އިންޑިއާގެ ވެރިރަށް ނިއުދިއްލީން ފުރައިގެން ހޮންގްކޮންގަށްދިޔަ ފްލައިޓަކުން ދަތުރުކުރި މީހުންގެ ތެރެއިން 49 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހޮންގްކޮންގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ، ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އިންޑިއާގެ ވިސްޓާރާއިން އޮޕަރޭޓްކުރާ ފްލައިޓަކުން މި އޭޕްރީލްމަހުގެ 4 ވަނަ ދުވަހު ހޮންގްކޮންގަށް ދަތުރުކޮށްފައިވާ މީހުން ކަމަށެވެ.

ފްލައިޓްގައި ދަތުރުކޮށްފައިވަނީ ޖުމްލަ ކިތައް މީހުންކަމެއް ހޮންގްކޮންގުން ހާމައެއް ނުކުރެއެވެ.

49 ފަސިންޖަރުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ، ބޭރު ގައުމުތަކުން އަންނަ މީހުން 3 ހަފްތާގެ މުއްދަތަށް ކަރަންޓީނުވާން ޖެހޭގޮތަށް ކަނޑައަޅާފައިވާ އުސޫލުގެދަށުން އެމީހުން ކަރަންޓީނުގައި ތިއްބައެވެ.

އިންޑިއާއިން ދިޔަ ފްލައިޓަކުން ދަތުރުކުރި ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައި މިވަނީ، އިންޑިއާ، ޕާކިސްތާން އަދި ފިލިޕީންސުން އަންނަ ހުރިހާ ފްލައިޓެއް ދެ ހަފްތާގެ މުއްދަތަށް ހޮންގްކޮންގަށް ދަތުރުކުރުން މަނާކުރި ކުރުމަށް އިއްޔެ އަމަލުކުރަން ފަށާފައިވަނިކޮށެވެ.

އެ ތިން ގައުމުން އަންނަ ހުރިހާ ފްލައިޓެއް، ހޮންގްކޮންގުން މަނާކުރީ ކޮވިޑް ބަލީގެ ހާލަތު އެގައުމުތަކުގައި ވަރަށް ބޮޑަށް ގޯސްވަމުންދާތީއެވެ.

އޭޕްރީލް 4 ގައި އިންޑިއާއިން އައި ފްލައިޓަކުން ދަތުރުކުރި މީހުންގެ ތެރެއިން 49 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، މި އަދަދު ހޮންގްކޮންގަށް ވެފައިވަނީ ވަރަށް މަތީ އަދަދަކަށެވެ. ސަބަބަކީ، ހޮންކޮންގުން ކޮންމެ ދުވަހަކު އަލަށް ޕޮޒިޓިވްވަމުންދާ އަދަދުތަކަށްވުރެ ފްލައިޓުން ޕޮޒިޓިވްވި މީހުންގެ އަދަދު ގިނަ ވުމުންނެވެ.

އަދި އިންޑިއާއިން އައި ފްލައިޓަކުން 49 މީހަކު ޕޮޒިޓިވް ވެފައިމިވަނީ، ކޮވިޑްބަލީގެ ހަތަރުވަނަ ރާޅު ހޮންގްކޮންގުން މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި ކޮންޓްރޯލް ކޮށްފައި ވަނިކޮށްވެސް މެއެވެ.

މިކަމާ ގުޅޭގޮތުން ވިސްޓާރާގެ ތަރުޖަމާނެއް ވިދާޅުވެފައިވަނީ، އެ ކުންފުނީގެ މަތިންދާ ބޯޓްތައް ދަތުރުކުރަނީ އިންޑިއާ ސަރުކާރުން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް ފުރިހަމައަށް އަމަލުކުރުމާއެކު، ފްލައިޓް ދަތުރުކުރާ ގައުމުން ކަނޑައަޅާފައިވާ އުސޫލުތަކަށް ފައްތައިގެން ކަމަށެވެ.

އިންޑިއާގައި ކޮވިޑްބަލީގެ ހާލަތު ދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ. ބަލިމީހުން ގިނަވެ ހޮސްޕިޓަލްގެ އެނދުތައް ފުރި، ސަރުކާރުން މިހާރުދަނީ ބަލި ފެތުރުން ހުއްޓުވަން ވޭންބޮޑު ފިޔަވަޅުތައް އަޅަން ފަށާފައެވެ.

ރޭ މެންދަމުން ފެށިގެން ވެރިރަށް ނިއުދިއްލީވަނީ 7 ދުވަހަށް އެއްކޮށް ލޮކްޑައުން ކޮށްފައެވެ.