ސަގާފީ ތަރިކަ ރަނގަޅު ގޮތުގައި ރައްކާތެރިކޮށް ދެމެހެއްޓިއްޖެނަމަ ސަގާފީ ފަތުރުވެރިކަމުން ފައިދާތަކެއް ލިބިގެންދާނެ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ ދުނިޔޭގެ ތަރިކައިގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައެވެ.

މިނިސްޓަރ ވިދާޅުވީ ސަގާފީ ތަރިކައަކީ ފަޚުރަކަށް ވާއިރު، ސަގާފީ ތަރިކަ ރަނގަޅު ގޮތުގައި ރައްކާތެރިކޮށް ދެމެހެއްޓިއްޖެނަމަ، ސަގާފީ ފަތުރުވެރިކަމުގެ ތެރެއިން ރަށްރަށާއި އަތޮޅަށް އެތައް ފައިދާތަކެއް ލިބިގެންދާނެ ކަން ޔަގީން ކަމަށެވެ.

އަދި ދުނިޔޭގައި ދިވެހިރާއްޖެއަށް ރީތި ނަން ލިބިގެން ދާނެކަން ފާހަގަކޮށް މިނިސްޓަރުގެ ޚިތާބުގައި ވަނީ ދިވެހިރާއްޖެ ފަދަ ކުޑަކުޑަ ޖަޒީރާ ގައުމަކަށް ގައުމުގެ އަމިއްލަ ޝަޚްސިއްޔަތު ދެމެހެއްޓޭނީ ސަގާފީ ތަރިކަ ރައްކާތެރިކުރެވުނު މިންވަރަކުން ކަމަށެވެ.

އަދި ސަގާފީ ފަތުރުވެރިކަމުގެ ތެރެއިން ރަށްރަށަށް ފައިދާތައް ލިބި ދުނިޔޭގެ ފެންވަރުގައި ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ އަހަމިއްޔަތުކަން އިތުރުކުރެވިދާނެ. އެހެންކަމުން ދެމެހެއްޓެނިވި ތަރައްގީއަށް ސަގާފީ ފަތުރުވެރިކަން ކުރިއެރުވުމަކީ މުހިންމު ކަމެއް. އަދުގެ ދުނިޔޭގައި އާދަކާދައާއި ތަރިކައަކީ އަގު ބޮޑު މުދަލެއް ކަން ދެނެގަނެ ދެމެހެއްޓެނިވި ގޮތެއްގައި އޭގެ ބޭނުން ރަނގަޅު ގޮތުގައި ހިފުން މުހިންމު."
ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫން

އެހެންކަމުން މި ސަބަބުތަކަށްޓަކައި ސަގާފީ ތަރިކަ ދަފްތަރުކޮށް ރައްކާތެރިކޮށް އަދުގެ ޖީލަށާއި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދީ ސަގާފީ ތަރިކައަށް ހޭލުންތެރި ޖީލެއް ބިނާކުރުމަކީ އެންމެންގެ ޒިންމާއެއް ކަމުގައި ހަދައި އެންމެންގެ ބައިވެރިވުމާއެކީ ގުޅިގެން މިކަން ކުރުމަށް މިނިސްޓަރ ވަނީ ގޮވާލާފައެވެ.

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސަގާފަތަކީ ގުޅިލާމެހިފައިވާ އެއްޗެއް ކަމަށާއި ވޭތުވެ ދިޔަ ޒަމާންތަކުގައި ދިވެހީންގެ މަސައްކަތްތެރިކަން ދައްކުވައިދޭ އާސާރީ ތަންތަނާއި ތަކެތި އޮޅުންފިލާހެން މި ޒަމާނާ ހަމައަށް ވާރުތަވެގެން އައިސްފައިވާ ކަމީ ޝުކުރުވެރިވާންޖެހޭ ކަމެއް ކަމަށްވެސް މިނިސްޓަރުގެ ޚިތާބުގައިވެއެވެ.

ދިވެހިންގެ ސަގާފަތާއި ތަރިކައިގެ މުއްސަނދިކަމާއި ތަފާތުކަން ރާޢްޖޭގެ އެކި އަތޮޅުތަކަށާއި ރަށްތަކަށް ބަލާއިރު ހުރީ ފެންނަންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ތަރިކައިގެ ތެރެއިން ފެންނާން ހުރި ބިނާތަކާއި އިހުގެ ތާރީޚާއި ގުޅިފައިވާ އެކިއެކި ތަކެތި މި ރާއްޖޭގެ އެކި ހިސާބުތަކުގައި ފެންނާން ހުރީ އެކި ރަށްރަށަށް އަސި އަތޮޅުތަކަށްވެސް ޚާއްސަ ސިފަތަކާއިއެކު ކަމަށެވެ.

މި އަހަރުގެ ދުނިޔޭގެ ތަރިކައިގެ ދުވަހުގެ ޝިޢާރަކީ "މުއްސަނދި މާޒީތަކަކުން ތަފާތު ކުރިމަގުތަކަކަށް" ނުވަތަ "ކޮމްޕްލެކްސް ޕްސްޓްސް ޑައިވަރސް ފިއުޗަރ" އެވެ.