ދާދިފަހުން އިންޑިއާގެ ހިންދީ ސިނަމާގެ ގިނަ ތަރިންތަކެއްވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެ ބައްޔަށް ފަރުވާ ހޯދާ އެބަލިން ރަނގަޅުވެފައެވެ.

މިލިސްޓަށް އެންމެ ފަހުން އިތުރުވި ތަރިންގެތެރޭގައި ބަތަލާ އާލިއާ ބަޓް އާއި ލޯބިވެރިޔާ އަދި އެކްޓަރު ރަންބީރް ކަޕޫރު ހިމެނެއެވެ.

އިންޑިއާގެ މަހަރަޝްތުރާގައި ކާފިއު ހިންގުމާ ގުޅިގެން ގިނަ ތަރިންތަކެއް ގައުމުން ބޭރުވެ ޗުއްޓީ ހަދާލަން ކައިރި ޤައުމުތަކަށް ދަތުރުކުރަމުން އަންނައިރު މި ދެތަރިންވެސް މިވަނީ ޗުއްޓީއަށް އެމީހުންގެ މަންޒިލަކަށް ދިވެހިރާއްޖެ ހަދާފައެވެ.

މިދެތަރިން އިއްޔެ ހެނދުނުގެ ވަގުތެއްގައި އިންޑިއާގެ މުމްބާއި އެއަރޕޯޓުގައި ފުރަންގޮސް ތިއްބާ ނަގާފައިވާ ފޮޓޯތަކެއް މިހާރު އެކި މީޑިއާތަކުގައި ވަނީ ތިލަވެފައެވެ.

ބޮލީވުޑުގައި މިހާރު އެންމެ ފާހަގަކޮށްލެވޭ މިޖޯޑު ވަރަށް އަވަހަށް ކައިވެނިކުރާނެ ކަމުގެ އަޑު ފެތުރިފައިވާއިރު މިއީ ދެތަރިން އެކީގައި ރާއްޖެއައި ފުރަތަމަ ފަހަރެވެ.

އާލިއާވަނީ މީގެ ދުވަސްކޮޅެއް ކުރިންވެސް އޭނާގެ ރައްޓެހިންތަކަކާއެކު ރާއްޖެ އައިސްފައެވެ.

އެހެންނަމަވެސް އެދުވަސްކޮޅާ ދިމާކޮށް ލޯބިވެރިޔާ ރަންބީރުގެ ބޮޑުބޭބޭ ރާޖީވް ކަޕޫރުގެ ކުއްލި މަރާއެކު އާލިއާވަނީ އޭނާގެ ޗުއްޓީ ކުރުކޮށްލުމަށްފަހު އެނބުރި އިންޑިއާއަށް ގޮސްފައެވެ.

މީގެކުރިން ރަންބީރް ކަޕޫރުވަނީ އޭރު އޭނާގެ ލޯބިވެރިޔާ ބަތަލާ ކެޓްރީނާ ކައިފްއާއެކުވެސް ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފައެވެ.

އާލިއާ އާއި ރަންބީރު ކަޕޫރު މިވަގުތު ޗުއްޓީ ހޭދަކުރަމުން އަންނަނީ ކޮން ރިސޯޓެއްގައި ކަމެއް އަދި ސާފެއް ނުވެއެވެ.

މިދެތަރިންގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު ދެތަރިން އެކީގައި ކުޅޭ ފިލްމު "ބްރައްމަޝްތްރާ" ގެ މަސައްކަތް ވަރަށް ހަލުވި ސްޕީޑެއްގައި ކުރިއަށްދަނިކޮށް މިހާރު އަނެއްކާވެސްވަނީ ހުއްޓުމަކަށް އައިސްފައެވެ.

ގިނަ ދުވަސްތަކަށް ދިގުދެމިގެން ގޮސްފައިވާ މިފިލްމު ރިލީޒްކުރެވޭނެ ތާރީޚެއް އަދިވެސްވަނީ ކަށަވަރު ނުވެފައެވެ.

އިންޑިއާގެ މީޑިއާއާއި ހަވާލާދީ ގިނަ ފަރާތްތަކުން ބުނެފައިވަނީ އާލިއާގެ އެންމެ އަވަހަށް ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ފިލްމު "ގަންގޫ ބާއީ ކަތިއާވާޅީ" ވެސް މިހާރު ތައްޔާރުވަމުން އަންނަނީ ޑިޖިޓަލް ރިލީޒިންގ އަކަށެވެ.

ބޮލީވުޑްގެ ގިނަ ތަރިންތަކެއްގެ ޗުއްޓީ މަންޒިލަކަށް ރާއްޖެ ވެފައިވާއިރު ދާދިފަހުން ރާއްޖެ އައި މަޝްހޫރު ތަރިންގެތެރޭގައި ބަތަލާ މާދޫރީ ޑިކްސިޓް، ޝްރަދާ ކަޕޫރު، ޝިލްޕާ ޝޭޓީ، ދިއާ މިރްޒާ، ތާޕްސީ ޕަންނޫ، އަނަންޔާ ޕާންޑޭ، ބިޕާޝާ ބާސޫ،ޖާންވީ ކަޕޫރު އަދި ކޮރިއަރ ގްރާފަރ ފަރާ ޚާން ހިމެނެއެވެ.

މި ވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ބޮލީވުޑްގެ ތަރިންގެ ތެރޭގައި ބަތަލާ ސާރާ އަލީ ޚާނާއި މަންމަ އަމްރިތާ ސިންގް އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެ ތަރިން ކަމަށްވާ ޓައިގާ ޝްރޮފާއި ޑިޝާ ޕަޓާނީ ހިމެނެއެވެ.