މިއަހަރު މާޗްމަހުގެ ތެރޭގައި އެކްޓަރު އަޖޭ ދޭވްގަންވަނީ އޭނާގެ ފޭނުންގެ ކިބައިން އަޖޭ ދޭވްގަންގެ ބަދަލުގައި އޭނާއަށް ސޫދާރޝަންގެ ނަމުން މުޚާތަބްކުރުމަށް އެދިފައެވެ.

އެހިސާބުން ފެށިގެން އެއީ އަޖޭގެ ކުރިއަށް އޮތް ފިލްމީ ޕްރޮކެޖްކްޓުގެ ޕްރޮމޯޝަންކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.

އަޖޭ މިފަދަ މެސެޖެއް ފޭނުންނާ ހިއްސާކޮށްފައި މިވަނީ އޭނާ ދާދި އަވަހަށް ވެބް ސީރީޒްއަކުން ފެންނާނެކަމަށް އިންޑިއާގެ މީޑިއާއިން ބުނެފައިވަނިކޮށެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑް ހަންގާމާގައި ބުނެފައިވާގޮތުން އަޖޭ ތައްޔާރުވަމުން އަންނަނީ އިނގިރޭސިވިލާތުގެ ބީބީސީ ޗެނަލްއިން ގެނެސްދިން މަޝްހޫރު ޓީވީ ސީރީސް "ލޫތަރ" ގެ ރިމޭކެއް ގެނެސްދިނުމަށެވެ.

އިތުބާރުހުރި ފަރާތަކުން ބޮލީވުޑް ހަންގާމާއާ ހަވާލާދީ ބުނެފައިވަނީ، މިސީރީޒް އަޖޭއާއެކު ހަދަން ނިންމާފައިވަނީ "ލޫތަރ" ސީރީސްވެސް ގެނެސްދިން ބީބީސީ ނެޓްވޯކްގެ އިންޑިއާ ގޮފިއާއި އެޕްލޯޒް އެންޓަޓައިންމެންޓާ ގުޅިގެންނެވެ.

މިސީރީޒްގެ މަސައްކަތް ނިމުމުން ސީރީޒް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ޑިޒްނީ ޕްލަސް ހޮޓްސްޓަރއިންނެވެ.

މިވަގުތު އަޖޭ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދަނީ އޭނާގެ ކުރިއަށް ހުރި ފިލްމުތައް ރިލީޒްކޮށް ބައެއް ފިލްމުތަކުގެ ޝޫޓިންގް ނިންމާލުމުގެ މަސައްކަތުގައެވެ. އެހެންކަމުން އަދި މިކަމާބެހޭގޮތުން އަޖޭ އެއްވެސް މައުލޫމާތެއް މީޑިއާއާ ހިއްސާކޮށްފައެއް ނުވެއެވެ.

"ލޫތަރ"ގެ ހިންދީ ރިމޭކްގައި އަޖޭއާއެކު ހިމަނާނެ އިތުރު ކާސްޓުންގެ މައުލޫމާތުވެސް އަދި ހިއްސާކޮށްފައި ނުވާއިރު އަޑުތައް އަރާފައިވާގޮތުން ބަތަލާއެއްގެ ގޮތުގައި އިލީނާ ޑިކްރޫޒާއަށް ސީރީޒްގެ މުހިއްމު ރޯލެއްވަނީ ހުށަހަޅާފައެވެ.

ބަތަލާ އިލީނާއާއި އެކްޓަރު އަޖޭ ދޭވްގަންއަކީ ސްކްރީނުން ފެންނަ ވަރަށް ހިތްގައިމު އަދި ގިނަ ބައެއްގެ މެދުގައި މަގުބޫލު ޖޯޑެކެވެ. މީގެކުރިން ދެތަރިން އެކީގައި ފެނިފައިވަނީ ފިލްމު "ރެއިޑް' އަދި "ބާދުޝާހޯ" އިންނެވެ.

ވެބް ސީރީޒް "ލޫތަރ" އަކީ، ސައިކޮލޮޖިކަލް ކްރައިމް ތްރިލަރއެކެވެ.

މިސީރީޒްގެ މެއިން ލީޑް ރޯލް ކުޅެފައިވަނީ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އިޑްރިސް އެލްބާއެވެ. 2010 ވަނަ އަހަރު ބީބީސީއިން ގެނެސްދޭންފެށި މިސީރީޒް އެންމެފަހުން ގެނެސްދީފައިވަނީ 2019 ވަނަ އަހަރުގައެވެ.

ޖުމްލަ ފަސް ސީނަކަށް ބަހާލައިގެން ދައްކާފައިވާ މިސީރީޒްގެ ކޮންމެ ސީޒަނެއްގައި 20 އެޕިސޯޑް އެކުލެވިގެންވެއެވެ.