އިޓާލިއަން ލީގުގައި އެޓަލާންޓާ އަތުންވީ ބައްޔާއެކު، ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އިން ލީގު ޓައިޓަލް ދިފާއުކުރުމަށް ކުރަމުންއައި އުންމީދު ގާތްގަނޑަކަށް ގެއްލިއްޖެއެވެ.
އެގޮތުން ލީގުގައި ކުޅުނު 31 މެޗުން ޔުވެންޓަސް އަށް 62 ޕޮއިންޓް ލިބިފައިވާއިރު އެޓީމަށް ލިބެނީ ތާވަލުގެ ހަތަރުވަނައެވެ. ޔުވެންޓަސް އަތުން މޮޅުވި އެޓަލާންޓާއަށް 31 މެޗުން މެޗުން ޔުވެންޓަސް އަށްވުރެ ދެ ޕޮއިންޓް އިތުރަށް ލިބިފައިވެއެވެ.
އެޓަލާންޓާގެ ދަނޑުގައި ކުޅުނު މިމެޗުން ޔުވެންޓަސް ބަލިވީ 0-1 ގެ ފަރަގުކުޑަ ނަތީޖާއަކުންނެވެ. މެޗުގައި އަނިޔާގެ ސަބަބުން ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެފައި ނުވާއިރު، ދެޓީމުގެ ފަރާތުންވެސް ފެނިގެން ގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ.
ދެޓީމަށްވެސް ލަނޑުޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައިރު މެޗުގެ ވަރަށް ކުރީކޮޅު، އެޓަލާންޓާގެ މަޓެއޯ ޕެސީނާއަށް ވަނީ ލީޑު ނަގަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އަދި އޭގެފަހުން ޔުވެންޓަސްގެ އަލްވާރޯ މޮރާޓާއަށްވެސް ވަނީ ލަނޑެއް ޖެހުމަށް ރަނގަޅު ދެ ފުރުޞަތެއް ލިބިފައެވެ. އެކަމަކު އެ ދެ ފުރުޞަތުގެ ބޭނުންވެސް މޮރާޓާއަށް ހިފިފައެއް ނުވެއެވެ.
ދެވަނަ ހާފުގައި ހިލޭ ޖެހުމަކުން އެޓަލާންޓާގެ ރުސްލާން މަލިނޮވްސްކީ އުފެއްދި ނުރައްކާތެރި ހަމަލާ ޔުވެންޓަސްގެ ގޯލްކީޕަރު ވޮސިއެޗް ޝެޒްނީ ވަނީ ހުށިޔާރުކަމާއެކު ދިފާޢުކޮށްފައެވެ. މެޗުން އެޓަލާންޓާ މޮޅުވި ލަނޑު މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ކާމިޔާބުކޮށްދިނީ މަލިނޮވްސްކީ އެވެ.
މީގެއިތުރުން ސީޒަނުގެ ފަހު މެޗުތަކާއި ހުރިހާ ޓީމުތަކުން ކުރިމަތިލަމުން އަންނައިރު 31 މެޗުން 75 ޕޮއިންޓް ހޯދާފައިވާ އިންޓަރ މިލާން ވަނީ ތާވަލުގައި ޔުވެންޓަސްގެ ފަހަތުން ފަސްވަނައިގައި އޮތް ނާޕޯލީ އަތުން އެއްވަރުވެފައެވެ.
ނާޕޮލީގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީވެސް އެ ޓީމުންނެވެ. އެގޮތުން މެޗުގެ 36 ވަނަ މިނެޓުގައި ނާޕޮލީން ލީޑު ނެގިއިރު، މިއީ އިންޓަގެ ސާމިރު ހަންޑަނޮވިޗް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެހެންނަމަވެސް ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ކްރިސްޓިއަން އެރިކްސަން ވަނީ ލަނޑެއް ޖަހައި، އިންޓައަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
އެއްވަނަވައިގައި އިންޓާއަށް 9 ޕޮއިންޓުގެ ލީޑެއް ނަގާފައިވާއިރު އެޓީމުގެ ފަހަތުން ދެވަނައިގައި އޮތީ ވާދަވެރި އޭސީ މިލާނެވެ. މިލާނަށް 31 މެޗުން ވަނީ 66 ޕޮއިންޓް ލިބިފައެވެ.