ބޭރު ގައުމުތަކުން އަންނަ މީހުން ފިލިޕީންސަށް އެތެރެވުން މަނާކޮށްފައި އޮތް މުއްދަތު ފިލިޕީންސް ސަރުކާރުން އިތުރުކޮށްފިއެވެ.

ކޮވިޑްބަލި ފެތުރުން ހުއްޓުވަން އަޅާ ފިޔަވަޅެއްގެ ގޮތުން ބޭރު ގައުމުތަކުން އަންނަ ދަތުރުވެރިންނަށް ފިލިޕީންސް ބަންދުކޮށްފައިވަނީ މިދިޔަ މާޗްމަހުގެ 22 ވަނަ ދުވަހުން ފެށިގެންނެވެ.

އެ މުއްދަތު ހަމަވާންއޮތީ މި އޭޕްރީލްމަހުގެ 21 ވަނަ ދުވަހުއެވެ.

އެހެން ނަމަވެސް، ކޮވިޑް ބަލީގެ ނޭޝަނަލް ޓާސްކް ފޯހުން މިއަދުވަނީ، ބޭރު މީހުން އެތެރެވުން މަނާކޮށްފައި އޮތް މުއްދަތު މިމަހުގެ 30 ގެ ނިޔަލަށް ދިގު ދަންމާލާފައެވެ.

މިގޮތަށް ނިންމީ، ފިލިޕީންސްގައި އަލަށް ކޮވިޑްބަލި ޖެހޭ މީހުންގެ އަދަދުތައް އިތުރުވަމުންދާތީ ރައްކާތެރި ފިޔަވަޅެއްގެ ގޮތުންނެވެ.

ބޭރުގެ ދަތުރުވެރިން އެތެރެވުން މަނާކޮށްފައި އޮތް މުއްދަތު އިތުރު ކުރިނަމަވެސް، ޚާއްސަ ހާލަތްތަކުގައި ބޭރު މީހުންނަށް އެތެރެ ވެވޭނެގޮތް ހަމަޖައްސާފައި ވެއެވެ. އޭގެ ތެރޭގައި ޑިޕްލޮމޭޓުންނާއި، ސިއްހީ ޚިދުމަތުގައި އުޅޭ މީހުންނާއި، ކާގޯ ބޯޑުފަހަރުގައި މަސައްކަތްކުރާ ބޭރު މީހުންނާއި، ފިލިޕީންސް މީހުންނާއެކު ދަތުރުކުރާ ބޭރު ގައުމުތަކަށް ނިސްބަތްވާ ފިރިން، އަނބިދަރިންނާއި، އިންސާނީ އެހީގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތައް ހިމެނެއެވެ.

ހިނގަމުންދާ ހަފްތާގައި ފިލިޕީންސްގައި ދުވާލެއްގެ މައްޗަށް އެވްރެޖް ގޮތެއްގައި 10،000 މީހުން ޕޮޒިޓިވްވެފައި ވެއެވެ.

އެގައުމުން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު 904،285 އަށް އަރާފައި ވާއިރު، 15،594 މީހުން ބަލީގައި މަރުވެފައި ވެއެވެ.