މިއަހަރު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ބަތަލާ އާލިއާ ބަޓްގެ އެންމެ އުއްމީދީ ފިލްމު "ގަންގޫބާއީ ކަތިއާވާޅީ" އެންމެ ފަހުން ޑިޖިޓަލް ރިލީޒިންގްއަކަށް ގޮސްދާނެކަމުގެ އިޝާރާތެއް ފިލްމުގެ ކްރޫއިން ދީފިއެވެ.

ބަތަލާ އާލިއާ ބަޓްގެ އިތުރުން ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީގެވެސް އެންމެ ބޮޑު އެއް ޕްރޮޖެކްޓް ކަމަށްވާ މިފިލްމު މީގެކުރިން ނިންމާފައިވަނީ ސިނަމާގައި ރިލީޒް ކުރުމަށެވެ.

އެހެންނަމަވެސް އިންޑިއާގައި މިވަގުތު ކޮވިޑް-19 ގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާތީ އަވަސް ކުރިމަގެއްގައި މިފިލްމު ތިއޭޓަރުތަކަށް ގެނެވޭނެކަމުގެ ޔަގީންކަމެއް ނެތެވެ.

ފިލްމު ޑިލޭވުމުގެ ސަބަބުން ސަންޖޭގެ އިތުރުން ފިލްމުގެ ކްރޫއަށްވެސް ވިޔަފާރީގެގޮތުން ފޫނުބެއްދޭނެވަރުގެ ގެއްލުމެއް ލިބޭނެކަމަށް ހިންދީ ސިނަމާގެ އެނަލިސްޓުންވަނީ ބުނެފައެވެ.

މިއަހަރުގެ ޖުލައި 30 ވަނަ ދުވަހު ފިލްމު ތިއޭޓަރުތަކުގައި އަޅުވާނެކަމަށް ކުރިން ބުނިނަމަވެސް ޕްރޮޑިއުސަރު ސަންޖޭ އަންނަނީ މިކަމާމެދު ދެވަނަ ވިސްނުމަކަށް ދިއުމަށް ތައްޔާރު ވަމުންނެވެ.

2019 ވަނަ އަހަރު އިއުލާނުކުރެވުނު މިފިލްމުގެ ޝޫޓިންގ ފެށުމަށް ތައްޔާރުވަމުން ދިޔައީ މިދިޔަ އަހަރުއެވެ.

އެހެންނަމަވެސް އިންޑިއާ ލޮކްޑައުންއަށް ދިއުމާ ގުޅިގެން އޭރުވަނީ ފިލްމުގެ މަސައްކަތްތައް މަޑު ޖައްސާލާފައެވެ.

މިއަހަރުތެރޭ މިފިލްމުގެ ނުނިމިހުރި މަންޒަރުތައް ޝޫޓްކޮށް ނިންމާލުމަށްފަހު މިހާރު ފިލްމުވަނީ ރިލީޒްކުރުމުގެ މަރުހަލާގައެވެ.

ފިލްމު ޑިޖިޓަލައިޒްކުރުމާ ބެހޭގޮތުން ރަސްމީ ފަރާތަކުން އެއްވެސް މައުލޫމާތެއް އަދި ހިއްސާކޮށްފައި ނުވާއިރު މިއީ ފިލްމު ތިއޭޓަރ ރިލީޒިންގްއަކަށް ދިއުމަށް އެންމެ މުނާސަބު ވަގުތު ނޫންކަމަށްވެސް ގިނަބަޔަކު ގަބޫލުކުރެއެވެ.

މިފިލްމުގެ އިތުރުންވެސް ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ ގިނަ ފިލްމުތަކުގެ މިސްރާބުހުރީ ޑިޖިޓަލް ޕްލެޓްފޯމްތަކާ ދިމާލަށެވެ.

ސަބަބަކީ އިންޑިއާއަށް މިވަގުތު ދިމާވެފައިވާ ކޮވިޑުގެ ނުރައްކާގެ ހާލަތުން އަރައިގަނެވޭނެ ވަކި ދުވަހެއް އެއްވެސް ބަޔަކަށް ނޭނގޭތީއެވެ.

މިފިލްމުގައި އާލިއާ ފެނިގެންދާނީ 60 ގެ އަހަރުތަކުގެ ތެރޭގައި އިންޑިއާގެ މުމްބާއީގައި އުޅުނު ނުފޫޒުގަދަ އަންހެނެއް ކަމަށްވާ މާފިއާ ކްއީން ގަންގްބާއީގެ ރޯލުންނެވެ.

އާލިއާގެ އިތުރުން ފިލްމުން ފެންނާނެ މުހިއްމު ތަރިންގެ ތެރޭގައި ބަތަލާ ހުމާ ގްރެއިޝީ، އެކްޓަރު އަޖޭ ދޭވްގަން އަދި އާލިއާގެ ބައްޕަ މަހޭޝް ބަޓްއަށް ބޮޑުބޭބެ ކިޔާ އެކްޓަރު އިމްރާން ހަޝްމީ ހިމެނެއެވެ.