދިޔަ ނަމަވެސް އޭނާ ވިސްނީ އަމިއްލަ ފައިތިލަ މައްޗަށް ތެދުވެވޭވަރުގެ މީހަކަށް ވުމަށެވެ. އޭނާގެ ކުރެހުމުގެ ފަންނުން ކުރިއަށް ދިއުމަށެވެ. ނަމަވެސް ލޯބިވާ ބައްޕަގެ އެދުމަށް އިންކާރުނުކޮށް ބައްޕައާއި އާއިލާގެ އުފަލަށްޓަކައި އާއިލާއިން ދެއްކި މީހަކާއި އިނީ ފޮނި އުންމީދުތަކަކާއި އެކުގައެވެ.

ކަންދިމާވީ ހީކުރިގޮތަކަށް ނޫނެވެ. އެ ކައިވެނި ވެގެންދިޔައީ އެއްވެސް އުފަލެއްނެތް ރިހުމަކަށެވެ. ކައިވެންޏަށް 2 އަހަރު ފުރުމާއިއެކު ފިރިމީހާ އާއިއެކު ކުރި ދަތުރުން ދިމާވި ކާރު އެކްސިޑެންޓުން އޭނާގެ މުޅި ހަޔާތް ބަރުބާދު ވެގެންދިޔައެވެ. ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނީއެވެ.

މި އެކްސިޑެންޓުގައި އޭނާގެ ކަނާތު އަތް ބިންދައިގެންދިޔައެވެ. ކޮނޑާއި ކޮނޑުކަށިގަނޑު ބިންދައިގެންދިޔައެވެ. މުޅި އުރަމަތި ކަށިގަނޑު ބިންދައިގެންދިޔައެވެ. އަދި އެއަނިޔާއަކާއިއެކު މުނީބާގެ މުޅި ދިރިއުޅުން ބަދަލުކޮށްލީ އޭނާގެ މައިބަދައަށް ލިބުނު ގެއްލުމާއެކުގައެވެ.

އާޓިސްޓަކަށް ވާން ބޭނުންވި މުނީބާއަށް ލިބުނީ އޭނާއަށް ނުކުރުހޭނެކަމުގެ ހަބަރެވެ. މައިބަދައިގެ ގެއްލުމުގެ ސަބަބުން ދުވަހަކުވެސް ނުހިނގޭނެކަމުގެ ހަބަރެވެ. ދަރިމައިވުމުން މަހުރޫމުވެފައިވާކަމުގެ ހިތި ހަބަރެވެ. ހަޔާތަށް އައި މި ނުކުޅެދުންތެރި ކަމާއިއެކު އޭނާއަށް ދިރިހުރުމުގެ ބޭނުމަކީ ކޮބައިކަމާއިމެދު އަމިއްލަ ނަފްސާއި ސުވާލުކުރެވެން ފެށުނެވެ. ދިރިހުރުމުގެ މަޤްޞަދަކީ ކޮބައިކަމާއިމެދު އަމިއްލަ ނަފްސާއި ސުވާލުކުރެވެން ފެށުނެވެ.

މިިގޮތަށް 2 މަހަށްވުރެއް ގިނަ ދުވަސް ވޭތުކުރުމަށްފަހު އެއްދުވަހު މުނީބާ، ހޮސްޕިޓަލުގައި އޭނާ އޮތް ވޯޑުގެ ދިރުމެއްނުވާ ހުދު ފާރުތަކަށް، ކުލައިން ދިރުމެއް ގެނެސް، ހިތަށް ފިނިކަމެއް ގެނައުމަށް ލޯބިވާ ބޭބެ ގާތު ހުދު ކެންވަހަކާއި ކުލަ ގެނެސްދިނުމަށް އެދުނެވެ. އެއިން އޭނާއަށް ނުތަނަވަސްކަމަށް ލުޔެއް ލިބޭނެކަމުގެ އުންމީދުގައެވެ.

އޭނާގެ ކުރެހުންތަކުން ހިތަށް ފިނިކަމެއް ލިބި މީހުންގެ ތައުރީފް ލިބުނުނަމަވެސް، އެ ކުރެހުންތަކުގެ ފަހަތުގައިވާ ހިތާމަޔާއި ވޭނަކީ އޭނާ ފިޔަވައި އެކަކަށްވެސް ތަޞައްވަރު ނުކުރެވުނު އެއްޗެކެވެ.

ނަމަވެސް އަބަދުމެ އެކަމަކަށް އޭނާ ލޯބިކުރި ކުރެހުންތެރިކަމުގެ ފަންނާއިއެކު އޭނާގެ ކުރެހުންތަކުން ލިބުނީ އައު ދިރުމެކެެވެ. އާހިތްވަރެކެވެ.

ފަސްނުޖެހި ހިތްވަރު އެލުވާނުލައި ދިރިއުޅުން ކުރިއަށް ގެންދިއުމަށް އަޒުމްކަނޑައެޅިއެވެ. އޭނާގެ ބިރުތަކާއި ކުރިމަތިލުމަށް ފަހަރަކު ބިރަކާއި ކުރިމަތިލާންފެށިއެވެ.

މުނީބާގެ އެންމެ ބޮޑު އެއް ބިރެއް ކަމުގައިވާ ފިރިމީހާއާއި ވަކިވުމުގެ ބިރާއި ކުރިމަތިލިއެވެ. ފިރިމީހާގެ އުފަލާއި ކުރިމަގަށްޓަކައި އޭނާއާއި ވަކިވުމުގެ އުނދަގޫ ނިންމުމަށް އަމަލުކުރިއެވެ. އަދި ފިރިމީހާ އައު ކައިވެންޏެއް ކުރާ ކަމުގެ ހަބަރާއިއެކު، އޭނާއަށް މަރުހަބާކިޔެވެ. ދަރިން ލިބުމުން މަހުރޫމުވިނަމަވެސް މައިން ބަފައިންގެ ލޯބިން މަހުރޫމުވި އެތަށް ކުދިންނަކާއި ދޭތެރެ ވިސްނާލައި އެއިން ކުއްޖަކަށް މަންމައެއްގެ ލޯބިދީ ބޮޑުކުރުމަށް އަޒުމްކަނޑައެޅިއެވެ.

އަދި އެއާއިއެކު އެގައުމުގައި މައިންބަފައިން ނެތް ކުދިންގެ އެކި އޯގަނައިޒޭޝަންތަކަށް ފޯމުލައި، ކެތްތެރިކަމާއިއެކު އެއިން ކުއްޖެއްގެ މަންމައަކަށް ވެވޭނެ ދުވަހަކަށް އިންތިޒާރުކުރިއެވެ.

އޭގެ ދެއަހަރުފަހުން މުނީބާ އެންމެ އިންތިޒާރުކުރި ދުވަސް އައެވެ. އޭނާގުޅި އޯގަނައިޒާޝަންތަކުގެ ތެރެއިން އެއް އޯގަނައިޒޭޝަނުން އޭނާއަށް ދެމަހުގެ ތުއްތު ފިރިހެންކުއްޖެއް ލިބުނީއެވެ.

ނުކުޅެދުންތެރި މީހުނާއި މެދު މުޖުތަމައުއިން އަމަލުކުރާ ނުރަނގަޅު ހުރިހާ ކަމަކާއި ދެކޮޅަށް އޭނާ ތެދުވިއެވެ. ޕާކިސްތަނުގެ ނެޝަނަލް ޓީވީގެ ޕްރެޒެންޓަރެއްގެ ރޯލު އަދާކުރިއެވެ. ހިތްވަރާއި އަޒުމްދިނުމުގައި އެކި ޕްލެޓްފޯމްތަކުން މުޖުތަމައުއަށް ފެންނަން ފެށިއެވެ. މޮޑެލިންގ ކެމްޕެއިން ތަކުގައި ހަރަކާތްތެރިވިއެވެ. ނެޝަނަލް އެމްބެސެޑަރ އޮފް ޔޫއެން ވުމަންގެ މަގާމު އަދާކުރިއެވެ. އަންހެނުންނާއި ކުޑަކުދިންގެ ހައްޤަށް ވާހަކަދެއްކުމުގައި ހަރަކާތްތެރިވެއެވެ.

ނުފޫޒުގެ ބޭނުން ހިފައި ދުނިޔެއަށް ހެޔޮ ބަދަލު ގެނެސްދޭ އަންހެނުންގެ 100 އަންހެނުންގެ ތެރޭގައި ހިމެނި ބީބީސީ 100 ގައި 2015 ވަނަ އަހަރު ފީޗަރވިއެވެ.

ހަޔާތަކީ އިމްތިހާނެކެވެ. ގިނަމީހުން ދުނިޔެއަށް ޣާފިލުވެ ހުރުމުގެ ސަބަބުން، މިކަން ހަނދާންނެތެއެވެ. ކެތްތެރިވާން ހަނދާންނެތެއެވެ. ހިތްވަރާއިއެކު ކުރިއަށްދާން ހަނދާންނެތެއެވެ. މުނީބާގެ ދިރިއުޅުމުން ފެންނަ އިބުރަތްތަކަށް ބަލާއިރު، އޭނާއަކީ ދުވަހަކުވެސް ފުރޮޅުލީ ގޮނޑީގައި އިނުމަށް ހިޔާލުވެސްކުރި މީހެއްނޫނެވެ. އެއީ އޭނާއަށް ތަޤުދީރު ނިޔާ ކުރިގޮތެވެ. ނަމަވެސް އެއިން އިބުރަތް ހާޞިލްކޮށް އަމިއްލަ ނަފްސަށާއި އެހެންމީހުންގެ ހައްޤަށްޓަކައި ހިތްވަރުކޮށް ތެދުވީއެވެ.

މިއިން ދޭހަކޮށްދެނީ ދުނިޔެއަކީ ކޮންމެ ވަގުތެއްގައި ކޮންމެ ކަމެއްވެސް ހިނގާގޮސްދާނެ ތަނެއްކަމެވެ. އަމިއްލަ ނަފްސު ނޭދޭ އެތައް ކަމަކާއި ކުރިމަތިލާން ޖެހިދާނެކަމެވެ. އެހުރިހައި ކަމަކާއިވެސް ކެތްތެރިވެ ކުރިއަށްދާން ޖެހޭނެކަމެވެ.

މުނީބާ މަޒާރީ ވަނީ އޭނާގެ ހަޔާތުގެ ޞަފްހާގެ ފަތްފުއްތަކުން ގިނަ އަދަދެއްގެ މީހުނަށް އިބްރަތްތެރި ފިލާވަޅެއް ދަސްކޮށްދީފައެވެ. އޭނާގެ ހަޔާތުން އެތަކެއް މީހުނަކަށް ނަމޫނާ ދައްކާފައެވެ.