އިންޑިއާގައި ކޮވިޑް ބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާތީ، އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އިންޑިއާއަށް ކުރައްވަން ތާވަލް ކޮށްފައި އޮތް ރަސްމީ ދަތުރުފުޅު ކެންސަލް ކުރައްވައިފިއެވެ.

ބޮޑުވަޒީރު ބޮރިސް ޖޯންސަން އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައި އޮތީ އަންނަ ހަފްތާގައެވެ.

އިންޑިއާގައި ވޭތުވެދިޔަ 5 ދުވަހުގެ ތެރޭގައި ޖެހިޖެހިގެން 5 ދުވަހު، އަލަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ ދެލައްކައިން މައްޗަށް އަރާފައެވެ. ބޮރިސް ޖޯންސަންގެ ދަތުރުފުޅު ކެންސަލް ކުރެއްވީ މިކަމާހެދި ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ބޮޑުވަޒީރު ބޮރިސް ޖޯންސަން އިންޑިއާ ދަތުރުފުޅު ކެންސަލް ކުރެއްވިކަން ހާމަކުރެއްވީ، ބޮޑުވަޒީރުގެ އޮފީހުން ނެރުނު، އިނގިރޭސި އަދި އަދި އިންޑިއާ ސަރުކާރުގެ ގުޅިފައިވާ ބަޔާނެއްގައެވެ.

އޭގެ ބަދަލުގައި ބޮޑުވަޒިރު މޯދީއާއި، ބޮރިސް ޖޯންސަން ފޯނުން ގުޅުއްވައި، ދެގައުމުގެ މުސްތަގްބަލުގެ ގުޅުންތަކާބެހޭ ކަންކަމަށް މަޝްވަރާ ކުރައްވައި އެއްބަސްވުންތައް ވެވަޑައި ގަންނަވާނެ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ކޮވިޑްބަލީގެ ހާލަތާ ގުޅިގެން އިންޑިއާގެ އެކި ސްޓޭޓްތަކުގައި ވަރުގަދަ ފިޔަވަޅުތަކެއް ގެންދަނީ އަޅަމުންނެވެ.

ވެރިރަށް ނިއުދިއްލީގައިވެސް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، މިރޭ މެންދަމުން ފެށިގެން ނިއުދިއްލީ މިހާރު ތައްޔާރުވެފައިވަނީ އެއް ހަފްތާގެ ލޮކްޑައުންއަކަށް ދިއުމަށެވެ.

އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދުވެސް ގިނަވެ، ނިއުދިއްލީގެ ހޮސްޕިޓަލްތައްވެސް މިހާރުވަނީ ފުރިގެން ބަންޑުންވާ ހިސާބުގައެވެ. ބަލިމީހުންނަށް ފަރުވާ ދިނުމުގައި ހޮސްޕިޓަލްތަކަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވަމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އިންޑިއާއަށް ކުރައްވަން ހަމަޖެހުނު ދަތުރުފުޅަކީ، ވިޔަފާރިއާއި، އިންވެސްޓްމަންޓްގެ ގުޅުންތައް ވަރުގަދަކޮށް، ދިފާއީ، ސަލާމަތީ، ސިއްހީ އަދި މޫސުމަށް އަންނަ ބަދަލުތައް ފަދަ ދާއިރާތަކުން ދެގައުމުގެ ދެމެދުގައި އެއްބާރުލުން އިތުރު ކުރެއްވުމުގެ ބޭނުންފުޅުގައި ކުރައްވަން ހަމަޖެހުނު ދަތުރުފުޅެކެވެ.

ބޮޑުވަޒީރު ބޮރިސް ޖޯންސަން އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހުނީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށެވެ.

ބޮރިސް ޖޯންސަން އެންމެ ފުރަތަމަ އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހުނީ މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ. އެދުވަސްވަރަކީ، އިނގިރޭސިވިލާތް އީޔޫއިން ވަކިވި ދުވަސްވަރަށްވުމުން، އިންޑިއާ ދަތުރުފުޅަކީ އިނގިރޭސިވިލާތުގެ ބައިނަލްއަގްވާމީ ވިޔަފާރީގެ ގުޅުންތަކަށް ލިބުނު ފުރުސަތެއް ކަމަށް ބެލެވިފައި ވެއެވެ.