ބޭރު ގައުމުތަކުން އުމްރާގެ އަޅުކަމަށް އަންނަ މީހުން ވެކްސިން ޖެހިކަމުގެ ސެޓްފިކެޓް ހުށަހެޅުން މަޖުބޫރު ކަމަށް ސައުދީ އަރަބިއްޔާއިން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ، ސައުދީ ސަރުކާރުގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާގެ ފަރާތުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، އެ މިނިސްޓްރީގެ ތަރުޖަމާނު ހިޝާމް ސައީދުއެވެ.

ހިޝާމް ވިދާޅުވީ، ސައުދީ އަރަބިއްޔާއިން ބޭރުން މި ރަމަޟާންމަހު އުމްރާގެ އަޅުކަމަށް އަންނަން ބޭނުންވާ އެންމެންގެވެސް ސިއްހީ ހާލަތު ގުޅާލެވޭނީ މިނިސްޓްރީގެ "ތަވައްކަލްނާ" އެޕްލިކޭޝަނާ ކަމަށެވެ.

އެ މެކޭނިޒަމްގެ ތެރެއިން، ބޭރު ގައުމުތަކުން އުމްރާގެ އަޅުކަމަށް އަންނަން ބޭނުންވާ މީހުންގެ ވެކްސިންޖެހި ކަމުގެ ސެޓްފިކޭޓް، މައްކާގައި ހުންނަ އިނާޔާ ނުވަތަ ކެއަރ ސެންޓަރުތަކުގެ ތެރެއިން ސެންޓަރަކަށް ހުށަހެޅޭނެ ކަމަށާއި، ވެކްސިން ޖެހިކަމުގެ ސެޓްފިކެޓްގެ ސައްހަކަން އެ ސެންޓަރަކުން ބަލާނެ ކަމަށް، ސައުދީ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

އެކަން ބެލުމަށްފަހު، އުމްރާގެ އަޅުކަމަށް އަންނަ މީހާ، މަސްޖިދުލް ޙަރަމައަށް އަޅުކަމަށް އަންނަންވީ ތާރީޚާއި، އަޅުކަން ފުރިހަމަ ކުރެވޭނެ ވަގުތުތައް، އިނާޔާ ސެންޓަރުން ކަނޑައަޅައި އެމީހަކަށް އަންގާނެއެވެ.

ބޭރު ގައުމުތަކުން އުމްރާގެ އަޅުކަމަށް މީހުންނަށް އާދެވޭނެ އުސޫލުތައް، މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުވަނީ އާންމުކޮށްފައެވެ.

ބޭރު ގައުމުތަކުން އުމްރާގެ އަޅުކަމަށް އަންނަ މީހުން، އަޅުކަމަށް ފެށުމުގެކުރިން ފުރިހަމަ ކުރަންޖެހޭ 5 ކަމެއް މިނިސްޓްރީން ކަނޑައަޅައި އިއުލާން ކޮށްފައި ވެއެވެ.

އޭގެތެރޭގައި، އަޅުކަމަށް ފެށުމުގެ ހަ ގަޑިއިރު ކުރިން އިނާޔާ ސެންޓަރަށް ރިޕޯޓްކޮށް، ވެކްސިންގެ ސްޓޭޓަސް ބަލައި، އެތަނުންދޭ ޑިޖިޓަލް އަތުކުރީ ބޭންޑް އަޅައި، އޭގެފަހުން އައް-ޝުބައިކާ އެސެމްބްލީ ސެންޓަރަށް ހާޟިރުވެ، އެމީހެއްގެ މައުލޫމާތާއި، އުމްރާގެ އަޅުކަމުގެ ހުއްދަ ވެރިފައިކުރަން ޖެހެއެވެ.

ހަމަ އެއާއެކު، އެމީހަކަށް ކަނޑައެޅިފައިވާ ތާރީޚާއި ވަގުތުގައި އުމްރާގެ އަޅުކަން ފުރިހަމަ ކުރަންޖެހޭނޭ ކަމަށްވެސް، އުސޫލުގައި ކަނޑައަޅާފައި ވެއެވެ.

ބޭރު ގައުމުތަކުން އުމްރާގެ އަޅުކަމަށް އަންނަ ހުރިހާ އެންމެންވެސް، ސައުދީ އަރަބިއްޔާއަށް އެތެރެވުމަށްފަހު، މައްކާގައި އެމީހުންނަށް ކަނޑައެޅިފައިވާ ހޮޓާތަކުގައި 3 ދުވަހު ކަރަންޓީނުގައި ތިބެންޖެހެއެވެ.

ސައުދީ ސަރުކާރުންވަނީ، މި ރަމަޟާންމަހު އުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށް ކޮންމެ ދުވަހަކު 50،000 މީހުންނަށް ހުއްދަދިނުމަށް ނިންމާފައެވެ.

ކޮވިޑްބަލީގެ ހާލަތާ ގުޅިގެން އުމްރާގެ އަޅުކަން މެދުކަނޑާލުމަށްފަހު، ފިޔަވަހި ތަކަކަށް ބަހާލައިގެން އުމްރާގެ އަޅުކަމަށް އަލުން ހުޅުވާލީ މިދިޔަ 2020 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 4 ވަނަ ދުވަހުއެވެ.

އޭގެފަހުން، ރަމަޟާންމަސް އައުމާ ހަމައަށް، ސައުދީ އަރަބިއްޔާގެ އެތެރެއިންނާއި އަދި ބޭރުން 10 މިލިއަނަށްވުރެ ގިނަމީހުން އުމްރާގެ އަޅުކަން ފުރިހަމަ ކޮށްފައިވާ ކަމަށް ސައުދީ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނެފައި ވެއެވެ.

އެ ހުރިހާ އެންމެންވެސް އުމްރާގެ އަޅުކަން ފުރިހަމަ ކޮށްފައިވަނީ، ސައުދީ ސަރުކާރުން ތައާރަފް ކޮށްފައިވާ ޚާއްސަ އެޕްލިކޭޝަނެއް މެދުވެރިކޮށް ރަޖިސްޓަރީކޮށް ހުއްދަ ނަގައިގެންނެވެ.