ޑިޒައިން އެންޑް ބިލްޑް އުސޫލުން 2 ރަށެއްގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ދެ ކުންފުންޏަކާ ހަވަލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން މިއަދު ބެއްވި ރަސްމިއްޔާތެއްގައި އދ. ފެންފުށީ ބަނދަރާއި، އއ. ތޮއްޑޫ ބަނދަރު ތަރައްގީކުރުމަށް ކުންފުނިތަކާ ވަނީ ހަވާލުކޮށްފައެވެ.

އެގޮތުން ފެންފުށީ ބަނދަރުގެ މަސައްކަތް ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލުކޮށްފައެވެ. އަދި ތޮއްޑޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލުކޮށްފައެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ފެންފުށި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން 492 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ޖެހުމާއި، 99 މޫރިން ރިންގު ހަރުކުރުމާއި، 199 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި، 128 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 2 ނެރުބައްތި ހަރުކުރުމާއި، މެދު ދިޔައިގައި 3.5 މީޓަރުގެ ފުންމިން ހުންނާނެ ވަރަށް ބަނދަރު ފުންކުރުމާއި، 4 މީޓަރުގެ ފުންމިނަށް ނެރު ފުންކުރުމާއި، 12 މޫރިން ބޮއި ހަރުކުރުމުގެ އިތުރުން 25 ބަނދަރު ބައްތި ޖެހުމާއި، 2370 ސްކެއަރ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމުގެ މަސައްކަތްވެސް ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލުކޮށްފައެވެ.

މި މަސައްކަތަކީ 39 މިލިއަން ރުފިޔާއަށް ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ. މި މަސައްކަތް 420 ދުވަސްތެރޭ ނިންމަންޖެހެއެވެ.

މީގެ އިތުރުން ތޮއްޑޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން ބޭރުތޮއްޓަށް އެރުމަށް ކޮންކްރީޓް ބްރިޖެއް އެޅުމާއި، 700 މީޓަރުގެ ސަރަހައްދެއްގައި ސޭންޑްފިލް ބްރޭކްވޯޓަރ އެއް ހެދުމާއި، 494 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ އިތުރުން 103 މޫރިން ރިންގް ހަރުކުރުމާއި، 144 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި، 263 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ އިތުރުން 2 ނެރުބައްތި ހަރުކުރުމާއި، 84 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލުކޮށްފައެވެ.

މީގެ އިތުރުން ކުދި އުޅަނދުފަހަރު ކައިރިކުރުމަށް ބޭރުތޮށީގެ ބަނދަރާވީ ފަރާތުގައި ކޮންކްރީޓް ޖެޓީ އެޅުމާއި، މެދު ދިޔައިގައި 3.5 މީޓަރުގެ ފުންމިން ހުންނާނެ ވަރަށް ބަނދަރު ފުންކުރުމާއި، 4 މީޓަރުގެ ފުންމިނަށް ނެރު ފުންކުރުމާއި، 20 މޫރިން ބޮއި ހަރުކުރުމުގެ އިތުރުން ރޭމްޕް ހެދުމާއި، 25 ބަނދަރު ބައްތި ޖެހުމުގެ އިތުރުން 2380 ސްކެއަރ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމުގެ މަސައްކަތްވެސް ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލުކޮށްފައެވެ.

މި މަސައްކަތް ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 59 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތް 1 އަހަރު ދުވަހުގެތެރޭ ނިންމަންޖެހޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.