ކޮވިޑް-19 ގެ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް 14 ދުވަސް ފަހުން ރާއްޖެ އަންނަ ނަމަ ހެލްތް ޑިކްލަރޭޝަން ފޯމުގައި އެކަމުގެ ތަފްސީލުތައް ހާމަކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން އެދިއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ދަތުރުކުރުމުގައި ދޭން ނިންމާފައިވާ ލުއިތަކަށް ރިއާޔަތްކޮށް އިމިގްރޭޝަނުން ބުނީ، މިއަދުން ފެށިގެން ރާއްޖެ އަންނައިރު ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮތުން މުހިންމު ނޫން ކަމަށެވެ.

ޑަބްލިއުއެޗްއޯ، އަދި ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެޕްރޫވްކޮށްފައިވާ ވެކްސިނެއް ޖަހައި، 14 ދުވަސް ވާފަހުން ރާއްޖެ އަންނަނަމަ ރާއްޖެ އައުމަށްފަހު ކަރަންޓީންވާން ނުޖެހޭނެކަން އިމިގްރޭޝަނުން ފާހަގަކޮށްފައިވެއެވެ.

ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުން ވެކްސިން ޖަހާފައިވާކަން އެނގޭނެ ލިޔެކިޔުންތަކުގެ ކޮޕީއެއް އިމުގާ ޕޯޓަލްއަށް ހެލްތް ޑިކްލަރޭޝަން ފޯމާއެކު ހުށަހެޅުމަށް އިމިގްރޭޝަނުން ވަނީ އަންގާފައެވެ.

މި ލިޔެކިޔުމުން އެމީހެއްގެ ނަމާއި، އުފަން ތާރީޚާއި، ވެކްސިންގެ ޑޯޒްތައް ޖެހި ތާރީޚާއި، ޖެހި ވެކްސިންގެ ތަފްސީލާއި، ވެކްސިން ޖެހި ސެންޓަރުގެ ތަފްސީލުތައް އެނގެން ހުންނަން ވާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ވެކްސިންގެ ޑޯޒް ފުރިހަމަކުރުމަށްފަހު 14 ދުވަސް ހަމަނުކޮށް ރާއްޖެ އަންނަ މީހުންނާއި، ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިނުވާ މީހުންނަށް ރާއްޖެ އެތެރެވެވޭނީ 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

މިގޮތަށް ރާއްޖެ އަންނަ މީހުންގެ ތެރެއިން 1 އަހަރު ނުފެރޭ ކުޑަކުދިން، އެކުދިން ރާއްޖެ އައުމުގެކުރިން 10 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަކުރަން ޖެހޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އަދި ހޯމް ކަރަންޓީން ނިންމާގޮތަށް ކޮވިޑަށް ޓެސްޓުކޮށް، ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު ރާއްޖެ އައުމަށް އިމިގްރޭޝަނުން ވަނީ އަންގާފައެވެ.

މީގެ އިތުރުން ބޭރު ގައުމުތަކުގައި ތިބޭ ދިވެހިން ވެކްސިންގެ ޑޯޒްތައް ފުރިހަމަނުކުރާނަމަ ރާއްޖެ އައުމުގެކުރިން 10 ދުވަހުގެ ހޯމް ކަރަންޓީނެއް ފުރިހަމަކުރަންޖެހެއެވެ.

ރާއްޖެއިން ބޭރުން އަންނަ ދިވެހިންގެ ތެރެއިން ޑޭކެއަރތަކުގައި މަސައްކަތްކުރާ މީހުންނާއި، ސިއްހީ މަރުކަޒުތަކުގައި މަސައްކަތްކުރާ މީހުންގެ އިތުރުން ސްކޫލް އަދި ރެސިޑެންޝަލް ކެއަރ ސާވިސްތަކުގައި މަސައްކަތްކުރާ މީހުން ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައި ވީނަމަވެސް، ރާއްޖެ އަންނަ އިރު ނެގެޓިވް ޕިސީއާރު ޓެސްޓެއް އެމީހުންގެ އަތުގައި އޮންނަންޖެހޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.