އިންޑިއާގެ އިތުރުން ބައިނަލްއަޤްވާމީ ބައެއް ފިލްމުތައްވެސް ކުޅެފައިވާ އެކްޓަރު ކަބީރް ބޭދީގެ އޮޓޯ ބައޮގްރަފީ ނެރޭނީ ބަތަލާ ޕްރިޔަންކާ ޗޯޕްރާކަމަށް އެކްޓަރު ކަބީރް ބެދީއާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ބުނެފިއެވެ.

މިއަހަރުގެ ފެބްރުއަރީމަހު ޕްރިޔަންކާގެ އަމިއްލަ ބައޮގްރަފީ "އަންފިނިޝްޑް" ނެރެފައިވާއިރު ފޮތް ނެރުމުގެ ރަސްމިއްޔާތުގައި އެކްޓަރު ކަބީރްއާއެކު ޕްރިޔަންކާގެ ފިލްމީ ކެރިއަރުގެ ވަރަށް ގިނަ ތަޖްރިބާތައް ދެތަރިން އެކީގައި ހިއްސާކުރާނެ ކަމަށްވަނީ ބުނެފައެވެ.

ބަތަލާ ޕްރިޔަންކާ މިވަގުތު ދިރިއުޅެމުންދަނީ އިނގިރޭސިވިލާތުގެ ލަންޑަންގައި ކަމަށްވެފައި، ފޮތް ނެރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ސޯޝަލް މީޑީއާ މެދުވެރިކޮށް އޮންލައިންކޮށެވެ.

މިރަސްމިއްޔާތު އޮންނާނީ 19 އޭޕްރީލްގައި ހަވީރު 6:30 ގައެވެ.

"ސްޓޯރީޒް އައި މަސްޓް ޓެލް: ދި އިމޯޝަނަލް ޖާނީ އޮފް އޭން އެކްޓަރ" ގެ ނަމުން ނަންދެވިފައިވާ މިފޮތުގައި އޭނާގެ ހަޔާތުގެ ވަރަށް ގިނަ ވާހަކަތައް ވަރަށް ސީދާކޮށް ހާމަކަން ބޮޑު ގޮތެއްގައި ކިޔައިދީފައި ވާނެކަމަށް އެކްޓަރުވަނީ ބުނެފައެވެ.

އެކްޓަރު ކަބީރް ބުނެފައިވާ ގޮތުގައި އޭނާގެ ފިލްމީ ކެރިއަރުގެ ދުވަސްތަކުގެ ވާހަކަތަކާއެކު އަމިއްލަ ޒާތީ ދިރިއުޅުމުގެ ވަރަށް ގިނަ ވާހަކަތައްވެސް އެއްވެސް އުނިއިތުރެއްނެތި ބައޮގްރަފީގައި ހިމަނާފައިވާނެއެވެ.

އުމުރުން 75 އަހަރުގެ އެކްޓަރަކީ ކުރީގެ ބަތަލާ ޕޫޖާ ބެދީގެ ބައްޕައެވެ.

މިހާރު އެއްގޮތަކަށްވެސް ފިލްމުތަކުން ޕޫޖާ ނުފެންނައިރު އޭނާގެ ދަރިފުޅު އަދި އެކްޓަރު ކަބީރް ބެދީގެ ކާފަދަރިފުޅު އަލާޔާވަނީ މިދިޔަ އަހަރު ފިލްމީ ދާއިރާއަށް ނުކުމެފައެވެ.

އޭނާ ކުޅެފައިވާ ފިލްމު "ޖަވާނި ޖާނެމަން" އިން މިއަހަރުގެ އެންމެ މޮޅު ނިއުކަމަރގެ ފިލްމްފެއަރ އެވޯޑްވެސް ބަތަލާއަށްވަނީ ލިބިފައެވެ.

ގިނަބަޔަކަށް ކަބީރް ބެދީ މަގުބޫލުވެގެން ގޮސްފައިވަނީ ބަތަލާ ރޭކާއާއެކު އޭނާ ކުޅެފައިވާ ފިލްމު "ޚޫން ބާރީ މާންގް" އިންނެވެ. މީގެއިތުރުންވެސް 2005 ވަނަ އަހަރު ނުކުތް ކަބީރްގެ ފިލްމު "ތާޖް މަހެލް" އޭން އިންޓާނަލް ލަވް ސްޓޯރީ" އަކީވެސް ގިނަބަޔަކަށް ކަމުދިޔަ ފިލްމެކެވެ.

ކަބީރްގެ ކެރިއަރުގައި މަސައްކަތްކުރި އިންޓަނެޝަނަލް ޕްރޮޖެކްޓްތަކުގެ ތެރޭގައި 1983 ގައި ރިލީޒްކުރި ޖޭމްސް ބޮންޑް ސީރީޒްގެ 13 ވަނަ ފިލްމު "އޮކްޓޮޕުސީ" ހިމެނެ އެވެ.

އޭނާ ކުޅުނު ބޭރުގެ ސިލްސިލާތަކުގެ ތެރޭގައި "ދަ ބޯލްޑް އެންޑް ބިއުޓިފުލް" އާއި "ޑައިނާސްޓީ" އާއި "ހައިލޭންޑާ" އަދި "މާޑާ ޝީ ރޯޓް" ފަދަ އެތައް ސިލްސިލާއެއް ހިމެނެއެވެ.

ކަބީރް ބެދީ އެންމެ ފަހުން ފެނިފައިވަނީ ފިލްމު "ސާހިބު ބިވީ އޯރް ގޭންގް ސްޓަރ 3" އިންނެވެ.