މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ބިދޭސީންނަށް ހަރަކާތްތެރިވުމުގެ ހުއްދަދިނުމުގެ އުސޫލު މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން އާންމުކޮށްފިއެވެ.

މަސްވެރިކަންކުރުމުގައި ގަވާއިދާ ޚިލާފަށް ބިދޭސީން ހަރަކާތްތެރިވުމާއި ގުޅޭ މައްސަލައާއި ގުޅިގެން ފިޝަރީޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ މި މައްސަލައަކީ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ދިވެހި މަސްވެރިންނާއި، ބޭރު ރީޓެއިލަރުންގެވެސް ހުރި ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

އެހެންކަމުން ބިދޭސީން ޤާނޫނާއި ގަވައިދާ ޚިލާފަށް މަސްވެރިކަން ކުރާ ކުރުން ހުއްޓުވުމަށް ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދާފައިވާ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދުގެ 13 ވަނަ މާއްދާގެ ދަށުން މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ވޯކް ޕާމިޓް އޮތް 2 ބިދޭސީންނަށް ހަރަކާތްތެރިވުމުގެ ފުރުސަތު ފަހިކޮށްދީފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ބިދޭސީންނަށް ހަރަކާތްތެރިވުމުގެ ހުއްދަ ދީ ފިޝަރީޒް މިނިސްޓްރީން ވަނީ ބިދޭސީންނަށް ޙަރަކާތްތެރިވެވޭނެ ވަކި ހަމަތަކެއް ކަނޑައަޅާފައެވެ. އެގޮތުން މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ހަރަކާތްތެރިވުމަށް ބިދޭސީންނަށް ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ ކައްކާއެއް ނުވަތަ ދޯނި ފޮޅާ ސާފުކުރާ ނުވަތަ ބަލަހައްޓާ ފަރާތަކަށް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ.

އަދި ބިދޭސީން ހަރަކާތްތެރިވުމަށް ހުއްދަދިނުމަށް ހަމަޖެހިފައިވަނީ، ހަމައެކަނި އެކްސްޕޯޓްކުރުމަށް ނުވަތަ އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަންކުރުމުގެ ލައިސަންސް ނަގައިގެން ދޮށީގެ ނުވަތަ ބޮޑުކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރަށް އެކަނި ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމަކީ ދިގު ތާރީޚެއް އޮތް، އެމަސްވެރިކަމުގައި ސަގާފީ ގިނަ ސިފަތަކެއްއެކުލެވޭ މަސްވެރިކަމަކަށްވުމާއެކު، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޚާއްސަ ސިފަތައް އޭގެ އަސްލު ނުގެއްލި ހިފެހެއްޓުމަކީ މުޙިއްމުކަމެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މަސްވެރިކަމުގެ ގަވައިދަށް ގެނެވުނު މި ބަދަލުތަކަކީ މަސްވެރިން އަދި އޮޑިވެރިންނާއި މަޝްވަރާކުރެވި މުޅި ސިނާއަތުގެ މަންފާއަށްޓަކައި އެޅުނު ފިޔަވަޅެއް ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.