މިހާރުވެސް ކާމިޔާބު ފިލްމުތަކެއް ޕްރޮޑިއުސްކުރަމުން އަންނަ އެކްޓަރު އަޖޭ ދޭވްގަން ޕްރޮޑިއުސަރ ސިދާތް ރޯއި ކަޕޫރުއާއެކު ފިލްމެއް އުފެއްދުމުގެ މަސައްކަތް ކުރުމަށް ނިންމައިފިކަމަށް އެކްޓަރު ބުނެފިއެވެ.

އަޖޭވަނީ އޭނާ މިފިލްމުގެ މަސައްކަތްކުރުމަށް ނިންމާފައިވާކަމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ފޭނުންނާވެސް ހިއްސާކޮށްފައެވެ.

"ގޯބަރ" ގެ ނަމުގައި ފެށުމަށް ހަމަޖެހިފައިވާ މިފިލްމަކީ 90 ގެ އަހަރަތަކުގެ ހަނދާންތައް އާކޮށްލަދޭނެ ފިލްމެއްކަމަށް އަޖޭވަނީ ބުނެފައެވެ.

ފިލްމާބެހޭޣޮތުން ވާހަކަ ދައްކަމުން އެކްޓަރު އަޖޭގެ އިތުރުން ޕްރޮޑިއުސަރު ސިދާތް ބުނެފައިވަނީ، މިއީ އިންޑިއާގައި ހިންގާފައިވާ ހަގީގީ ހާދިސާތަކުން ލިބިފައިވާ އިބްރަތްތަކުގެ މައްޗަށް ބިނާކޮށްގެއް އުފައްދާ ފިލްމެކެވެ.

ފިލްމުގައި ދައްކުވައިދޭނީ ޖަނަވާރުންގެ ޑޮކްޓަރަކަށް އޭނާ މަސައްކަތްކުރާ ހޮސްޕިޓަލުގެތެރެއިން ފަޅާއަރާ ބޮޑެތި ކޮރަޕްޝަން މައްސަލަތަކާއި ދެކޮޅަށް ކުރާ މަސައްކަތްތަކެވެ.

ހެއްވާ މަޖާ ކަންތައްތަކާއެކު ފިލްމުގެ ސްޓޯރީ ވަރަށް ބޮޑަށް ބެލުންތެރިންނަށް ކަމުދާނެކަމަށް އެކްޓަރު/ޕްރޮޑިއުސަރ އަޖޭވަނީ ބުނެފައެވެ.

ޕްރޮޑިއުސަރު ސިދާތް ރޯއި ބުނެފައިވަނީ މިފިލްމަކީ ހެއްވާ މަޖާ ކަންތައްތަކެއް އެކުލެވޭ ފިލްމަކަށް ވިޔަސް ފިލްމުގައި ހިނގާ ހާދިސާތަކުން ވަރަށް ބޮޑަށް އެގައުމުގައި ހިނގާ ކޮރަޕްޝަންގެ ޖަރީމާތައް ފެނިގެންދާނެއެވެ. އަދި އިންޑިއާ ގައުމަށް ނިސްބަތްވާ އެންމެ އާދައިގެ ނިކަމެތި މީހާއަށްވެސް ކޮރަޕްޝަން ހުއްޓުމަށް ކުރެވޭނެ މަސައްކަތްތައް ވަރަށް ރަގަޅަށް ދައްކުވައިދޭނެކަމަށް ސިދާތްވަނީ ބުނެފައެވެ.

އެކްޓަރު އަޖޭ ކަހަލަ ހުނަރުވެރި ޕްރޮޑިއުސަރަކާއެކު މަސައްކަތް ކޮށްލުމުގެ ފުރުސަތާ ގުޅޭގޮތުން ސިދާތް ބުނެފައިވަނީ އަޖޭ މިހާތަނަށް އުފައްދާފައިވާ ކޮންމެ ފިލްމަކީވެސް ވަރަށް ހުނަރުވެރި އަދި ބުރަ މަސައްކަތް ކޮށްފައިވާ ފިލްމުތަކެކެވެ.

އެހެންކަމުން އަޖޭއާއެކު މަސައްކަތް ކޮށްލަން މިލިބުނު ފުރުސަތަކީ ވަރަށް ޗެލެންޖިންގެ ފުރުސަތެއްކަމަށްވެސް ސިދާތުވަނީ ބުނެފައެވެ.

މިއީ އަޖޭގެވެސް ވަރަށް ގިނަ ހުވަފެންތަކަކާ ގުޅިފައިވާ ފިލްމެއްކަމަށް ބުނަމުން އަޖޭ ބުނެފައިވަނީ 90 ގެ އަހަރުތަކުގެ ފިލްމުތަކުން ފެނިގެންދިޔަ ޖާދޫ މިފިލްމުންވެސް އޭނާ ދައްކައިދޭނެއެވެ.

ހަމައެއާއެކު އަޖޭ ބުނެފައިވަނީ، ގިނަ ބަޔަކު ފިލްމު ބަލަން ތިއޭޓަރަށްދާން ބޭނުންވާނެކަހަލަ ފިލްމަކަށް މިފިލްމުވާނެއެވެ.

މިފިލްމުގެ މަސައްކަތް ފެށުމަށް ޝެޑިއުލްކުރެވިފައިވަނީ މިއަހަރުގެ ފަހުކޮޅުއެވެ.