މިހިނގާ 2021 ވަނަ އަހަރު ނިމޭއިރު، ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑް ވައިރަހުގެ ވޭރިއެންޓާ ދެކޮޅު ވެކްސިނެއް އުފެއްދޭނޭ ކަމަށް އެސްޓްރަޒެނެކާއިން ހާމަކޮށްފިއެވެ.

އެސްޓްރަޒެނެކާގެ އޮސްޓްރިއާ ކަންޓްރީ މެނޭޖަރ ސާރާ ވޯލްޓަރސް ވިދާޅުވީ، އެސްޓްރަޒެނެކާއިން މިހާރު ގެންދަނީ، މިހާރު އުފައްދާފައިވާ ކޮވިޑް ވެކްސިން މޮޑިފައިކޮށްގެން ވޭރިއެންޓާ ދެކޮޅަށް ބޭނުންކުރުމުގެ ޓެސްޓްތައް ހަދަމުން ކަމަށެވެ.

މިމަސައްކަތް ނިމި، މިއަހަރު ނިމޭއިރަށް ވޭރިއެންޓާ ދެކޮޅު ވެކްސިނެއް އުފެއްދޭނޭ ކަމަށް އުންމީދު ކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދެކުނު އެފްރިކައިން ފެނިފައިވަނީ، ކޮވިޑް ވައިރަހުގެ މާ ނުރައްކާތެރި ވޭރިއެންޓެކެވެ. އިނގިރޭސިވިލާތުން ފެނިފައިވާ ވޭރިއެންޓަށް ވުރެންވެސް ދެކުނު އެފްރިކާއިން ފެނިފައިވާ ވޭރިއެންޓުގެ ނުރައްކާތެރިކަން ބޮޑުކަމަށް ވެއެވެ.

ދެކުނު އެފްރިކާއިން ފެނިފައިވާ ވޭރިއެންޓް، އެސްޓްރަޒެނެކާއިން މިހާރު އުފައްދާފައިވާ ވެކްސިނަށް ގުޑަނީ ވަރަށް ކުޑަކޮށް ކަމަށް މިހާތަނަށް ކުރެވުނު ޓެސްޓުތަކުން ދައްކާފައިވާ ކަމަށް، ކުރިއަރ ނޫހަށް ދެއްވި އިންޓަރވިއުއެއްގައި ސާރާ ވޯލްޓަރސް ވިދާޅުވިއެވެ.

ސާރާ ވިދާޅުވީ، މިހާތަނަށް އެކަމާ ގުޅޭގޮތުން ހެދިފައިވަނީ ވަރަށް ކުދިކުދި ދިރާސާތަކެއް ކަމުން، ދެކުނު އެފްރިކާ ވޭރިއެންޓަށް އެސްޓްރަޒެނެކާގެ ވެކްސިން ނުގުޑާކަމަށް މުޅިން އަދި ނިންމަން މާ އަވަސްކަމަށެވެ.

އެސްޓްރަޒެނެކާއާއި އޮކްސްފޯޑުން މިހާރު އުފައްދާފައިވާ ވެކްސިން މޮޑިފައިކުރަން ފަށާފައިވާ ކަމަށާއި، މި މަސައްކަތް މިއަހަރު ނިމޭއިރު ނިންމައި، ވެކްސިން ލިބޭވަރު ވާނޭ ކަމަށް އުންމީދު ކުރެވޭ ކަމަށް ސާރާ ވިދާޅުވިއެވެ.

އެސްޓްރަޒެނެކާގެ ވެކްސިން ޖަހައިގެން ބައެއް މީހުންނަށް ދިމާވަމުންދާ ސިއްހީ މައްސަލަތަކަށް ސާރާ ވޯލްޓަރސް ސީދާ އެއްޗެއް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ނަމަވެސް، ވިދާޅުވީ، އެސްޓްރަޒެނެކާގެ ވެކްސިންގެ އެފިކަސީއާއި، ސޭފްޓީއާ ގުޅޭ މައުލޫމާތު ވެކްސިން ޖަހާ މީހުންނާ ހިއްސާ ކުރުމަށްޓަކައި އެ މައުލޫމާތު މެދުނުކެނޑި ޑޮކްޓަރުންނަށް ދެމުންގެންދާ ކަމަށެވެ.

އެސްޓްރަޒެނެކާގެ ވެކްސިން ޖަހާ ބައެއް އުމުގެ މީހުންނަށް ބްލަޑް ކްލޮޓްވުމުގެ މައްސަލަ ދިމާވާކަމުގެ ރިޕޯޓްތަކާ ގުޅިގެން ޔޫރަޕްގެ ބައެއް ގައުމުތަކުގައި ވަނީ އެ ވެކްސިން ޖެހުން މެދުކަނޑާލާފައެވެ.

އެސްޓްރަޒެނެކާގެ ވެކްސިން ޖެހުމުގައި ފަރުވާތެރިވުމަށް ޔޫރަޕްގެ އިއްތިހާދުން އަންގާފައި ވާއިރު، ޑެންމާކުންވަނީ، އެ ވެކްސިން ޖެހުން އެއްކޮށް ހުއްޓާލާފައެވެ. އިނގިރޭސިވިލާތުންވަނީ އުމުރުން 30 އަހަރުން ދަށުގެ މީހުން އެސްޓްރަޒެނެކާގެ ވެކްސިން ނޫން ވެކްސިނެއް އިޚްތިޔާރު ކުރުމަށް އަންގާފައެވެ.