ފޫ ވެއްޓިފައި އޮތް ސަރުކާރެއްގައި ފޫބައްދަން މަސައްކަތެއް ނުކުރެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެއްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

މެމްބަރު ހުސައިން މިހެން ވިދާޅުވީ، ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑްރޯ ކުރަން، ރައްޔިތުންގެ މަޖިލީހުން ފިނޭންސް މިނިސްޓްރީއަށް ދީފައިވާ ހުއްދަ އިތުރުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާތީ އެކަމަށް ބަހުން ކުރައްވަމުންނެވެ.

މެމްބަހު ހުސައިން ވަނީ، ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށްޓަކައި ފިނޭންސް މިނިސްޓްރީން އަހަރެއް ބޭނުންވާކަމަށް އެދިފައިވުމުން ކޯއްޗެއް ފޫބައްދަންތޯ ސުވާލު ކުރައްވާފައެވެ. އޭނަ ވިދާޅުވީ މިސަރުކާރު މިހާރުވެސް އޮތީ ފޫވެއްޓިފައިކަމަށެވެ. އެހެންކަމުން ފޫ ވެއްޓިފައި އޮތް ސަރުކަރެއްގައި ފޫބައްދަން މަސައްކަތެއް ނުކުރެވޭނެކަމަށެވެ.

ސަރުކާރުގައި ބާކީ އޮތީ ދެއަހަރެއްހާ ދުވަސްކަން ފާހަގަކުރައްވާ އޭނަ ވިދާޅުވީ، އެއްވެސް ކަމަކަށް މިހާރު ވަގުތެއް ނެތްކަމަށެވެ. މި ސަރުކާރުން ވަގުތުގެ ބޭނުން ރަނގަޅުގޮތުގައި ނުހިފާކަމަށް ވިދާޅުވެ މެމްބަރު ހުސައިން ވަނީ، މިހާރުވެސް ސަރުކާރުން އުޅެނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަން ކުރުމަށްކަމަށް ތުހުމަތުކުރައްވާފައެވެ.

"ހެޔޮވާރަރުކަމެއް ނޫން ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނު އިތުރަށް ފަސްކުރުމަކީ."
ރައްޔިތުންގެ މަޖިލީހުގެ ފަރެއްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ ކޮވިޑް19އާ ގުޅިގެން ކުރިމަތިވި އިގްތިސާދީ އަދި މާލީ ލޮޅުމާ ގުޅިގެން ދައުލަތުގެ ހަރަދުތައް ހަމަޖައްސައި ހިދުމަތް ދިނުމުގެ ކަށަވަރުކަން ދިނުމަށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލުކުރުން ފަސްކުރުމަށް ކަނޑައަޅާފައިވާ މުއްދަތު އިތުރު ކުރުމަށް އެދޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ދީފައިވާ އިސްތިސްނާއަށް 1 އަހަރުވާން ކައިރިވެފައިވާއިރު، އިޤްތިސާދީ ފުން ވަޅުގަނޑުން އެއްކޮށް އަރައިގަނެވިފައި ނުވާކަމަށްވެސް ބުނެފައިވެއެވެ. އަދިވެސް، ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވެފައިވާ އިޤްތިސާދީ ތަދުމަޑުކަމުން އަރައި ނުގަނެވޭއިރު، މިދިޔަ އަހަރުގެ ހަތަރު ކުއާޓަރުގައި ވެސް ރާއްޖޭގެ އިޤްތިސާދީ ކުރިއެރުން ވަނީ އޭގެ ކުރީ އަހަރުގެ އެކުއާޓަރުތަކާ އަޅައިބަލާއިރު ދަށްކަމަށެެވެ.